މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި، އެ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެއެވެ. ސީބީއެސް ނިއުސް އިން ހާމަކޮށްފައިވާގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ މަތިންދާބޯޓުތަކާއި، ފަޅައިގެން ގޮސްފައިވާ ޓެންޓްތަކުގެ އިތުރުން އަސްކަރީ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި މައުލޫމާތުތަކާއި ފޮޓޯތައް ސީބީއެސް ނިއުސްއާ ހިއްސާކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާ، ކުވައިތު އަދި އެ ސަރަހައްދުގެ އެހެންވެސް ޤައުމުތަކުގައި ތިބި އެމެރިކާގެ ސިފައިންނެވެ. ނަމަވެސް، އަސްކަރީ މުވާސަލާތީ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މި ފަރާތްތަކުގެ ނަންތައް ވަނީ ސިއްރުކޮށްފައެވެ.
ޕެޓަގަންގެ އިންސްޕެކްޓަރ ޖެނެރަލް ޢާންމުކުރި ރިޕޯޓަކުން ދައްކާގޮތުގައި، ފެބްރުއަރީ 28 އިން ޖޫން މަހާ ދެމެދު ހިންގި ޢަސްކަރީ ކެމްޕޭނަށް ޖުމްލަ 33.4 ބިލިއަން ޑޮލަރު ޚަރަދުވެފައިވެއެވެ. އޭގެ ތެރެއިން 22.3 ބިލިއަން ޑޮލަރު ޚާއްޞަކޮށްފައިވަނީ ހަތިޔާރާއި ވަޒަން ހޯދުމަށެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ އިންވެންޓްރީތަކަށް ހުސްކަމެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަތަކާ ފުށުއަރާ ކަމެކެވެ. ރައީސް ޓްރަމްޕް ވިދާޅުވަމުންދަނީ އެމެރިކާގެ ހަތިޔާރުގެ ސްޓޮކްތައް އަދިވެސް ވަރަށް ވަރުގަދަ ކަމަށާއި، ވަޒަން ސަޕްލައި ކުރުމުގައި އެއްވެސް ދައްޗެއް ނުއުޅޭ ކަމަށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާޢީލުން އީރާނާ ދެކޮޅަށް ފެށި އޮލީބީ ސަހުޔޫނީ ހަނގުރާމައިގެ މަޤުޞަދަކީ އީރާނަށް ނިއުކްލިއާ ޤާބިލުކަން ހުއްޓުވުން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، މީގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި މިހާތަނަށްވެސް އެމެރިކާއަށް އީރާން ބަލިކުރެވިފައެއް ނުވެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ތެޔޮ އުފުލުމުގައި އެންމެ މުހިންމު އެއް ކޮރިޑޯ ކަމަށްވާ ހުރުމުޒު ކަނޑު އޮޅީގެ ދަތުރުފަތުރު އީރާނުން ކޮންޓްރޯލު ކުރުމާ ގުޅިގެން، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރަން ފަށާފައެވެ.






