މައްކާއަށް އުމުރާއަށް ނުވަތަ ހައްޖަށް ކުރާ ދަތުރަކީ ބައެއް ބޭފުޅުން ގައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރު ކަމަށް ވެދާނެއެވެ. އަދި ހައްޖާއި އުމުރާގައި ޖަމާއަތެއްގެ ގޮތުގައި ގިން ބަޔަކު އެކުގައި ގެންގުޅުމަކީ ލޮޖިސްޓިކްގެ ގޮތުން ގޮން ޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމުގައި ވެދާނެއެވެ.
އުމުރުން ދުވަސްވީ އުމުރާ ވެރިންނަށް އެ ކާރޫބާރު ބޮޑު މާހައުލުގައި މަގު އޮޅުމާއި ގެއްލިދިއުމުގެ ނުރައްކާތެރިކަން އޮތުމާއި، ދަތުރު މަތީގައި ފޮށިތަންމަތި ގެއްލުމާއި އަދި ޤާފިލާ އިންތިޒާމުކުރާ ފަރާތްތަކުން ކަރުދާސް ލިސްޓުތައް ހެދުމާއި ޓެގްތައް ހެދުމާއި ވައިބަރ ގްރޫޕްތަކަށް ބަރޯސާވާންޖެހުމަކީ ލޮޖިސްޓިކްގެ ގޮތުން އާންމުކޮށް ދިމާވާ މައްސަލަތަކެކެވެ.
ރާއްޖެއާ 4،000 ކިލޯމީޓަރު ދުރުގައި މައްކާގެ ކާރޫބާރު ބޮޑު މާހައުލުގައި ދިވެހިންނަށް ތަކުލީފު ކުޑަ ގޮތަކަށް، އަމާން އޮމާން ދަތުރެއް ތަޖުރިބާ ކޮށްލާނެ ގޮތަކާ މެދު ވިސްނައި ހައްލެއް ހޯދައި ދެވޭނީ ގިނަ އުމުރާދަތުރުތަކެއް ކޮށް، ބޮޑު ޖަމާއަތެއްގައި މީހުންނާއެކު އުޅުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.
އުމުރާވެރިންގެ ދަތުރު ނިޔާމަކޮށް ދިނުމަށް، އަޙްމަދު ސަމީރު ވަނީ ސުމޭކް ހައްލެއް ހޯއްދަވައި ދެއްވާފައެވެ. އޭނާ ތައްޔާރު ކުރައްވާފައިވާ "UmrahMV" އަކީ ގިނަ ފީޗާތައް ހިމެނޭ އެޕެކެވެ. މިއީ އުމުރާއަށް ދާމީހާ ނުވަތަ އޭނާގެ ދަތުރު އިންތިޒާމު ކޮށްދޭ ގްރޫޕުން ދަތުރު ފަށާ ހިސާބުން ފެށިގެން ގޮސް ދަތުރު ނިމެންދެން ދަތުރު މަތީގެ ހުރިހައި މަރުހަލާއަކާ ގުޅޭ ކަންކަން އޮމާންކޮށް އިންތިޒާމު ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ.
މި އެޕަކީ، އޭނާ އަމިއްލައަށް ކުރެއްވި ގިނަ ދަތުރުތަކުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ފަރުމާކުރެއްވުމަށްފަހު، އަމަލީ ގޮތުން ޓެސްޓުކޮށްފައިވާ ޕްލެޓްފޯމެކެވެ.
އޭނާގެ އަމާޒަކީ މި އެޕް ރާއްޖޭގެ ހުރިހާ ޙައްޖު އަދި ޢުމްރާ ގްރޫޕްތަކަށް ސަދަޤާޖާރިޔާއެއްގެ ގޮތުގައި ހިލޭ ފޯރުކޮށްދެއްވާށެވެ. އެ ގޮތުން މިހާރުވެސް ބައެއް އުމުރާ ގްރޫޕުތަކުން މި އެޕް ބޭނުން ކުރަމުން ގެންދެއެވެ.

ނިޔާމަ ޢުމުރާ ދަތުރެއްގެ ފެށުން
- އުމުރާ އެމްވީގެ ޚިދުމަތް ފެށެނީ އުމުރާއަށް ފުރާމީހާ ބޯޓަކަށް އެރުމުގެވެސް ކުރިންނެވެ. ދަތުރަށް ފުރުމުގެ ތައްޔާރީތައް ފެށޭ ހިސާބުން، މި އެޕްލިކޭޝަނުން އެކި މަރުހަލާތަކުގެ ކަންކަން ދެފުށްފެންނަ ގޮތަކަށް އިންތިޒާމުކޮށްދެއެވެ.
ޑިޖިޓަލް ފޮށިތަންމަތި ރަޖިސްޓްރީ ކުރުން:
- ޗެކިން ކުރުމުގެ ކުރިން، ކޮންމެ ފޮށިތަންމައްޗެއް ޑިޖިޓަލްކޮށް ޓެގްކޮށް، އުމުރާވެރިޔާގެ އަމިއްލަ ޕްރޮފައިލްގައި ނޯޓުކުރެވެއެވެ. ޓްރާންސިޓް މަރުކަޒުތަކުގައި ނުވަތަ ސަޢޫދީގެ ހޮޓަލެއްގައި ފޮއްޓެއް ގެއްލިއްޖެނަމަ، މަރުކަޒީ ޑޭޓާބޭސް މެދުވެރިކޮށް ވަގުތުން އެ ފޮއްޓެއް ހޯދައިގަނެވޭނެއެވެ.
ފްލައިޓާއި ގްރޫޕް މަޢުލޫމާތު:
- އުމުރާވެރިޔާ ދަތުރަށް ފުރާ ވަގުތުގެ ސައްޙަ މަޢުލޫމާތާއި، ގޭޓުގެ އަޕްޑޭޓްތަކާއި، ގްރޫޕް އެއްވާނެ އިރުޝާދުތައް އެޕް މެދުވެރިކޮށް އެއް ތަނަކުން ލިބިގެންދެއެވެ.

ބޭރުގެ ދަތުރުތަކާއި އިންތިޒާމުތައް
- ސަޢޫދީގެ އެއާޕޯޓުތަކާއި، ހޮޓާތަކާއި، ސައޫދީގައި ކުރާ އެތެރޭގެ ދަތުރުތައް އިންތިޒާމުކުރުމަކީ ގިނަފަހަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމެކެވެ. ނަމަވެސް "UmrahMV" މެދުވެރިކޮށް މިކަންކަން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދެއެވެ.
ޑިޖިޓަލްކޮށް އެކޮމޮޑޭޝަން ތަރުތީބުން:
- މައްކާ ނުވަތަ މަދީނާގެ ހޮޓާތަކަށް އާދެވުމާއެކު، ހާޖީން ކިޔޫގައި މަޑުކުރަން ނުޖެހި ވަގުތުން ޗެކިންގެ މަރުޙަލާ ނިންމާލެވެއެވެ. ކޮޓަރި ނަންބަރާއި ކޮޓަރީގައި ތިބޭނެ މީހުންގެ މަޢުލޫމާތު އެޕުން ފެންނަން ހުންނާނެއެވެ. އަދި މީހުން ތަރުތީބުކޮށް ހަމަޖެއްސުމުގައި ޖިންސަށް ރިއާޔަތް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެވިފައި ވާނެއެވެ.
ލައިވްކޮށް ބަސް ދަތުރުތައް ބެލެހެއްޓުން:
- ބަސް ދަތުރުތައް ލައިވްކޮށް ޖީޕީއެސް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އުމުރާވެރިޔާގެ ބަސް އަންނާނެ ކަމަށް ލަފާކުރެވޭ ވަގުތާއި އީޓީއޭ ވަގުތުން އޮޅުން ފިލާނެއެވެ. އަދި މިކަމުގެ ސަބަބުން ބަސްތައް އޮޅިގެން ނުދާނެއެވެ.
މަރުކަޒީ ތާވަލުތައް:
- އުމުރާ ޖަމާއަތުގެ މީހުންގެ ކެއުމުގެ ވަގުތުތައް ތާވަލް ކުރުމާއި ތާރީޚީ ތަންތަނަށް ކުރާ ޒިޔާރަތްތަކުގެ ތާވަލުތައް ސީދާ ޕްލެޓްފޯމުން ފޯރުކޮށް ދޭނެއެވެ.
ރައްކާތެރިކަމާއި ފަސޭހަކަން:
- މި އެޕްލިކޭޝަންގެ އެންމެ މުހިންމު އެއް ބޭނުމަކީ މައްކާގެ އެތެރޭގައި އުމުރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
ގެއްލޭ އުމުރާވެރިން ހޯދުން:
- މަސްޖިދުލްޙަރާމްގެ ވަށައިގެންވާ ބާރުބޮޑު މާހައުލުގައި މަގު އޮޅި ގްރޫޕަކުން މީހާ ވަކިވާ ޙާލަތްތަކުގައި، ލައިވްލޮކޭޝަން ޙިއްޞާކޮށްގެން ގްރޫޕް ލީޑަރުންނަށް ނުވަތަ ހޮޓަލަށް އެނބުރި ދާނެ މަގު އެޕުން ދައްކައިދޭނެއެވެ.
ޚާއްޞައެހީއާއި ވީލްޗެއަރގެ އެހީތެރިކަން:
- ޙަރަމްފުޅުގެ މަގުތަކާއި، ރޭމްޕްތަކާއި، ވީލްޗެއަރއަށް ޚާއްޞަ ސަރަޙައްދުތައް ދައްކައިދިނުމުގެ އިތުރުން، ޠަވާފާއި ސަޢުޔު ކުރުމުގައި ގްރޫޕް ލީޑަރުންގެ އެހީތެރިކަމަށް އެޕް މެދުވެރިކޮށް އެދެވޭނެއެވެ.
ތިން ބަހުގެ އިންޓަރފޭސް:
- މި އެޕް ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުން ބޭނުންކުރެވެއެވެ. އެހެންކަމުން ދިވެހި އުމުރާވެރިންނަށް ދިވެހިބަހުން ފަސޭހަކަމާއެކު އެޕް ބޭނުންކުރެވޭނެ އެވެ.، އަދި ޚިދުމަތް ދޭން ތިބޭ ސަޢޫދީގެ ޚިދުމަތްތެރިންނާއި ޑްރައިވަރުންނާ މުޢާމަލާތްކުރަން ޢަރަބި އަދި އިނގިރޭސި ބަސް ބޭނުންކުރެވެއެވެ.
އުމުރާ އެމްވީ އިން ވަނީ ދަތުރުގެ ކަންކަން ފަސޭހަކޮށް ރާވައިދީ މުޅި ދަތުރު ފަސޭހަ ޑިޖިޓަލް ތަޖުރިބާއަކަށް ބަދަލުކޮށްދީފައެވެ.







