ވައިޓް ހައުސްއަށް ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައްދައިގެން ނުވާނެ: ޓްރަމްޕް

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެމެރިކާގެ މަޝްހޫރު ތިން ނޫސް އިދާރާއެއް ކަމަށްވާ ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ، ވައިޓް ހައުސްއަށް ވަނުން މަނާކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ނޫސް އިދާރާތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ނިންމެވީ ދޮގު ޚަބަރު ފަތުރާ ކަމަށް ތުހުމަތުކުރައްވަމުންނެވެ. އަދި އެމެރިކާގެ ރައީސާއި، ޓްރަމްޕްގެ ސަރުކާރާ އަދި އެމެރިކާއާ ބެހޭގޮތުން ޚަބަރު ފަތުރާއިރު ދޮގު މަޢުލޫމާތާއި ވާހަކަ އުފައްދައިގެން ޚަބަރު ފެތުރުމުގެ ފުރުޞަތު މީޑިއާއަށް ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި އިތުރު މީޑިއާއަށްވެސް މިފަދަ ފިޔަވަޅުތައް އަންނާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

ޓްރަމްޕަކީ އޭނާއަށް ފާޑު ކިޔުން ހަޖަމު ނުކުރެވިގެން މޭކަރައިގެން ޒާތީވާ މީހެކެވެ.

ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން އެމެރިކާގެ ޤާނޫނުއަސާސީގެ ފުރަތަމަ އިސްލާޙުން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ އިދިކީލަ ފިޔަވަޅެއްގެ ގޮތުގައި ބަލައިގެން މި މައްސަލަ ކޯޓުތަކަށް ހުށަހެޅާނެއެވެ. މިކަމާ ގުޅިގެން ސީއެންއެން، އެމްއެސް ނައު، ޕޮލިޓިކޯ އަދި ނޭޝަނަލް ޕްރެސް ކްލަބުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރައީސް ޓްރަމްޕް ވަނީ އޭނާގެ ސަރުކާރަށް ފާޑުކިޔާ ނުވަތަ މަޖާޒީ ގޮތުން ޖޯކުޖަހާ ޕްރޮގްރާމްތައް ހުއްޓުވުމަށް ބްރޯޑްކާސްޓަރުންނަށް ވެސް މީގެ ކުރިން އިންޒާރު ދީފައެވެ. އަދި ޚަބަރުތައް ގެނެސްދޭ ގޮތުން ހިތްޕުޅާނުވެގެން، ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނަށް އަންގައިގެން ވަކިވަކި ސްޓޭޝަންތަކުގެ ލައިސަންސް ބާތިލުކުރުމަށްވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

ނަމަވެސް، މީޑިއާ އާދެކޮޅަށް ޓްރަމްޕް ކުރައްވާ ޤާނޫނީ ހަނގުރާމަތަކުގައި ކޯޓުތަކުންނާއި ނޫސްވެރިންގެ އިދާރާތަކުން ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން، ޓްރަމްޕަށް ވަނީ އެކި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، ޖުލައި މަހުގެ ނިޔަލަށް، ޓްރަމްޕްގެ ރިޔާސީ އުޅަނދުގެ ސެކިއުރިޓީއާ ބެހޭގޮތުން ލިޔުންތަކެއް ލިޔުނު ނިއުޔޯކް ޓައިމްސްގެ ނޫސްވެރިންނަށް ފޮނުވާފައިވާ އަމުރުތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މީގެއިތުރުން، ޓްރަމްޕްގެ މުއްސަނދިކަމާއި ކޮރަޕްޝަނާ ބެހޭގޮތުން ލިޔުނު ފޮތަކާއި ގުޅިގެން ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް އަދި ޖެފްރީ އެޕްސްޓީންއަށް ފޮނުއްވި ސިޓީއެއް ބޭޒާރު ކޮށްލުމާ ގުޅިގެން ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށްވެސް އަބުރާ ބެހުނު ކަމުގެ ދަޢުވާތައް ޓްރަމްޕް ވަނީ އުފުއްލަވާފައެވެ.

ފާއިތުވި އަހަރު، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން 'ގަލްފް އޮފް މެކްސިކޯ' ގެ ނަން 'ގަލްފް އޮފް އެމެރިކާ' ގެ ގޮތުގައި ބޭނުންކުރުމަށް ޓްރަމްޕް އެދިވަޑައިގެންނެވި ގޮތަށް ދީލާ ނުލުމުން، ރައީސްގެ ހަރަކާތްތައް ކަވަރުކުރާ ނޫސްވެރިންގެ ޕޫލުން އޭޕީ ވެސް ވަނީ ބޭރުކޮށްލާފައެވެ.

މީގެކުރިން އޭބީސީ އަދި ސީބީއެސްއާ ދެކޮޅަށް އުފުލި ދަޢުވާތައް 2024 ގެ ޑިސެމްބަރު އަދި 2025 ގެ ޖުލައި މަހު ނިމުމަކަށް އައީ، އެ ބްރޯޑްކާސްޓަރުންގެ ފަރާތުން 15 މިލިއަން އަދި 16 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވުމުންނެވެ. އޭބީސީއާ ދެކޮޅަށް ދަޢުވާކުރީ ޖިންސީ ގޯނާގެ މައްސަލައެއްގައި ޓްރަމްޕާ ދެކޮޅަށް އައި މަދަނީ ހުކުމަކާ ބެހޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އަދި ސީބީއެސްއާ ދެކޮޅަށް ކޯޓަށް ވަޑައިގަތީ 2024 ގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ކަމަލާ ހެރިސްއާއެކު ކުރެވުނު އިންޓަވިއުއެއްގެ ވީޑިއޯ ކްލިޕްތަކެއް ބެލުންތެރިންނަށް އޮޅުންއަރާގޮތަށް އެޑިޓްކޮށްގެން ފޮނުވި ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!