މަސްނޫއީ ބުއްދި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެކުލަވާލި ދޮގު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން، އެމެރިކާއާއި ޗައިނާއާ ދެމެދު ނުރައްކާތެރި އަސްކަރީ ކުރިމަތިލުމެއް ހިނގުމާކައިރި ވެފައިވަނިކޮށް އެކަން ހުއްޓުވައިފިއެވެ.
ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައެވެ. އެމެރިކާ ސިފައިން ތިބީ ޗައިނާގެ އާގުބޯޓަކަށް އަރައި، އެ އުޅަނދު ހިފެހެއްޓުމަށް ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވެފައެވެ. އެގޮތުން، އެމެރިކާ ސިފައިންގެ މަތިންދާބޯޓުތައް ވަނީ އެ އުޅަނދުގެ މަތިން ހޯރައަޅައި ސިފައިން އެ އުޅަނދަށް އެރުމަށް ތައްޔާރު ކޮށްފައެވެ. މި އޮޕަރޭޝަން ހިންގަން އުޅުނީ، އެ އުޅަނދުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ މާއްދާތަކެއް ހުރިކަމަށް މަސްނުއީ ބުއްދިން އެކުލަވާލި ރިޕޯޓަކުން ދެއްކުމުންނެވެ.
ނަމަވެސް، އޮޕަރޭޝަން ފެށުމުގެ ދާދި ކުޑަވަގުތުކޮޅެއް ކުރިން އެ ރިޕޯޓް އަލުން މުރާޖައާކުރުމުން، އެއީ އޭއައި ބޭނުން ކޮށްގެން އުފައްދާފައިވާ ދޮގު ރިޕޯޓެއް ކަން ވަނީ ހާމަވެފައެވެ. އެމެރިކާގެ ޕެސިފިކް ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުގެ އެނަލިސްޓަކު ބޭނުންކުރި އޭއައި ޕްރޮގްރާމުން ވަނީ އާންމުކޮށް ލިބެންހުރި މައުލޫމާތާއި ސިއްރު މައުލޫމާތުތައް އެއްކޮށްލައިގެން ނުބައި ތަހުލީލެއް އެކުލަވާލާފައެވެ. އެއަށްފަހު، އެނަލިސްޓު ވަނީ އެ މައުލޫމާތުތައް ބޭނުންކޮށްގެން ސިފައިންގެ އިސް އޮފިޝަލުން އިތުބާރުކުރާ ފެންވަރުގެ ރިޕޯޓެއް އެކުލަވާލައި ވެރިންނަށް ފޮނުވާފައެވެ.
އެމެރިކާގެ މަސްދަރަކުން ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިއީ "ބޮޑު ހަނގުރާމައެއް ފެށުމާ ދިމާއަށް ދިޔަ" ހާދިސާއެއް ކަމަށެވެ. އަދި ޗައިނާގެ އުޅަނދަކަށް އެމެރިކާ ސިފައިން ހަމަލާ ދިންނަމަ، ދެ ގައުމުގެ މެދުގައި ސީދާ އަސްކަރީ ކުރިމަތިލުމަކަށް ދާނެކަން އޭނާ ފާހަގަކުރިއެވެ.
އެމެރިކާ ސިފައިން ދަނީ ހަނގުރާމައިގެ މައިދާނުގައި އަވަސް ނިންމުންތައް ނިންމުމަށާއި، ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުމަށް މަސްނޫއީ ބުއްދީގެ ވަސީލަތްތައް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންނެވެ. މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ ސިފައިންގޭގައި އޭއައި ބޭނުންކުރުން އަވަސްކުރުމަށް "އޭއައި އެކްސެލަރޭޝަން ސްޓްރެޓެޖީ" އެކުލަވާލައްވާފައެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ޗައިނާއާއެކު އޮތް ޓެކްނޮލޮޖީގެ ވާދަވެރިކަމުގައި ފަހަތަށް ޖެހެވެން ނެތުމުން، އޭއައި ބޭނުންކުރުމަށް އެމެރިޚާއަށް ވަނީ މަޖުބޫރުވެފައެވެ.
ނަމަވެސް، އެމެރިކާގެ އަސްކަރީ އިދާރާތަކުގައި އޭއައި ބޭނުންކުރުމުގައި އެއްގޮތް ސިޔާސަތުތަކަކާއި ރައްކާތެރިކަމުގެ މިންގަނޑުތައް ދޯހަޅި ކަމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އަދި އޭއައިއިން ނުބައި މައުލޫމާތު އުފެއްދުމުގެ މައްސަލަތައް އިންޓެލިޖެންސް އިދާރާތަކުގައި އާންމުވަމުންދާކަން މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާއެކު، ވޮޝިންގްޓަންގެ ސިޔާސީ މައިދާނުގައި އޭއައިގެ ކޮންޓްރޯލް އިންސާނުންގެ އަތުން ނެއްޓިގެން ހިނގައިދާނެކަމުގެ ބިރުވެރިކަމާމެދު ވެސް ވާހަކަ ދައްކަން ފަށާފައި ވެއެވެ!





