ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ އިރާނުގެ "ބޭންކު މިއްލަތު" ގެ މައި ގޮފީގެ އޮޕަރޭޓިން ލައިސަންސް ބާތިލުކުރުމަށް ތުރުކީގެ ބޭންކިން ރެގިއުލޭޓަރީ އެންޑް ސުޕަވައިޒަރީ އޭޖެންސީ (ބީޑީޑީކޭ) އިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އިރާނަށް ކުރިމަތިކޮށްފައިވާ އިގްތިސާދީ ފިއްތުންތައް ބޮޑުކުރުމަށް އެމެރިކާއިން ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.
ތުރުކީގެ ސަރުކާރުގެ ރަސްމީ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އިރާނުގެ ތެހެރާންގައި މައި އޮފީސް ގާއިމުވެފައިވާ ބޭންކު މިއްލަތުގެ އިސްތަންބޫލް ސެންޓްރަލް ބްރާންޗުގެ ލައިސަންސް ބާތިލުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މި އިއުލާނުގައި އެމެރިކާގެ ފިޔަވަޅުތަކަކަށް ނުވަތަ ބޭންކުގެ ހިންގުމާ ގުޅޭ ވަކި މައްސަލަތަކަކަށް ސީދާ އިޝާރާތްކޮށްފައެއް ނުވެއެވެ.
މި ލައިސަންސް ބާތިލުކުރުމުގައި ހަވާލާދީފައިވަނީ ތުރުކީގެ ބޭންކިން ގާނޫނުގެ 71 ވަނަ މާއްދާގެ (ބ) އަށެވެ. އެ މާއްދާގައިވާ ގޮތުން، އެ މުއައްސަސާއެއްގެ ހިންގުން ކުރިއަށްގެންދިއުމަކީ ފައިސާ ރައްކާކުރާ ފަރާތްތަކާއި ބައިވެރިވާ ފަންޑުތަކުގެ ހައްގުތަކަށާއި، މާލީ ނިޒާމުގެ ރައްކާތެރިކަމާއި ތަރުތީބަށް އޮތް ނުރައްކަލެއް ކަމަށްވާނަމަ ލައިސަންސް ބާޠިލު ކުރެވޭނެ ކަމަށެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އީރާނު ސަރުކާރުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ބޭންކު މިއްލަތަކީ އިރާނު ސަރުކާރަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ. އަދި މިއީ އެމެރިކާ، އީޔޫ އަދި އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ބޭންކެކެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ ތުރުކީގެ ކުޑަ އިންވެސްޓްމަންޓް ބޭންކަކާއި އޭގެ ދެ ސަބްސިޑިއަރީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެ ފިޔަވަޅުތައް އަޅާފައިވަނީ ޗައިނާއާއި އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ގުދްސް ފޯސްއާ ދެމެދު ކުރެވޭ ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ކަމަށް ތުހުމަތުކޮށެވެ.
އޭގެއިތުރުން، އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން ކުރި މަޝްވަރާތަކަށްފަހު، ތުރުކީވިލާތާއި އޮމާންއިން އިރާނުގެ މަހާން އެއާލައިންގެ ދަތުރުތައް އެ ގައުމުތަކަށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށްވެސް އެމެރިކާގެ ޓްރެޜަރީން ވަނީ ހާމަކޮށްފައެވެ.





