ޓިބެޓްގެ ބަސް އުވިދާނެތީ ޤަރާރެއް ފާސްކޮށްފި

ސިޔާސީ ހިމާޔަތުގައި ޓިބެޓުން ބޭރުގައި އުޅޭ ޓިބެޓުގެ އިދާރާތަކާއި މުއައްސަސާތަކުގެ ރަސްމީ މަސައްކަތްތަކުގައި އެހެން ބަސްބަސް މަސްހުނި ނުކޮށް، ހަމައެކަނި ޓިބެޓު ބަސް ބޭނުންކުރުން ލާޒިމުކުރާ ޤަރާރެއް ގައުުން ބޭރުގައި އުޅޭ ޓިބެޓު މީހުންގެ ޕާލަމެންޓުން ފާސްކޮށްފިއެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ހިނގަމުންދާ 18 ވަނަ ޓިބެޓިއަން ޕާލަމެންޓުގެ ދެވަނަ ދައުރުގެ ތެރޭގައެވެ.

މި ޤަރާރުގެ ދަށުން ސެންޓްރަލް ޓިބެޓިއަން އެޑްމިނިސްޓްރޭޝަން (ސީޓީއޭ) ގެ ވެރިންނާއި، މަސްއޫލުވެރިން އަދި މުވައްޒަފުން ރަސްމީ ވާޖިބުތައް އަދާކުރުމުގައި ޓިބެޓު ބަސް ބޭނުންކުރުމަށް ވަނީ އަންގާފައެވެ.

ޤަރާރަށް ތާއީދުކުރައްވައި ވާހަކަދައްކަ ދެއްކި މެމްބަރު ވިދާޅުވީ، ޓިބެޓުގެ ޑިމޮކްރެޓިކް ތިން ބާރުންވެސް ރަސްމީ މަސައްކަތުގައި ޓިބެޓު ބަސް ބޭނުންކުރާ މިންވަރު އިތުރުކޮށް، ނަމޫނާ ދައްކަންޖެހޭ ކަމަށެވެ. ބަހަކީ ހަމައެކަނި މުޢާމަލާތުކުރުމުގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ ޓިބެޓުގެ އަމިއްލަ ވަންތަކަމާއި، ޘަޤާފަތާއި، ދެމިއޮތުމާ ގުޅިފައިވާ މުހިންމު ރައުސްމާލެއް ކަމަށް ފާހަގަކުރިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަސްމީ މައިދާން ގައި ޓިބެޓު ބަހުން ވާހަކައްކާ އާދަ އަށަގަންނުވަންޖެހެނީ އާންމު ޚިދުމަތްތެރިންގެ ތެރެއިންނެވެ.

އެހެން މެމްބަރަކު ވިދާޅުވީ އަމިއްލަ ބަހުން ވާހަކަދެއްކުމަށް ހިތްވަރުދޭން ޕާލަމެންޓް ޤަރާރެއް ހުށަހަޅަންޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އާންމުންނާއެކު ކުރެވޭ މުޢާމަލާތްތަކުގައި ވެރިން ޓިބެޓު ބަސް ބޭނުންކުރުމުން، ސަރުކާރުގެ މުއައްސަސާތަކާއި އާންމުންނާ އޮންނަ ގުޅުން ބަދަހިވެ، އާ ޖީލުތަކަށް ނަމޫނާއަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓިބެޓު ބަސް ރައްކާތެރިކުރުމަކީ ހަމައެކަނި ޗައިނާގެ ދަށުގައިވާ ޓިބެޓުގައި ހިންގާ ބަހުގެ ސިޔާސަތުތަކަށް ދެވޭ ރައްދެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، އެއީ އަމިއްލަ ވަންތަކަން ސާބިތުކޮށްދިނުމުގެ މުހިންމު ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓިބެޓު މީހުން ބިރު ގަންނަނީ މައްސުނި ވަމުން ދިއުމާއެކު އެ ބަހާއި ސަގާފަތް ގެއްލި ދާނެތީއެވެ.

ޓިބެޓް ގެ ސިޔާސީ ހިމާޔަތުގެ ސަރުކާރުގެ ތިން ބާރުގެ ތެރޭގައި ބޭނުން ކުރެވޭ ވަރަށް ޓިބެޓު ބަހުގެ އެކަށީގެންވާ ލަފުޒުތައް ހުރިނަމަވެސް، ރަސްމީ މުޢާމަލާތްތަކުގައި ބޭނުމެއްނެތް އިނގިރޭސި ލަފުޒުތައް ބޭނުންކުރުން އިތުރުވަމުންދާ ކަމަށް ބުނެ މެމްބަރުން ވަނީ ޝަކުވާ ކޮށްފައެވެ. ޓިބޓްގެ ސިޔާސީ ހިމާޔަތުގެ ސަރުކާރުގައި 500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، އާންމު ޚިދުމަތްތެރިން ސާފު ޓިބެޓު ބަސް ބޭނުންކުރުމުން އެކަމުގެ ހެޔޮ އަސަރު ބޭރުގައި އުޅޭ މުޅި މުޖުތަމަޢަށް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޤަރާރު ފާސްކޮށްފައިވަނީ ޗައިނާއިން "އެތުނިކް ޔުނިޓީ އެންޑް ޕްރޮގްރެސް ލޯ" ތަންފީޒުކުރަން ފެށުމާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޓިބެޓުގެ އިސް ވެރިން ވިދާޅުވާ ގޮތުގައި، ޗައިނާގެ އެ ޤާނޫނަކީ ޓިބެޓުގެ ޚާއްސަ އަމިއްލަ ވަންތަކަމާއި، ބަހާއި، ޘަޤާފަތް ފޮހެލައި ޗައިނާގެ މުޖުތަމަޢުގެ ތެރެއަށް އެ މީހުން މަސްހުނިކުރުން އަވަސްކުރުމަށް ހަދާފައިވާ ޤާނޫނީ އޮގަނޑެކެވެ.

ހިއްސާ ކުރައްވާ!