އެ މަގާމުގައި ހުންނަ މީހާއަށް އަލިފާނުގެ އިންޒާރު ދިނުމުގެ ބާރު ލިބިފައި އޮތް ނަމަވެސް އަލިފާން ނިއްވާލުމުގެ ބާރު ލިބިފައި ނުވާ މީހެކެވެ! މިއީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ސިފަކޮށްދޭ އެންމެ ސަރީހަ އެއް އިބާރާތެވެ.
ދުނިޔޭގެ 130 އަށްވުރެ ގިނަ ލީޑަރުންނާއި، އިސް އޮފިޝަލުން ކޮންމެ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އޭނާގެ ގޮވާލުންތަކާއި އިންޒާރުތައް އަޑުއަހާނެއެވެ. މީގެ އިތުރުން، ސްކްރީންތަކުން ބަލަން ތިބޭ އާންމުންނަށް، އޭނާގެ ލަގަބަށް ބަލައި އޭނާއަކީ ދުނިޔޭގެ އެންމެ މަތީ ލީޑަރު ކަމަށް ވެސް ހީކުރެވިދާނެއެވެ. ނަމަވެސް، ހަގީގަތަކީ އޭނާއަކީ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމްއިއްޔާގެ އޮޕަރޭޝަންތައް ބަލަހައްޓަވާ ޗީފް އެޑްމިނިސްޓްރޭޓަރެވެ.
އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫންގެ ދައުރުގެ އެންމެ ފަހު އަހަރުތަކުގައި (2007-2016) ގިނަ ފަހަރަށް އޭނާ ވެގެންދިޔައީ ފާޑުކިޔުންތަކުގެ އަމާޒަކަށެވެ. އެކްޓިވިސްޓުން ހިސާބުކުރި ގޮތުގައި އޭނާ ދުނިޔޭގެ ކަންކަމާ މެދު "ކަންބޮޑުވުން" ފާޅުކުރެއްވިއެވެ. އެންމެ ފަހު އަހަރު އެކަނިވެސް 140 ފަހަރުއެވެ. އަދި 2014 ވަނަ އަހަރު 180 ފަހަރު އަޑުއުފުއްލެވިއެވެ.
ނަމަވެސް ސެކްރެޓަރީ ޖެނެރަލްގެ އާންމު އުންމީދުތަކާއި، ޚިލާފަށް އޭނާގެ އަތްމަތީގައި ހުރި އަމަލީ ބާރުތަކާ އަޅާކިޔާއިރު މިއީ ދުނިޔޭގެ އެންމެ އުނދަގޫ، ޕްރެޝަރު ބޮޑު، އަދި އޮޅުންބޮޅުން ބޮޑު އެއް ރޯލެވެ. އޭނާ އެއްވެސް ލަޝްކަރަކަށް ކޮމާންޑެއް ނުކުރައްވައެވެ. އަދި ނިންމުންތައް ތަންފީޒު ކުރުމުގެ އެއްވެސް އިދާރީ ބާރެއް ލިބިފައެއް ނުވެއެވެ. ހަގީގީ ބާރު އޮތީ ބޮޑެތި ގައުމުތަކުގެ ބާރުތަކުގެ އަތްމަތީގައެވެ.
މިހާރު އުމުރުން 77 އަހަރުގެ ޕޯޗުގަލްގެ ސިޔާސީ ބޭފުޅާ، އެންޓޯނިއޯ ގުޓަރޭސްގެ ހަޔާތުގައި މުހިންމު ދަނޑިވަޅުތަކެއް ވަނީ އދގެ އިސް މަގާމުގައި ހުންނަވައިގެން ތަޖުރިބާ ކުރައްވާފައެވެ.
- 1998 ވަނަ އަހަރު: އަނބިކަނބަލުން ލުއިޒާ ގުއިމަރޭސް ކެންސަރު ބަލީގައި އަވަހާރަވިއެވެ. އޭރު ޕޯޗުގަލްގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ގުޓަރޭސްއަށް މިއީ ދިރިއުޅުމާމެދު އޭނާގެ ނަޒަރިއްޔާތު ބަދަލުވެ، އިންސާނީ ތަކުލީފުތަކަށް ފުން ހަމްދަރުދީއެއް އުފެދުނު ކަމެކެވެ.
- 2001 ވަނަ އަހަރު: ލޯކަލް އިންތިޚާބުގައި ސޯޝަލިސްޓް ޕާޓީ ބަލިވުމުން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިއެވެ. މިއީ ވެރިކަމުގައި ހިފެހެއްޓުމަށްވުރެ ގައުމީ ހަމަޖެހުމަށް އިސްކަންދެއްވި ނިންމެވުމެކެވެ.
- އިންސާނީ އެހީގެ ދާއިރާ: ޒުވާން އިރު ލިސްބަންގެ ފަގީރު އަވަށްތަކުގައި އިޖުތިމާއީ މަސައްކަތް ކުރެއްވުމަށްފަހު، 2005 އިން 2015 އަށް އދ. ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު ގޮތުގައި 10 އަހަރު ހިދުމަތް ކުރެއްވިއެވެ.
2017 ވަނަ އަހަރު އދ. ގެ ނުވަ ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ގުޓަރޭސްގެ ދެވަނަ ދައުރު 2026 ވަނަ އަހަރުގެ ފަހުކޮޅު ނިމޭނެއެވެ.
ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް ހަނގުރާމައާއި، އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަމަނުޖެހުންތަކާއި، ސޫދާން އަދި ޔޫކްރޭންގެ ހަނގުރާމައިގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ގުޓަރޭސް ވަނީ "މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަދަބު ނުލިބި ކުށްވެރިން ސަލާމަތްވުމާއި، އިތުބާރުގެ ތަދުމަޑުކަން ފުޅާވުމާ މެދު" ބޮޑު އިންޒާރެއް ދެއްވާފައެވެ. އޭނާ ސާބިތުކޮށްދެއްވީ ދުނިޔޭގެ މައްސަލަތައް ހައްލުވާނީ އެއް ގައުމެއްގެ ބާރުވެރިކަމުން ކަންކަން ޑިކްޓޭޓްކޮށްގެން ނޫން ކަމަށެވެ.
ޣައްޒާގެ ހަނގުރާމައަކީ ބަސްތަކުގެ ބާރާއި، އަތްމަތީގައި ހުރި ވަސީލަތްތަކުގެ ބަލިކަށިކަމާ ދެމެދު އޮތް ފަރަގު އެންމެ ބޮޑަށް ހާމަވި މައްސަލައެވެ.
- ޑިސެމްބަރު 2023: ގުޓަރޭސް ވަނީ އދ. ގެ ޗާޓަރުގެ 99 ވަނަ މާއްދާ ބޭނުންކުރައްވާފައެވެ.
މިއީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ނުރައްކާވާ ކަންކަން ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ސެކްރެޓަރީ ޖެނެރަލްއަށް ލިބިދޭ އެންމެ ވަރުގަދަ ސިޔާސީ ވަސީލަތެވެ. - އެމެރިކާގެ ވީޓޯ: ނަމަވެސް އެމެރިކާއިން ވީޓޯ ކުރުމުގެ ސަބަބުން، ވަގުތުން ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރު ސަލާމަތީ މަޖިލީހުން ފާސްނުކުރެވުނެވެ. މިއިން ދައްކުވައިދިނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ބާރުގެ ކުޑަަ ކަމެވެ.
ގުޓަރޭސް ވަނީ "ޣައްޒާ ސަރަހައްދުގައި ފެނުނު ހަމަލާތައް ހިނގީ ހުސްކަމެއްގެ ތެރޭގައެއް ނޫން" ކަމަށްވިދާޅުވެ، ފަލަސްތީނުގެ ދައުލަތެއްގެ މުހިންމު ބައެއްގެ ގޮތުގައި ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސް އޮންނަންޖެހޭނެ ކަމަށް ވަކާލާތު ކުރައްވާފައެވެ.
ހަނގުރާމަތަކުގެ އިތުރުން، ގުޓަރޭސް ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް އިސްކަންދެއްވާފައެވެ. ޖުލައި 2023 ގައި ދުނިޔޭގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމުން، އޭނާ ވަނީ ދުނިޔެ މިހާރު ދުނިޔެ ހޫނުވުމުގެ މަރުހަލާ ގިރާކޮށް "ގްލޯބަލް ބޮއިލިންގ" ގެ ޒަމާނަކަށް ދެވިފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.





