އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން، ލަޝްކަރޭ ތައިބާގެ ވެރިޔާ ހާފިޒް ސައީދާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ޖަވާބުދެއްވަން އިންކާރު ކުރައްވައިފިއެވެ.
އދ. ގެ މައި މަރުކަޒަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޑައިގެންނެވި ވަގުތު، ނޫސްވެރިން ވަނީ "ޓެރަރިސްޓުންނަށް ހިމާޔަތް ދިނުން ޕާކިސްތާނުން ހުއްޓާލާނީ ކޮން އިރަކުންތޯ؟" އެއްސެވުމުންވެސް އެއްވެސް ޖަވާބެއް ނުދެއްވައި ކުރިއަށް ވަޑައިގެންފައެވެ. އަދި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނުކުމެވަޑައިގެންނެވި ވަގުތު، "ލަޝްކަރޭ ތައިބާގެ ވެރިޔާ ހާފިޒް ސައީދަށް ދައުވާކޮށް އިންސާފުގެ ކުރިމައްޗަށް ގެންނާނީ ކޮން އިރަކުންތޯ؟" ސުވާލުކުރުމުންވެސް ވަނީ ޖަވާބުދެއްވަން ދެކޮޅު ހައްދަވާފައެވެ.
ހާފިޒް މުހައްމަދު ސައީދަކީ ޕާކިސްތާނުގެ ޕަންޖާބު މާހައުލަށް ނިސްބަތްވާ، ބައިނަލްއަގުވާމީ ގޮތުން ކުށްވެރިކޮށްފައިވާ ޓެރަރިސްޓެކެވެ. އޭނާއަކީ މުމްބާއީގައި 2008 ވަނަ އަހަރު ދިން 26/11 ގެ ހަމަލާގެ މައިގަނޑު މޭސްތިރިޔާގެ އިތުރުން، 2025 ވަނަ އަހަރުގެ އެޕްރީލް 22 ގައި ޕަހަލްގާމްގައި ދިން ހަމަލާގެ ފަހަތުގައިވެސް ހުރި އިސް ފަރާތް ކަމަށް އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެންއައިއޭ) އިން ވަނީ ތުހުމަތުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ،އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ މަޖިލީހުގައި އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ ރައްދެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާގެ ޑިޕްލޮމެޓުން ވަނީ، ސަރަހައްދީ ބާރު ފެތުރުމާއި ޓެރަރިޒަމް އުފެއްދުމުގެ ބަދަލުގައި، ދަރަނިން ސަލާމަތްވުމަށް އެހީއަށް އެދެމުންދާ ޕާކިސްތާނުގެ އިގްތިސާދު ރަނގަޅުކުރުމަށް އިސްކަންދިނުމަށް އިސްލާމާމަބާދަށް ގޮވާލައްވާފައެވެ.
އިންޑިއާގެ މަންދޫބު ކްޝިތިޖް ތިޔާގީ ވިދާޅުވީ، ގައުމުގެ ތަރައްގީއަށް އިސްކަންދިނުން ޕާކިސްތާނުގެ ރައްޔިތުންނަށް މާ ފައިދާހުރި ކަމަށާއި މިފަދަ އަމަލުތަކުން އިގްތިސާދު ހިފަހައްޓަން ނަގާފައިވާ ލޯނުތަކެއް ދައްކައެއް ނުދެވޭނެ ކަމަށެވެ.




