އަނިލްގެ މުއްސަނދި ވުމުގެ ހުވަފެން ނިމުނީ 20 އަހަރުގެ ޖަލު ހުކުމަކުން

ތައިލެންޑުން ވިއެޓްނާމަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތްދިވެހި މީހާ 20 އަހަރުގެ މުއްދަތަށް ޖަލަށްލުމަށާއި، ހުކުމް ތަންފީޒުކޮށް ނިމުމުން އެ ޤައުމުން ޑީޕޯޓްކޮށްލުމަށް ވިއެޓްނާމްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހުކުމް އައިސްފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ހާން ހޯއާ ޕްރޮވިންސްގެ ކޯޓަކުންނެވެ.

އަނިލް ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ ބެންކޮކުން ފުރައިގެން ވިއެޓްނާމްގެ ކޭމް ރަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުން، އޭނާގެ ފޮއްޓާއި އަތްދަބަސް އެ އެއާޕޯޓުގެ ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރުމުގެ ތެރޭގަ އެވެ. ކަސްޓަމްސް އޮފިސަރުން ކުރިއަށްގެންދިޔަ އިންސްޕެކްޝަންގެ ތެރޭގައި އޭނާގެ އަތުން ޖުމްލަ 1,545.6893 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެ މައްސަލައިގެ ރިޕޯޓުތަކުން އެނގެ އެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި މެފެޑްރޯން (Mephedrone) އާއި އަލްފާ-ޕީއައިއެޗްޕީ (alpha-PiHP) ހިމެނޭކަން ތަހުލީލުތަކުން ވަނީ ކަށަވަރުވެފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ތަކެއްޗަކީ ތައިލެންޑުގައި އުޅޭ ދިވެހި ރައްޔިތެއް ކަމަށްވާ "އަފޫ" ނަމަކަށް ކިޔާ މީހަކު، 1,000 އެމެރިކާ ޑޮލަރުގެ އުޖޫރައަކަށް ވިއެޓްނާމަށް ގެންގޮސްދިނުމަށް އަނިލްއާ ހަވާލުކުރި ތަކެއްޗެވެ. ނަމަވެސް، އަނިލް ހައްޔަރުކުރުމަށްފަހު އޭނާގެ ހަށިގަނޑު ތަހުލީލުކުރިއިރު، އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

އެގޮތުން، އަނިލްއަކީ އަމިއްލައަށް މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫންކަން އެނގުނު ނަމަވެސް، ފައިސާގެ މަންފާއަށްޓަކައި ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި އުފުލައި ޓްރެފިކްކުރުމުގެ މަސައްކަތުގައި އޭނާ ބައިވެރިވެފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ.

ވިއެޓްނާމަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އެތެރެކުރުމުގެ ކުށްތަކަށް އެންމެ އުނގޫ އަދި ހަރުކަށި އަދަބުތައް ކަނޑައަޅާފައިވާ އެއް ޤައުމެވެ. އެ ޤައުމުގެ ޤާނޫނުތައް ބުނާގޮތުން ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޯޓުން ނިންމާފައިވަނީ އަނިލް 20 އަހަރުގެ މުއްދަތަށް ޖަލަށްލުމަށެވެ. އަދި އޭނާގެ މައްޗަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން، އޭނާ އިތުރަށް އެ ޤައުމުގައި ބެހެއްޓުމެއްނެތި، ވިއެޓްނާމުން ޑީޕޯޓްކޮށްލުމަށް ކޯޓުގެު ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ. އަނިލްއަށް ރާއްޖެއަށް އާދެވޭނީ އުމުރުން 70ގައެވެ.

ހިއްސާ ކުރައްވާ!