ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރާ ބޮޑެއް ހުޅުމާލެއިން ހައްޔަރުކޮށް ބަންދުކޮށްފި

ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ހުޅުމާލެއިން ހައްޔަރުކޮށް، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މ. ލިއޯންސް، އަބްދުﷲ ތާއިފް (32 އަހަރު) އެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ، އޭނާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކަށްވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، މިއީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު މއ. މޯނިންވިއު، އާމިނަތު ޝަފަގު (32 އަހަރު) ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނުގެ ތެރެއިން، ޝަފަގާއި ތާއިފާ ދެމެދު ދެކެވުނު ވާހަކަތަކަށްފަހު، އެމްޕީއެލް ޓަވަރުގެ ޕާކިންގްގައި އޮތް ސައިކަލެއްގެ ޕޮކެޓަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ލިއެވެ. ތާއިފް ހައްޔަރުކުރީ އެ ސައިކަލަށް އަރައި ސްޓާޓުކުރި ވަގުތުއެވެ.

ސައިކަލުން ފެނުނު ތަކެއްޗާ ގުޅޭގޮތުން ސުވާލުކުރުމުން ތާއިފް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، ކޮޓަރީގެ އަލަމާރީގައި އޮތް ގަމީހެއްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން، ޑިޖިޓަލް ކައްޓާއަކާއި ހުސް ކޮތަޅުތަކެއް ވަނީ ފެނިފައެވެ.

ހިއްސާ ކުރައްވާ!