މިސްރުގެ ރައީސް ސީސީ އޭޝިއާގެ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ދެކުނު ކޮރެއާއިން ފައްޓަވައިފި

މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އޭޝިއާ ސަރަހައްދުގެ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ދެކުނު ކޮރެއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. މި ދަތުރުފުޅުގައި ދެކުނު ކޮރެއާގެ އިތުރުން މެލޭޝިއާ އަދި އިންޑޮނީޝިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިސްރުގެ ރިއާސީ ތަރުޖަމާނު ސަފީރު މުހައްމަދު އަލް ޝިއްނާވީ ހާމަކުރެއްވި ގޮތުގައި، ސީސީގެ މި ދަތުރުފުޅު ފައްޓަވަނީ ދެކުނު ކޮރެއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުންނެވެ. މި ދަތުރުފުޅުގައި ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ-މިއުންގްއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. މީގެއިތުރުން ދެކުނު ކޮރެއާގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި މަންދޫބުންނާއެކު ބާއްވާ ޚާއްސަ ބައްދަލުވުމެއްގައިވެސް ރައީސް ސީސީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. ސޯލްގެ ރިއާސީ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ސީސީ ދެކުނު ކޮރެއާއަށް ކުރައްވާ ދަތުރުފުޅު ކުރިއަށްދާނީ އޮކްޓޯބަރު 7 އިން 9 އަށެވެ.

މިސްރުގެ ރައީސް ދެކުނު ކޮރެއާއަށް މި ކުރައްވާ ދަތުރުފުޅަކީ، ދެކުނު ކޮރެއާގެ ރައީސް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގާހިރާއަށް ކުރެއްވި ދަތުރުފުޅަށް 11 މަސްދުވަސް ފުރުނު ތަނާ ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިވިލް އަދި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި 30 ވަނަ އަހަރީ ދުވަހާ ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުންތަކަށް ބަލާއިރު،:

  • 2025 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެމްބަރުގެ ނިޔަލަށް މިސްރާއި ދެކުނު ކޮރެއާއާ ދެމެދު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގެ އަންދާސީ އަގު އުޅެނީ 995.3 މިލިއަން އެމެރިކާ ޑޮލަރުގައެވެ.
  • 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އުޅުނު 1.2 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެކެވެ.
  • 2024/2025 ވަނަ މާލީ އަހަރު މިސްރުގައި ދެކުނު ކޮރެއާއިން ކުރި އިންވެސްޓްމަންޓްތައް ވަނީ 413.8 މިލިއަން ޑޮލަރަށް އުފުލިފައެވެ.
  • ކުރީ މާލީ އަހަރު އެ އަދަދު އުޅުނީ 288.3 މިލިއަން ޑޮލަރުގައެވެ.

ރައީސް ސީސީ އެންމެ ފަހުން ދެކުނު ކޮރެއާއަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުގެ މާޗް މަހުއެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތައުލީމާއި، ސިނާއަތާއި، ވިޔަފާރިއާއި، ދަތުރުފަތުރާއި، އަދި ބަނދަރުތަކުގެ ދާއިރާއިން 9 އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މީގެއިތުރުން މިސްރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމުގެ ޕެކޭޖެއް ދިނުމަށް ދެކުނު ކޮރެއާއިން އެއްބަސްވިއެވެ. އަދި "ކޭ-9″ މަރުކާގެ ސެލްފް-ޕްރޮޕެލްޑް "ހައުވިޓްޒަރ" ރޮކެޓް ސިފައިންގެ ބޭނުންތަކަށް އުފެއްދުމާއި ގަތުމުގެ އެއްބަސްވުމެއްގައިވެސް ދެ ގައުމުގެ ދިފާއީ އިދާރާތަކުން ވަނީ ސޮއިކޮށްފައެވެ.

މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސް ސީސީ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެލޭޝިއާއަށެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިސްރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ކާރު އުފެއްދުމާއި، ބޭސްވެރިކަމާއި، ސެމީކޮންޑަކްޓަރާއި، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.

ސީސީގެ އޭޝިއާ ދަތުރުފުޅުގެ ތިންވަނަ އަދި އެންމެ ފަހު މަންޒިލަކީ އިންޑޮނީޝިއާއެވެ. އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ މަސްދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ގާހިރާއަށް ވަޑައިގެން ރައީސް ސީސީއާ ބައްދަލުކުރެއްވިއެވެ. 2024 ޑިސެމްބަރުގައި ބޭއްވި ބައްދަލުވުމުގައި، ކާމިޔާބު ގުޅުންތައް މެދުވެރިކޮށް ޕާމް އޮއިލް، ގަސްކާނާ، އިއާދަކުރަނިވި ހަކަތަ އަދި އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވިއެވެ.

މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ސްޓްރެޓެޖީ ބައްޓަންކޮށްފައިވަނީ، މިސްރަކީ ޔޫރަޕާއި އެފްރިކާގެ ބާޒާރުތަކަށް އިންޑޮނީޝިއާގެ އުފެއްދުންތައް ފޮނުވައިދޭ މަގު ކަމުގައި ހަމަޖެއްސުމަށެވެ. އަދި އިންޑޮނީޝިއާއަކީ "އާސިއާން" ސަރަހައްދުގެ ބާޒާރުތަކަށް މިސްރުގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މައި ހަބުގެ ގޮތުގައި ބޭނުންކުރުމަށް ދެ ގައުމުން ވަނީ ނިންމާފައެވެ.

ހިއްސާ ކުރައްވާ!