ދުނިޔޭގެ ސިޔާސީ މައިދާން މިއަދު ބައްޓަންވަމުންދަނީ ހަމައެކަނި ވާތުފިޔައާއި ކަނާތުފިޔައިގެ ސިޔާސީ ފިކުރުތަކުގެ މެދުގައި ހިނގާ ކުރިމަތިލުންތަކުގެ މައްޗަކުން ނެއް ނޫނެވެ. އޭގެ ބަދަލުގައި، މިހާރު ފެންނަމުންދަނީ ސަރުކާރުތަކުން ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ބޭނުންތައް ފުއްދައިދިނުމުގައި ނުކުޅެދިފައިވާ ކަމަށްބުނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުން އެކުވެގެން އުފައްދަމުންދާ ވަރުގަދަ އިހުތިޖާޖީ ހަރަކާތްތަކެކެވެ.
ކާނެގީ އެންޑޯމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ގްލޯބަލް ޕްރޮޓެސްޓް ޓްރެކާގެ މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ 57 ގައުމެއްގައި ސަރުކާރުތަކާ ދެކޮޅަށް 107 އަށްވުރެ ގިނަ ބޮޑެތި މުޒާހަރާތައް ވަނީ ކުރިއަށްގޮސްފައެވެ. މި ހަރަކާތްތައް ވިލާތާއި، އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާއަށް ފެތުރިފައިވާއިރު، މިއިން ކޮންމެ ހަރަކާތަކުންވެސް ރަމްޒުކޮށްދެނީ ރައްޔިތުން އިއްތިފާގުވާ ކަންބޮޑުވުންތަކެކެވެ.

ދުނިޔޭގެ ބާރުތަކުގެ މެދުގައި އޮތް ބަދަލުވުންތަކާއި ސިޔާސީ މަސްރަހު އަލުން ބައްޓަންކުރަމުންދާ އާ ހަތް ހަރަކާތެއް އެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ:
-
ޖެން-ޒީގެ ކޮރަޕްޝަނާ ދެކޮޅު ހަރަކާތްތައް: އިންޑިއާ ނޭޕާލް، ކެންޔާ، ސާބިއާ، މޮރޮކޯ އަދި މަޑަގަސްކަރައިގައި ޒުވާނުން ވަނީ މީސް މީޑިއާ މެދުވެރިކޮށް އެކުވެ، ކޮރަޕްޝަނާ ދެކޮޅަށް މަގުމައްޗަށް ނުކުމެފައެވެ. ނޭޕާލުގައި މީސް މީޑިއާ މަނާކުރުމުން ފެށުނު މުޒާހަރާތައް ބޮޑުވެ، ސަރުކާރު ވެއްޓި، ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ހައްޔަރުކުރުމާ ހަމައަށް ކަންކަން ދިޔައެވެ.
-
ބޯހިޔާވަހިކަމުގެ ހައްގުގައި ހިންގާ ހަރަކާތްތައް: ވިލާތުގެ އިއްތިހާދުގައި 2010 އިން 2024 އަށް ގެދޮރުގެ އަގުތައް 53 އިންސައްތައަށް މައްޗަށް ދިއުމާ ގުޅިގެން، ޚާއްސަކޮށް ސްޕޭން ފަދަ ގައުމުތަކުގައި ކުލި ކޮންޓްރޯލްކުރުމަށާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އެދި ބޮޑެތި މުޒާހަރާތައް ވަނީ ބާއްވާފައެވެ.

-
މުހާޖިރުން ކޮންޓްރޯލްކުރުމަށް ގޮވާލާ ހަރަކާތްތައް: އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ހިޖުރަކުރާ މީހުންނާއި ރެފިއުޖީންނަށް ވަސީލަތްތައް ހަމަޖައްސައިދިނުމާ ދެކޮޅަށް އާންމުން ވަނީ މަގުމައްޗަށް ނުކުމެ، ސަރަހައްދީ އިމުގެ ރައްކާތެރިކަމާއި އާންމު ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށް ގޮވާލާފައެވެ.
-
އާންމު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ހަރަކާތްތައް: އިންޑޮނޭޝިއާ، މަޑަގަސްކަރަ އަދި ކެންޔާގައި ކަރަންޓާއި ފެނުގެ ޚިދުމަތްތައް މެދުކެނޑުމާއި، ސިއްހީ ޚިދުމަތްތައް ހީނަރުވުމުގެ އިތުރުން ސިޔާސީ އިސްވެރިންގެ އިމްތިޔާޒުތައް އިތުރުކުރުމާ ދެކޮޅަށް އާންމުން ވަނީ އަޑުއުފުލާފައެވެ.

-
އިގްތިސާދީ ދަތިކުރުމާ ދެކޮޅު ހަރަކާތްތައް: ބޮލީވިއާ އަދި އާޖެންޓީނާގައި ސަރުކާރުން ތެލުގެ ސަބްސިޑީ ކަނޑާލުމާއި، މަސައްކަތްތެރިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ޤާނޫނުތައް ބަދަލުކުރުމުން މަސައްކަތްތެރިންނާއި ދަނޑުވެރިން ވަނީ ޚާއްސަ އިހުތިޖާޖުތައް ފަށާފައެވެ.
-
ޑިމޮކްރަސީއާއި ޒިންމާދާރުކުރުވުމުގެ ހަރަކާތްތައް: ސާބިއާގައި ރޭލު ސްޓޭޝަނެއްގެ ފުރާޅު ވެއްޓި ހިނގި ހާދިސާއަށްފަހު މުއައްސަސާތަކުގެ ކޮރަޕްޝަނާ ދެކޮޅަށް ކުދިން މުޒާހަރާކުރިއިރު، އިންޑިއާގައި "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) ހަރަކާތުގެ ދަށުން ވަޒީފާގެ ފުރުސަތުތަކާއި އިންތިޚާބީ ނިޒާމުގެ ސައްހަކަމާމެދު ސުވާލުއުފައްދައި ޒުވާނުން ވަނީ މަގުމައްޗަށް ނުކުމެފައެވެ.
-
ދަނޑުވެރިންގެ ހަރަކާތްތައް: 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ ދަނޑުވެރިން ވަނީ ޓްރެކްޓަރުތަކުގައި ޕެރިހަށް ވަދެ، ވިލާތުގެ އިއްތިހާދުގެ ވިޔަފާރި އެއްބަސްވުމާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އެއީ ބޭރުން މުދާ އެތެރެކުރުމުން އެމީހުންގެ އުފެއްދުންތަކުގެ އަގު ބަދަލުވާތީއެވެ.

މި ހުރިހާ ހަރަކާތްތަކެއްގެ ފަހަތުގައިވަނީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ތައުލީމު ހާސިލުކުރުމަށްފަހުވެސް އެކަށީގެންވާ ވަޒީފާ ނުލިބުމުގެ ކަންބޮޑުވުމެވެ. ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ސަރުކާރުތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވާތުފިޔަ ނުވަތަ ކަނާތުފިޔައިގެ ސިޔާސަތުތަކުގެ މައްސަލައެއް ނޫނެވެ. ނަމަވެސް، މިހާރު އޮތް ސިޔާސީ ނިޒާމަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެ ނިޒާމެއްކަން ސާބިތުކޮށްދިނުމެވެ.





