ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ހަރަކާތްތަކުގައި ތައިވާނުން ބައިވެރިވުމަށް ހުރަސްއެޅުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް ބަލައިނުގަތުމަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ތައިވާނާ ދެމެދު އިގްތިސާދީ، ޓެކްނޮލޮޖީ އަދި ސެކިއުރިޓީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައި ޔޫރަޕިއަން ޕާލަމެންޓުން ހާއްސަ ރިކޮމެންޑޭޝަނެއް ފާސްކޮށްފި އެވެ.
ތައިޕޭ ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫރަޕިއަން ކައުންސިލާއި، ޔޫރަޕިއަން ކޮމިޝަން އަދި އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސް ވެރިޔާ ކާޖާ ކާލަސްއަށް އަމާޒުކޮށް ބުދަ ދުވަހު ފާސްކުރި މި ރިކޮމެންޑޭޝަންގައި ވަނީ، ތައިވާނަކީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ މައިދާން ގައި އީޔޫއަށް ނުހަނު އަގުހުރި ބައިވެރިއެއް ކަމަށް ސިފަކޮށްފައެވެ. އަދި ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަކީ ސްޓްރެޓެޖީ ގޮތުން ނުހަނު މުހިންމު ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޔޫރަޕިއަން ޕާލަމެންޓުން ވަނީ ބައިނަލްއަގުވާމީ އިދާރާތަކަށާއި އެހެނިހެން ގައުމުތަކަށް ނުފޫޒު ފޯރުވައިގެން، ތައިވާނާއެކު ބާއްވާ ގުޅުންތައް ހުއްޓުވުމަށް ޗައިނާއިން ކުރާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މި ރިކޮމެންޑޭޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ މަހު ޔޫރަޕިއަން ޕާލަމެންޓުން އިންތިޒާމުކޮށްގެން ބޭއްވި މިނިވަންކަމާއި ބެހޭ ސަމިޓް ގައި ތައިވާނުގެ ނައިބު ރައީސް ހްސިއާއޯ ބީ-ކިމް ބައިވެރިވެވަޑައިގަތުމުންވެސް ޗައިނާއިން ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިު ކުރުވާފައެވެ..
މީގެއިތުރުން، ތައިވާނުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޕޫމާ ޝެންއާ ދެކޮޅަށް، މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ޗައިނާއިން ތަހުގީގުތައް ހިންގައި، ގައުމުން ބޭރުގައި ތިބޭ ތައިވާނުގެ ސިޔާސީ ފަރާތްތަކަށް ބިރުދައްކައި ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ޔޫރަޕިއަން ޕާލަމެންޓުން ވަނީ ކުށްވެރިކޮށްފައެވެ.
އީޔޫއިން ގެންގުޅޭ ދިގު މުއްދަތުގެ "ވަން ޗައިނާ" ސިޔާސަތު ތަކުރާރުކުރަމުން، މި ރިކޮމެންޑޭޝަންގައި ސާފުކޮށްދީފައިވަނީ، ބީޖިންއިން ގަބޫލުކުރާ "ވަން ޗައިނާ" އުސޫލަށް އީޔޫއިން ދުވަހަކުވެސް ތާއީދުކޮށްފައި ނުވާނެ ކަމަށެވެ. އަދި ތައިވާނުގެ ރައްޔިތުންގެ ނުރުހުމުގައި، ބާރުގެ ބޭނުންކޮށްގެން ނުވަތަ މަޖުބޫރުކުރުވައިގެން ތައިވާން ކަނޑުއޮޅީގެ މަސްރަހު ބަދަލުކުރުމަށް އެކަހެރިކށް ކުރާ އެއްވެސް މަސައްކަތަކަށް ތާއީދުނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޔޫރަޕިއަން ޕާލަމެންޓުން ވަނީ އީޔޫއާއި ސަރަހައްދީ ބައިވެރިން ގުޅިގެން ސެކިއުރިޓީ ކޯޑިނޭޝަން ވަރުގަދަކޮށް، ކަނޑުގެ މައިދާން ގައި ސިފައިންގެ ހާޒިރީ ދަމަހައްޓައި، ގުޅިގެން ތަމްރީނުތައް ހިންގުމަށް ގޮވާލާފައެވެ.
ބައިނަލްއަގުވާމީ މަސްރަހުގައި، އދ ގެ ހަރަކާތްތަކާއި ދަތުރުތަކުގައި ތައިވާނުގެ ޕާސްޕޯޓު ބޭނުންކުރުން މަނާކުރުމަށް ޗައިނާއިން ކުރާ މަސައްކަތް އދ އިން ބަލައިނުގަތުމަށް ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ ގޮވާލައްވާފައެވެ. އަދި އދ ގެ ގަރާރު 2758 ބޭނުންކޮށްގެން ތައިވާނުގެ މައްޗަށް ސިއާދަތީ ބާރު ހިންގުމަށް ޗައިނާއިން ގެންގުޅޭ ތަރުޖަމާއާ ދެކޮޅުހަދައި، އެ ގަރާރަކީ ހަމައެކަނި އދ ގައި ޗައިނާ ތަމްސީލުކުރުމާ ބެހޭ ގަރާރެއް ކަމަށާއި، އޭގައި ތައިވާނުގެ ނަންވެސް ހިމެނިފައިނުވާކަން ފާހަގަކުރިއެވެ.
ތައިޕޭ ޓައިމްސްއިން ބުނި ގޮތުގައި، މި ރިކޮމެންޑޭޝަންގައި ވަނީ ސެމީކޮންޑަކްޓާ އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ތައިވާނާއެކު އޮތް ގުޅުން ފުޅާކޮށް، ދެކޮޅު އެއްބަސްވުމެއް ނުވަތަ މުހިންމު ސަޕްލައި ޗޭންތައް ހިމާޔަތްކުރުމުގެ މަޝްވަރާތަކަށް ތައްޔާރުވުމަށް ގޮވާލާފައެވެ.





