ދަންޖައްސާ މަންޒަރު ވަގުތުން ދެއްކިޔަސް ނުބައްލަވާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ

2009 ވަނަ އަހަރު އެމެރިކާގެ ފޯޓް ހޫޑް ސިފައިންގެ މަރުކަޒުގައި 13 މީހަކު މަރާލި މައްސަލައިގައި ކުށްވެރިވި ނިޟާލް ހަސަން ދަންޖައްސާ މަންޒަރު ވަގުތުން ދެއްކުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ނިންމި ކަމުގައި ވީނަމަވެސް، އެ މަންޒަރު ނުބައްލަވާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ދަންޖައްސާ މަންޒަރު ދުރަށް ދެއްކުމަށް ނިންމެވުމާ ގުޅިގެން ބައިނަލްއަގުވާމީ މައިދާން ގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ނައިބު ރައީސް ވެންސް ވިދާޅުވީ، އެމެރިކާގެ ދިފާއީ ވުޒާރާއިން އެފަދަ ވަގުތުން ދައްކާ ބްރޯޑްކާސްޓެއް ކުރިއަށްގެންދާނެ ކަން ނުވަތަ ނޫންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ ބްރޯޑްކާސްޓެއް ކުރި ނަމަވެސް، އަމިއްލަފުޅަށް އެ މަންޒަރު ބައްލަވަން ގަސްދުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެކްސަސްގެ ފޯޓް ހޫޑް މަރުކަޒުގައި ސައިކިއޭޓްރިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ނިޟާލް ހަސަން،  13 މީހުން މެރުމުގެ ކުށް ސިފައިންގެ ކޯޓެއްގައި ސާބިތުވެ، އޭނާއަށް ވަނީ މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައެވެ. ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވަނީ ނިޟާލް ހަސަންއަކީ "ބުއްދިހަމަނުޖެހޭ" މީހެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާއަށް ބަޑިޖަހައި މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ދަންޖައްސާ މަންޒަރު މީސް މީޑިއާ އާއި ޓީވީތަކުން ވަގުތުން ދެއްކުމާމެދު ޓްރަމްޕް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!