އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންހެން ޑައިވަރުންނާއި ޚުންސާ ޑްރައިވަރުންނަށް ހާއްސަކޮށްގެން ޕިންކް އިލެކްޓްރިކް އޮޓޯރިކްޝާގެ ޚިދުމަތް ތައާރަފްކުރުމަށް މަޝްރޫއެއް ފަށައިފިއެވެ. "ދުރުގާ އީ-އޮޓޯ"ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ރައިޑް-ހެއިލިން އެޕްލިކޭޝަންތައް މެދުވެރިކޮށް ދަތުރުވެރިންނަށް "ޕިންކް އިލެކްޓްރިކް އޮޓޯ" ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 1,300 އިލެކްޓްރިކް އޮޓޯރިކްޝާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 1,170 އޮޓޯ އަންހެނުންނަށް ޚާއްސަކުރެވިފައިވާ އިރު، 130 އޮޓޯ ހާއްސަކުރެވިފައިވަނީ ޚުންސާއިންނަށެވެ. މި އުޅަނދުތައް ދިއްލީގެ 13 ޑިސްޓްރިކްޓަށް ބަހާލައިގެން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތްދޭ ކުންފުނިތަކާއެކު މަޝްވަރާކޮށް، މި އޮޓޯތައް އެމީހުންގެ ޕްލެޓްފޯމްތަކުގައި ހިލޭ ރެޖިސްޓްރީ ކުރެވޭނެ ގޮތް ހަދާނެއެވެ. މީގެ ސަބަބުން މަގުމަތިން ނުވަތަ އޮޓޯ ސްޓޭންޑްތަކުން އޮޓޯ ހޯދުމުގެ ބަދަލުގައި، ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތައް ބުކްކުރުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.
އޮޓޯތަކަށް އެދި ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ނޭޝަނަލް އިންފޯމެޓިކްސް ސެންޓަރުން ތައްޔާރުކުރާ ޚާއްސަ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަންތައް މުރާޖާއާކުރާނީ ޑިސްޓްރިކްޓް މެޖިސްޓްރޭޓުން އިސްކޮށް ތިއްބަވާ ކޮމިޓީތަކުންނެވެ. ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން އެޕްލިކޭޝަން ލިބިއްޖެނަމަ، އޮޓޯތައް ދޫކުރާނީ އޮންލައިން ލޮޓަރީއަކުންނެވެ. ހޮވޭ ފަރާތްތަކަށް އައިޑީ ކާޑާއި ދުއްވާއިރު ބޭނުންކުރާނެ ޚާއްސަ ޖެކެޓާއި ތޮއްޕި ފޯރުކޮށްދެވޭނެއެވެ.
މީގެއިތުރުން، ދިއްލީގެ އީވީ ޕޮލިސީ 2026 ގެ ދަށުން، ފުރަތަމަ އަހަރު ރެޖިސްޓްރީ ކުރާ އިލެކްޓްރިކް އޮޓޯތަކަށް 50,000 ރުޕީސްގެ މާލީ އިނާޔަތެއް ލިބޭނެއެވެ. ސަރުކާރުން ވަނީ މި މަޝްރޫއުގެ ސަބަބުން އާމްދަނީއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ދެ ފޭސްއަކަށް ބެހިގެންދާ ދިރާސާއެއް ކުރުމަށްވެސް ރާވާފައެވެ.
މީގެ ކުރިން 2022 ވަނަ އަހަރުވެސް ދިއްލީ ސަރުކާރުން ވަނީ އަންހެނުންނަށް 1,400 އަށްވުރެ ގިނަ އިލެކްޓްރިކް އޮޓޯ ޕާމިޓް ދޫކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ފަހަރު އަންހެނުންގެ ތަރުހީބު ކުޑަވުމާ ގުޅިގެން ދެވަނަ ފަހަރަށްވެސް ފުރުސަތު ހުޅުވާލަންޖެހުނެވެ.



