ބަނގުރަލާއި ބޭރުފައިސާ ބޭރުކުރަން އުޅުމުގެ މައްސަލާގައި އިންޑިއާ 3 މީހުން ހައްޔަރުކޮށްފި އެވެ. ބަނގުރާ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރަޖި ރަޖަ ކުމަރް (47 އަހަރު) އާއި ނަޑަން ވިންސެންޓްރަޖް ޕޮން (54 އަހަރު) އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 9 ފުޅި ވަނީ ފެނިފެވެ. މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އިމިގްރޭޝަން ޤާނޫނުގެ ދަށުން އިތުރަށް ފިޔަވަޅުއެޅުމަށްޓަކައި އެ ދެ މީހުން މިހާރުވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ހާދިސާގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން އުޅުނު އިންޑިއާ ފަސިންޖަރެއްގެ އަތުން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ އަތުލައިގަނެފައެވެ. ކަސްޓަމްސްއިން ބުނީ މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެއްވެސް މިންވަރަކަށް ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ބޭރުކުރަން އުޅުނު 905,669.80 (ނުވަ ލައްކަ ފަސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އައްޑިހަ ލާރި) އަށްވާވަރުގެ ބޭރު ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅުއެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިފަހުން ހިންގި އެހެން އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 ފިރިހެނުން އަތުލައިގެންފައިވާ އިރު، ހުއްދަނެތި ބޭންކިން ޚިދުމަތްދިނުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސަކު ދާދި ފަހުން ބަލައި ފާސްކޮށްފައެވެ.







