އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ މޮރިޝަސްގެ ފުލުހަކު ދިން ބަޑީގެ ހަމަލާއެއްގައި ޒުވާން އަންހެނަކު ޒަޚަމްވުމާ ގުޅިގެން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުންތަކެއް ހިންގައި، މަގުތައް ބަންދުކުރުމާ ގުޅިގެން ބައެއް ސަރަހައްދުތަކުގެ ސުކޫލްތައް ބަންދުކޮށްފިއެވެ.
މޮރިޝަސްގެ އެޑިއުކޭޝަން މިނިސްޓްރީން އަންގާރަ ދުވަހު އިއުލާންކުރި ގޮތުގައި، ސުކޫލްތައް ބަންދުކުރަން ޖެހުނީ ހުކުރު ދުވަހުގެ ރޭ ހިނގި ބަޑީގެ ހާދިސާއަށްފަހު އާންމުންގެ ނުރުހުން ބޮޑުވެ، ހޯމަ ދުވަހުގެ ރޭގަނޑު ގައުމުގެ ބައެއް ހިސާބުތަކުގައި މުޒާހަރާކުރާ ފަރާތްތަކުން ރޯކުރި ކާރު ފުރޮޅުތަކުން މަގުތައް ބަންދުކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ.
މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 27 އަހަރުގެ އެލޯޑީ ތޯމަސްއެވެ. އެ ގައުމުގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ތޯމަސްއަށް ހަމަލާ އަމާޒުވީ މަސައްކަތް ނިންމާލުމަށްފަހު ވެންއެއްގައި ގެއަށް ދިޔަ މަގުމަތީގައި، ވެރިރަށުގެ ދެކުނުގައިވާ ރެސިޑެންޝަލް ސަރަހައްދެއްގެ ތެރެއިންނެވެ. މައްސަލައާ ގުޅިގެން ފުލުހުންގެ ސާޖަންޓަކަށް ވަނީ ވަގުތީ ގޮތުން ދައުވާ އުފުލާފައެވެ. ނަމަވެސް ބަޑިޖަހަން މެދުވެރިވި ސީދާ ސަބަބުގެ ތަފްސީލެއް މީޑިއާއަށް އާންމެއް ނުކުރެއެވެ.
މޮރިޝަސްގެ ހެލްތު މިނިސްޓަރު އަނިލް ބަޗޫ ވިދާޅުވީ، ތޯމަސްގެ ހަށިގަނޑަށް އެރި އުންޑަ ނެގުމަށްޓަކައި ކާމިޔާބު އޮޕަރޭޝަނެއް ކުރެވިފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާއިން މި ހާދިސާއާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ ސެކިއުރިޓީ ވަރުގަދަކުރުމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހާލަތު މިހާރު އާންމު ހާލަތަކަށް އައިސްފައިވާ ކަމަށާއި، ސަރުކާރުގެ އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް އާންމު ގޮތެއްގައި ކުރިއަށްދާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސުކޫލްތައް އަލުން ހުޅުވާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. އެ މިނިސްޓްރީން ބުނީ ސުކޫލްތައް ހުޅުވުމާ މެދު ގޮތެއް ނިންމައި ފަހުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.





