މުސްލިމު ޕައިލެޓެއް ހުރުމުން އިތިއޯޕިއާގެ ބޯޓެއް އަނބުރާ ފޮނުވާލައިފި

އިސްރާއީލާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުންތަކެއް ނެތް ގައުމެއް ކަމަށްވާ އިންޑޮނޭޝިއާގެ ރައްޔިތުން މަތިންދާބޯޓުތަކުގެ ފްލައިޓް ކްރޫއިންގެ ގޮތުގައި އިސްރާއީލަށް ދިއުން މަނާކުރާ ހަރުކަށި އުސޫލެއްގެ ދަށުން، އިތިއޯޕިއަން އެއާލައިންސްގެ ބޯޓެއް ޔަހޫދީ ގައުމަށް ޖެއްސުން މަނާ ކޮށްފިއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތުގައެވެ. އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާއިން ފުރައިގެން އިސްރާއީލުގެ ވެރިރަށް ތެލްއަވީވަށް ދަތުރުކުރަމުންދިޔަ އެ އެއާލައިންގެ ބޯޓު ފުރަތަމަ ފުރުމަށްފަހު، ގާތްގަނޑަކަށް އެއްގަޑިއިރުވީ ފަހުން ވަނީ އެނބުރި ދާން މަޖުބޫރުކޮށްފައެވެ.

ފަހުން އެ ބޯޓުން އެ ޕައިލެޓު ބާލައި، އެހެން ފަރާތެއް ހަމެއްޖެއްސުމުން އަލުން ތެލްއަވީވަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވެއެވެ.

އިސްރާއީލުގެ ސަލާމަތީ އުސޫލުތައް ބުނާގޮތުން، އެ ގައުމާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ނޯންނަ ގައުމުތަކުގެ މީހުންނަށް މަތިންދާބޯޓުތަކުގެ އޮޕަރޭޝަންތަކުގައި ކްރޫއިންގެ ގޮތުގައި ބައިވެރިވުމާއި، ނުވަތަ ބޯޓުތަކުގައި ތިބެގެން އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަދެވޭނީ ހަރުކަށި ހުއްދަތަކެއްގެ ދަށުންނެވެ. މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، އަލްޖީރިއާ، އިންޑޮނޭޝިއާ، އިރާގު، އީރާން، ކުވެއިތު، ނައިޖަރު، ސައުދީ އަރަބިއްޔާ، ވެނެޒުއެލާ، ގަތަރު އަދި ސޯމާލިއާ ހިމެނެއެވެ.

ހިއްސާ ކުރައްވާ!