ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ރަސްމީ ޑިރެކްޓަރީއެއް އެކުލަވާލައި، އެކަމަށް ޚާއްސަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިފުތިތާހުކޮށްފިއެވެ.
މި ޑިރެކްޓަރީއަކީ "މޯލްޑިވްސް 2.0″ ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ހިންގުމުގެ ނިޒާމު ބައްޓަންކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރި ވަސީލަތެކެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީގެ ރަސްމީ ވެބްސައިޓް އެޑްރެހަކީ directory.presidency.gov.mv އެވެ.
މި ޑިރެކްޓަރީ އަދާހަމަކޮށް މުއައްސަސާތަކުގެ މައުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޑިރެކްޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން، އެ މުއައްސަސާއެއްގެ އިސްވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، އިދާރާގެ އެޑްރެހާއި، މުވާސަލާތީ މައުލޫމާތު ނުވަތަ މީސްމީޑިއާ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަމެއް ވެބްސައިޓުގައިވާ ފޯމު ނުވަތަ އީމޭލު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގުމަށް ވަނީ އަންގާފައެވެ.
އިދާރީ ހިންގުން އެއް މިންގަނޑަކަށް ފެތުރުމުގެ ގޮތުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަޖައްލާތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކުގެ އިތުރުން ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔުމުގައި މި ޑިރެކްޓަރީގައިވާ ގޮތަށް އަމަލުކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.


