ރައީސް އަންނަ ހަފުތާގައި ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަންނަ ހަފުތާގައި ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުކޮށްފިއެވެ. މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޕާކިސްތާނުގެ 'ސަމާ ނިއުސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 20 އިން 22 އަށެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރު، ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.

'ސަމާ ނިއުސް' އިން ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައ ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ވަކިން ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުން 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށްވެސް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.

މި ދަތުރުފުޅުގައި ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (ސާކް) ގެ މަސައްކަތްތައް އަލުން ދިރުވައި ހަރަކާތްތެރިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާ ކުރައްވާނެ ކަމަށް ވެއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައިނުވެއެވެ.

ހިއްސާ ކުރައްވާ!