އިންޑިއާއިން ބަންގްލަދޭޝްއަށް ފޮނުވާ 200 ރޭލު ކޯޗުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ފޮނުވައިފި

އިންޑިއާގެ ރޭލްވޭސްއިން ބަންގްލަދޭޝްގެ ރޭލު ޚިދުމަތް ފުޅާކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝްއަށް ފޮނުވާ 200 ރޭލު ކޯޗުގެ ތެރެއިން ފުރަތަމަ 18 ކޯޗު އެ ގައުމަށް ފޮނުވައިފިއެވެ.

އިންޑިއާގެ ރޭލްވޭސް މިނިސްޓްރީގެ ދަށުން ހިންގާ ރައިޓްސް ކުންފުނިން މީސް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ކަޕޫރުތާލާގައި ހުންނަ ރޭލް ކޯޗް ފެކްޓަރީން އުފައްދައިގެން ފޮނުވި މި ފުރަތަމަ ޝިޕްމަންޓުގައި ހަތަރު ބާވަތެއްގެ ކޯޗު ހިމެނެއެވެ. އެގޮތުން އޭސީ ނޫން 11 ކޯޗާއި، އޭސީ ތިން ކޯޗާއި، އޭސީ ސްލީޕަރ ދެ ކޯޗުގެ އިތުރުން ޕަވަރ ދެ ކޯޗު ވަނީ ބަންގްލަދޭޝްއަށް ފޮނުވާފައެވެ.

މި ކޯޗުތައް ފަރުމާކޮށްފައިވަނީ ބަންގްލަދޭޝްގެ ރޭލު ދަތުރުފަތުރުގެ ހާލަތަށް ޚާއްސަ އިސްކަމެއް ދީގެންނެވެ. އެގޮތުން ކުއްލިއަކަށް މީހުން ގިނަވާ ވަގުތުތަކުގައި ރޭލުގެ ފުރާޅުމަތީގައި މީހުން ދަތުރުކުރާ މައްސަލައަށް ހައްލެއްގެ ގޮތުން، ކޯޗުތަކުގެ ފުރާޅުގެ އޮނިގަނޑު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މީގެއިތުރުން، އިންޑިއާގެ ރޭލުތަކުގައި 750 ވޯލްޓުގެ ކަރަންޓު ސިސްޓަމެއް ބޭނުންކުރި ނަމަވެސް، ބަންގްލަދޭޝްގެ ރޭލު ނިޒާމާ ގުޅޭގޮތަށް މި ކޯޗުތަކުގެ ކަރަންޓު ސިސްޓަމް ބަދަލުކޮށްފައިވަނީ 415 ވޯލްޓަށެވެ.

އޭސީ ކޯޗުތަކުގައި ފަންކާ ހަރުކުރުމާއި، ސީސީޓީވީ ކެމެރާ ސިސްޓަމާއި، ކުއްލި ހާލަތުގައި ބޭނުންކުރާ އެލާމް ސިސްޓަމުގެ އިތުރުން ނަމާދުކުރާ ކޮޓަރިއަކާއި ކުޑަކުދިންނަށް ޚާއްސަ ކޮޓަރިއެއްވެސް މި ކޯޗުތަކުގައި ވަނީ ހިމަނާފައެވެ.

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ މާލީ އެހީތެރިކަމާއެކު 915 ކުރޯޑު އިންޑިއަން ރުޕީސްއަށް ހިންގާ މި މަޝްރޫއުގެ ދަށުން ބާކީ ހުރި ކޯޗުތައް ފޮނުވައި، 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން ބަންގްލަދޭޝްގެ ރޭލު ނިޒާމު އާކުރެވި، ދެ ގައުމުގެ މެދުގައި އޮތް އިގުތިސާދީ އަދި ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!