ކޮލޮމްބޯ ޕޯޓު ސިޓީ: ކަރުދާހުގައި
ކޮލޮމްބޯ ޕޯޓު ސިޓީ: ކަރުދާހުގައި

ކޮލޮމްބޯ ޕޯޓް ސިޓީ މަޝްރޫއުގެ ބޮޑެތި އިންވެސްޓަރުންތަކެއް ނަން ނަގައިފި

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ ކަނޑުގެއ ސަރަހައްދުން ހިއްކައިގެން ތަރައްގީކުރާ ބައިނަލްއަގުވާމީ މާލީ މަރުކަޒު، "ކޮލަންބޯ ޕޯޓް ސިޓީ" ގައި ފުރަތަމަ ފިޔަވަހީގައި ހިންގުމަށް ރޭވި މުހިންމު މަޝްރޫއުތަކުގެ ތެރެއިން ދެބައިކުޅައެއްބައި މަޝްރޫއު ކުރިއަށް ނުގެންގޮސް އިންވެސްޓަރުން ނަން ނަގާފައިވާކަން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކަށް އަންގައިފިއެވެ.

ސްރީލަންކާގެ އިގުތިސާދީ އިދާރާތަކާ ހަވާލާދީ "އިކޮނޮމީ ނެކްސްޓް" އިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ކޮލަންބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން (ސީޕީއީސީ) ގެ ޑައިރެކްޓަރު ޖެނެރަލް ރެވަން ވިކްރަމަސޫރިޔާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ދައުލަތުގެ މާލިއްޔަތާ ބެހޭ ކޮމިޓީ (ސީއޯޕީއެފް) އަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ފުރަތަމަ ހުށަހެޅި 10 ފަރާތުގެ ތެރެއިން ފަސް ފަރާތަކުން ވަނީ ރަސްމީކޮށް ނަން ނަގައި، އެ މަޝްރޫއުތަކުން ވަކިވެފައެވެ.

ނަން ނެގި ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އާސީރީ ހޮސްޕިޓަލުން ހަދަން ރޭވި އަމިއްލަ އެންމެ ޒަމާނީ މެޑިކަލް ސެންޓަރާއި، ގޭޓްވޭއިން ހުށަހެޅި ތައުލީމީ ކޮމްޕްލެކްސްގެ އިތުރުން، ކްލޯތުސްޕިން މެނޖްމަންޓުން ހިންގުމަށް ހަމަޖެއްސި ރިއަލް އެސްޓޭޓް މަޝްރޫއު ހިމެނެއެވެ. މީގެ އިތުރުން، ކެސިނޯ ހިންގާ ޔުނިވަރސަލް އެންޓަޓެއިންމަންޓް ކޮލަންބޯއިން ތަރައްގީކުރަން ހުށަހެޅި ކެސިނޯ ހިމެނޭ އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއުވެސް ވަނީ ހުއްޓާފައެވެ.

ކޮޅުނބުގެ އައްސޭރިފަށުން 269 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ މި ސަރަހައްދަކީ ޑުބާއީ އަދި ސިންގަޕޫރު ފަދަ މި ސަރަހައްދުގެ މާލީ މަރުކަޒުތަކާ ވާދަކުރެވޭނެ ގޮތަށް، ޓެކްސް އިނާޔަތްތަކާއެކު ބައްޓަން ކޮށްފައިވާ ތަނެކެވެ. ނަމަވެސް، ސްރީލަންކާގެ އިގުތިސާދީ ކާރިސާއާއި، މާލީ ނިޒާމު އަލުން ތަރުތީބުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މިފަދަ ހިރާސްތަކެއް ހުރި ނަމަވެސް، ކޮމިޝަނުގެ އިސް އޮފިޝަލުން ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ، ކޮލޮމްބޯ ޕޯޓު ސިޓީގެ ތަރައްގީގެ އަސާސީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން، ކުއްޔަށް ދޫކޮށްފައިވާ ނުވަ ބިމެއްގައި 1.12 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތައް ވަނީ ކަށަވަރުވެފައެވެ.

"މެރީނާގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ކޮލަންބޯ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (ސީއައިއެފްސީ) ގެ ޕައިލިންގ މަސައްކަތްތައްވެސް ވަނީ ފެށިފައި،" ސީޕީއީސީގެ ޗެއަރމަން ހަރްޝަ އަމަރަސޭކަރަ މާލިއްޔަތު ކޮމިޓީގައި ވިދާޅުވިއެވެ. އޭނާ އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ހޯމްލޭންޑްސް އަދި ޕްރައިމް މެލްވާ ފަދަ ކުންފުނިތަކުން ހިންގާ މުހިންމު ރިސައިޑެންޝަލް އަދި ވިޔަފާރި މަޝްރޫއުތަކުގެ ފައުންޑޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ހިންގަމުންނެވެ.

މި ފިޔަވަހީގެ އެންމެ މުހިންމު ބަޔަކީ ސިލޯން ރިއަލް އެސްޓޭޓް ހޯލްޑިންގްސްއިން 515 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީކުރާ ސީއައިއެފްސީ މަޝްރޫއެވެ. 160,000 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމުކުރާ މި މަޝްރޫއުގެ ދަށުން އޮފީސް ބްލޮކްތަކާއި، ފްލެޓްތަކާއި، ވިޔަފާރި މަރުކަޒުތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމިޝަނުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އިތުރު 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމަށް ވަނީ އަމާޒުހިފާފައެވެ.

މުޅި ޕޯޓް ސިޓީގައި 118 ބިން ހިމެނޭއިރު، އޭގެ ތެރެއިން 48 ބިމެއް ވިއްކުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީއެޗްއީސީ ކުންފުނިންނެވެ. ބާކީ 28 ބިމާއި އާންމު ސަރަހައްދުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ސްރީލަންކާ ސަރުކާރުގެ އަތުގައެވެ.

ސްރީލަންކާގެ އިގުތިސާދީ މަސްރަހު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދައި، ޕޯޓް ސިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސްރީލަންކާ ސަރުކާރުން ދަނީ ޚާއްސަ ސްޓްރެޓެޖީތަކެއް އެކުލަވަޅައި، ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!