ފަލަސްތީނުގެ މައްސަލައަކީ މި ގަރުނުގައި ހިންގި އެންމެ ބޮޑު ތާރީޚީ އަނިޔާވެރި އަމަލު: ޗައިނާގެ ޚާރިޖީ ވަޒީރު

ފަލަސްތީނުގެ މައްސަލައަކީ މި ގަރުނުގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު އިންސާފެއްނެތް އަނިޔާވެރި އަމަލު ކަމަށް ޗައިނާއިން ސިފަކޮށް، ހުޅަނގު އައްސޭރި ގައި އިސްރާއީލުން ގާނޫނާ ޚިލާފަށް ވަޒަންވެރިވުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގްޔީ ގޮވާލައްވައިފިއެވެ.

އަޒަރުބައިޖާންގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އިސްރާއީލުގެ ރައީސް އިސްހާގް ހަރްޒޯގްއާ ބައްދަލުކުރައްވައި ޗައިނާގެ ޚާރިޖީ ވަޒީރު ވަނީ، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދަށް ވަދެވޭނެ ފުރިހަމަ މަގުތައް ހުޅުވާލުމަކީ މިވަގުތު އެންމެ އިސްކަންދޭންޖެހޭ މުހިންމު ކަންތައް ކަމަށް ވިދާޅުވެފައެވެ. އަދި ހުޅަނގު އައްސޭރި ގައި އިސްރާއީލުން މަޖުބޫރުން ހިންގާ އާބާދީތައް ގާއިމުކުރުމުގެ މަޝްރޫއުތައް ހުއްޓާލައި، އެ ނިންމުންތައް އަނބުރާ ގެންދިއުމަށްވެސް ވަންގްޔީ ވަނީ ގޮވާލައްވާފައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މެދުއިރުމަތީގެ ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަކީ ބެއިޖިންގއިން މެދުއިރުމައްޗަށް ގެންގުޅޭ ޚާރިޖީ ސްޓްރެޓެޖީ ގެ އެންމެ މުހިންމު އަސާސެވެ. ދެ ފަރާތުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށާއި، ސަރަހައްދީ މަސްރަހު ފިނިކުރުމަށްޓަކައި ބައިނަލްއަގުވާމީ ޑިޕްލޮމެޓުން އިސްވެ ހިންގާ މަޝްރޫއުތަކަށް ޗައިނާއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗައިނާއިން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި، ދެ ދައުލަތް އެކުވެގެން އުފެދޭ ހައްލަކަށް ވާސިލުވުމަށް އދ އިން ނެރެފައިވާ ގަރާރުތަކަށް އިހުތިރާމްކުރުމަށް އިސްރާއީލަށް ބާރުއަޅާފައެވެ. ޣައްޒާ ގައި ހިންގަމުންދާ ޖެނޮސައިޑްގެ ނުރައްކާތެރި ހަމަލާ ތަކުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ މައިދާން ގައި ޗައިނާއިން ދަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރަމުންނެވެ.

ހިއްސާ ކުރައްވާ!