އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ ކެންޔާގައި އިބޯލާ ވައިރަސް ހަލުއި ކަމާއެކު ފެތުރެމުންދާތީ، އެ ޤައުމުގެ ސިއްޙީ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށްޓަކައި 11 ޓަނުގެ ސިއްޙީ ސާމާނު އިންޑިއާއިން ހަދިޔާކޮށްފިއެވެ. މިއީ އެ ޤައުމަށް އިންޑިއާއިން ފޯރުކޮށްދިން ސިއްޙީ އެހީތެރިކަމުގެ ދެވަނަ ބައެވެ.
ނެއިރޯބީގައި ބޭއްވި ރަސްމިއްޔާތެއްގައި، ކެންޔާގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު އުރުޝް ސުވައިކާ ވަނީ 11 ޓަނުގެ މި އެހީގެ ޝިޕްމެންޓް، ކެންޔާގެ ޕަބްލިކް ހެލްތުގެ ޕްރިންސިޕަލް ސެކްރެޓަރީ މެރީ މުތީނީ މުރިއުކީއާ ރަސްމީކޮށް ޙަވާލުކޮށްދެއްވާފައެވެ. މި އެހީގެ ތެރޭގައި ސިއްޙީ މަސައްކަތްތެރިން ރައްކާތެރިކުރުމަށް ބޭނުންވާ ޕީ.ޕީ.އީ ކިޓްތަކާއި، ވައި ސާފުކޮށްދޭ ނިޒާމުތަކާއި، ބަޔޯސޭފްޓީ ކެބިނެޓްތަކުގެ އިތުރުން ލެބޯޓްރީގެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ފިނިކުރި ޢާލާތްތައް ހިމެނެއެވެ.
ކެންޔާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޢުމުރުން 49 އަހަރުގެ މުވައްޒަފަކު އެބޯލާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން، ބަލިޖެހުނު މީހުންގެ އަދަދު ވަނީ 8ށް އަރާފައެވެ. ކެންޔާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ-ޖެނެރަލް ޕެޓްރިކް އަމޮތު ވިދާޅުވީ، ބަލިޖެހިފައިވާ މީހުންނަށް ޚާއްޞަ ސަރަޙައްދުތަކުގައި ފަރުވާދެމުންދާ ކަމަށާއި، މިހާތަނަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ޙާލަތު ރަނގަޅުވަމުންދާ ކަމަށެވެ. އަދި އާދީއްތަ ދުވަހު އެކަނިވެސް 38 މީހަކު ޓެސްޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތައް ބަޔާންކުރާ ގޮތުގައި، އިބޯލާއަކީ އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ހަލުވިކަމާއެކު ފެތުރޭ، ފުރާނައަށް ނުރައްކާ ކޮށްދޭ ނުރައްކާތެރި ބައްޔެކެވެ. މި ވައިރަސް އިންސާނުންގެ ހަށިގަނޑަށް އަރުވަނީ ބަލިޖެހިފައިވާ ޖަނަވާރުންގެ ޒަރީޢާއިންނާއި، ބަލިޖެހިފައިވާ މީހުންގެ ހަށިގަނޑުގެ ދިޔަ ފަދަ ތަކެތި ސީދާ ހަށިގަނޑަށް ވާޞިލުވުމުންނެވެ. އިންޑިއާއިން ފޯރުކޮށްދިން ސިއްޙީ އެހީގެ ސަބަބުން ކެންޔާގެ ސިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ދެކެއެވެ.





