އިޒްރޭލުގެ ޔަހޫދީ ޒަޔަނިސްޓުން ހުޅަނގު އައްސޭރީގެ އިސްތިއުމާރީ ސަރަޙައްދުގައި އައު ބަސްތީތައް އާބާދުކުރުމަށް ހިންގާ މަޝްރޫޢުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އޮތް ފުރުޞަތު މުޅިން ހަނިވެގެންދާ ކަމަށް ބުނެ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް ވަނީ އިންޒާރެއް ދެއްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިންތަކުން ނެރެ، ވަޒަންވެރިން އިތުރުކުރުމަށް ހިންގާ ޤާނޫނާ ޚިލާފު ޙަރަކާތްތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ހިމޭނުން ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސި ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނެއްގައި މިލިބޭންޑް ވިދާޅުވީ، އައު ބަސްތީތައް ބިނާ ކުރާ ސަރަޙައްދުގައި ވަޒަންވެރިންނަށް ޚާއްޞަ ގެތައް އިމާރާތްކުރުމަށް އިޒްރޭލުގެ ސަރުކާރުން ބީލަމަށް ހުޅުވާލި ހުޅުވާލުމަކީ ދެ ދައުލަތުގެ ޙައްލަށް ސީދާ ކުރިމަތި ކުރުވާ ނުރައްކަލެއް ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޤާނޫނާ ޚިލާފަށް ވަޒަންވެރިން އާބާދުކުރުމުގެ މަޝްރޫޢުތަކުގައި ބައިވެރިވާ މީހުންނާއި ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި އިނގިރޭސިވިލާތުން އައު ޤާނޫނީ ބާރުތަކެއް ތަޢާރަފުކޮށްފައިވާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މިފަދަ ބީލަންތަކުގައި ބައިވެރި ނުވުމަށް ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް އިލްތިމާސްކުރައްވަމުން އޭނާ ވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުން ކުރިމަތި ވެދާނެ ޤާނޫނީ ފިޔަވަޅުތަކާއި ކުންފުނިތަކުގެ ރީތި ނަމަށް ލިބިދާނެ ގެއްލުންތަކާމެދު އިންޒާރުދެއްވާފައެވެ.
މީގެއިތުރުން، ޤާނޫނާ ޚިލާފަށް އުފައްދާ މުދާ އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރާ ޤާނޫނުތައް ހެދުމާއި، އެފަދަ ޙަރަކާތްތަކަށް މާލީ އެހީތެރިކަން ދޭ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އިނގިރޭސި ސަރުކާރުން ތައްޔާރަށް އޮތްކަން ބަޔާނުގައިވަނީ ކަށަވަރުކޮށްދީފައެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް އިތުރުވަމުންދާތީ އެކަން ކުށްވެރިކުރައްވަމުން، އެފަދަ ޙަމަލާތަކުގައި ފްރާންސް، ބެލްޖިއަމް، އަދި ޕޯލަންޑްގެ އޮފިޝަލުންނާއި، ކެތޮލިކް ޗަރޗްގެ މަންދޫބުންގެ އިތުރުން އެމެރިކާގެ ނޫސްވެރިއަކަށްވެސް އަމާޒުވެފައިވާކަން މިލިބޭންޑް ފާހަގަކުރެއްވިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 18 ގައި އިޒްރޭލުން ހުޅުވާލި ޔަހޫދީ ބަސްތީ ބިނާ ކުރުމުގެ މަޝްރޫޢުގެ ބީލަމުގައި، ހުއްދަދީފައިވާ 3,401 ރެސިޑެންޝަލް ޔުނިޓުގެ ތެރެއިން 1,234 ޔުނިޓު ހިމެނޭ ގޮތަށް ހަތް މައި އިމާރާތެއް އިމާރާތްކުރުން ހިމެނެއެވެ. މި ސަރަޙައްދަކީ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގެ 'މަޢަލޭ އަދުމިމް' ޔަހޫދީ ވަޒަންވެރިންގެ ސަރަޙައްދާ ދެމެދުގައިވާ މުހިންމު ސަރަޙައްދެކެވެ. މި މަޝްރޫޢުގެ ސަބަބުން ފަލަސްޠީނުގެ ބިންތައް އެ ސަރަހައްދު އަނެއް ސަރަޖަހައްދާ ވަކިވެ، ގުޅިފައިވާ މިނިވަން ދައުލަތެއް އުފެއްދުމަށް އޮތް ފުރުޞަތު މުޅިން ނެތިގެން ދާނެތީ ބައިނަލްއަޤުވާމީ ގޮތުން ބޮޑެތި އިޢުތިރާޟުތަކެއް ވަނީ އުފެދިފައެވެ.





