ބޮމުގެ އިންޒާރަކާ ގުޅިގެން އޮސްޓްރިއަން އެއާލައިންސްގެ ބޯޓެއް ބަލްގޭރިއާއަށް ކުއްލި ހާލަތުގައި ޖައްސައިފި

އިސްރާއީލުގެ ޓެލްއަވީވުން ފުރައިގެން އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ދަތުރުކުރަމުންދިޔަ އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބަލްގޭރިއާގެ ވެރިރަށް ސޮފިޔާގެ އެއާޕޯޓަށް އެ ބޯޓު ކުއްލި ހާލަތުގައި ޖައްސައިފިއެވެ.

އޭވިއޭޝަން މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ފްލައިޓުގައި އދ. ގެ ޖަލްސާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ޒުވާނުންގެ ވަފުދެއްވެސް ހިމެނެއެވެ. އެ ބޯޓު 36,000 ފޫޓުގެ އުހުގައި ބަލްގޭރިއާގެ ބޯޑަރު ކައިރިން އުދުހެމުންދަނިކޮށް، ބޯޓުގެ ތެރޭގައި ބޮމެއް ކަމަށް ޝައްކުކުރެވޭ ނުރައްކާތެރި އެއްޗެއް އޮތް ކަމުގެ މައުލޫމާތު ކެޕްޓަނަށް ލިބުމާއެކު ވަނީ ކުއްލި ނުރައްކަލުގެ ކޯޑު އިޢުލާނުކޮށްފައެވެ. އަދި ބޯޓުގެ މިސްރާބު ވަގުތުން ސޮފިޔާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ އަންގާފައެވެ.

ބޯޓު ސޮފިޔާ އެއާޕޯޓަށް ޖެއްސުމާއެކު، ބަލްގޭރިއާގެ ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ވަގުތުން ވަށާލައިފައެވެ. ޖެނޮސައިޑް ހިންގަމުންދާ ޔަހޫދީ ޒަޔަނިސްޓު ރެޖީމުގެ ގައުމުން ފުރައިގެން ދިޔަ މި ފްލައިޓުގައި ތިބި ފަސިންޖަރުންނާއި، އެމީހުންގެ މުދަލުގެ އިތުރުން މުޅި ބޯޓު ވަނީ ސަލާމަތީ ޕްރޮޓޯކޯލްތަކުގެ ދަށުން ވަރަށް ހަރުކަށިކޮށް ބަލައި ފާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފަސިންޖަރުންނާއި މުދާ ބޯޓުން ބާާލައި، މުޅި ބޯޓު ފުރިހަމައަށް ސްކޭންކޮށް ތަހުގީގު ކުރުމަށް ފަސް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ. ރޭގަނޑުގެ ވަގުތާ ހަމައަށް ކުރިއަށްދިޔަ މި ފާސްކުރުންތަކުން ގޮވާޒާތުގެ ނުވަތަ ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައިނުވާކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބޯޓުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ކަށަވަރުކުރުމަށްފަހު، ސޮފިޔާ އެއާޕޯޓުން ވަނީ އޮސްޓްރިއަން އެއާލައިންސްގެ މި ފްލައިޓަށް އަލުން އުދުހުމުގެ ހުއްދަ ދީފައެވެ. ސަލާމަތީ ހުރިހާ ތަހުގީގުތަކެއް ނިމުމުން، ފަސިންޖަރުންނާއެކު ބޯޓު ވަނީ އޭގެ  ވިއެނާއަށް ދިއުމަށް އަލުން ފުރާފައެވެ.

ހިއްސާ ކުރައްވާ!