ޣައްޒާގެ ޙައްޤުގައި އަޑުއުފުލުމަށް ޕެޕް ގާޑިއޯލާ ގޮވާލައްވައިފި

މެންޗެސްޓަރ ސިޓީއާއި ބާސެލޯނާގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ މެނޭޖަރު އަދި ކޯޗު ޕެޕް ގާޑިއޯލާ، ފަލަސްޠީނުގެ ރައްޔިތުންނަށް ހަމްދަރްދީ ފާޅުކޮށް އެއްބައިވަންތަކަން ހާމަ ކޮށްދިނުމަށް ދުނިޔެއަށް ގޮވާލައްވައިފިއެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީދޭ އދ. ގެ އޭޖެންސީ އުންރުވާ މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި، ޔަހޫދީ ޒަޔަނިސްޓުންގެ ފަރާތުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ކުށްވެރި ކުރައްވައި އިންސާނީ އެހީއަށް ޔަހޫދީން ހުރަސްއަޅަމުންދާ ކަންކަން އޭނާ ވަނީ ހާމަ ކުރައްވާފައެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އޮންރުވާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ނެރުނު މި މެސެޖުގައި، ގާޑިއޯލާ ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ބާއްވާ އެއްބައިވަންތަކަން ހުއްޓުމަކަށް އައިސްގެން ނުވާނެ ކަމަށެވެ. އަދި ޔަހޫދީ ޒަޔަނިސްޓުން ހިންގާ ޖެނޮސައިޑްގެ ސަބަބުން ޣައްޒާގައި މަރުވި މީހުންގެ އަދަދު 70 ހާހަހަށްވުރެ މައްޗަށް ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. "ޔަހޫދީން ޝިކާރަ ކުރާ މީހުންނަކީ ހަމައެކަނި އަދަދުތަކެއް ނޫނެވެ؛ އެއީ ވަކިވަކި ނަންތަކަކާއި އާއިލާތަކާއި، އަދި އުންމީދުތަކެއް ހުރި އިންސާނުން،" ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުތަކުގައިވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކޮށް، ގާޑިއޯލާ ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން 2025 ވަނަ އަހަރު މެންޗެސްޓަރ ޔުނިވަރުސިޓީން ޝަރަފުގެ ޑޮކްޓަރޭޓު ލިބުނު ވަގުތުވެސް އޭނާ ވަނީ ޣައްޒާގެ ކުޑަކުދިންގެ ޙާލަތަށް އަލިއޅުވާލައްވާފައެވެ. އަދި ބާސެލޯނާގައި ބޭއްވި ތަފާތު އެއްވުންތަކުގައި ފަލަސްޠީނުގެ ކުފިޔާ އަޅައިގެން ބައިވެރިވުމާއި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ކޭމްޕްތަކުގައި ފަލަސްޠީނުގެ ކުދިން ބައިވެރިކޮށްގެން އެކުވެރިކަމުގެ ހަރަކާތައްއް ހިންގާފައިވާކަން ފާހަގަކުރެވެއެވެ.

ޣައްޒާގެ ކުދިން ތަޙައްމަލުކުރަމުންދާ ބަނޑުހައިހޫނު ކަމާއި ބިރުވެރިކަމަށް އިންޒާރުދެމުން ގާޑިއޯލާ ވަނީ ރެފިއުޖީންގެ ޙައްޤުތަކާއި އެމީހުންގެ ތާރީޚު ރައްކާތެރިކުރުމުގައި އޮންރުވާގެ ދައުރު އަބަދުވެސް މުހިންމުވާނެކަން ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!