އިނގިރޭސިވިލާތުގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއެކު، އަލަށް އުފަންވާ ކުދިންނަށް އާއިލީ ނަން ދިނުމުގެ އާދަކާދައަށް ފާއިތުވި ތިން ދަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވާކަން އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސްއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އިންގްލޭންޑް އަދި ވޭލްސްގައި ކުރިން އާންމުކޮށް ބޭނުންކުރި ނަންތައް ކަމަށްވާ "ޓޭލަރ"، "ބްރައުން" އަދި "ޖޯންސަން" ފަދަ ނަންތަކުގެ މަގުބޫލުކަން ދަށްވެ، "ޚާން"، "އަޙްމަދު" އަދި "ޢަލީ" ފަދަ ނަންތައް ވަނީ އެންމެ އާންމު ނަންތަކުގެ ލިސްޓުތަކުގެ ކުރިއަށް ޖެހިލާފައެވެ.
1996 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ބޭނުންކޮށްފައިވަނީ "ސްމިތު"، "ޖޯންސް" އަދި "ވިލިއަމްސް" ފަދަ ނަންތަކެވެ. ނަމަވެސް އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، އަލަށް އުފަންވި ކުދިންނަށް ދިން އާއިލީ ނަންތަކުގެ ތެރެއިން އެންމެ މަތީގައި "ސްމިތު" އޮތް ނަމަވެސް، ދެވަނައަށް އެންމެ ގިނައީ "ޚާން" އެވެ. ތިންވަނައަށް "އަޙްމަދު" އަދި ހަތަރުވަނައަށް "ޢަލީ" ހިމެނޭއިރު، މީގެ އިތުރުން "ޙުސައިން"، "ސިންގު"، "ޕަޓޭލް" އަދި "ކޯރ" ފަދަ ނަންތައްވެސް ވަނީ ލިސްޓުގެ ކުރީގެ މަގާމުތައް ހޯދާފައެވެ.
ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި "ޚާން"، "އަޙްމަދު" އަދި "ޢަލީ" ފަދަ ނަންތައް އާއިލީ ނަމުގެ ގޮތުގައި ބޭނުންކުރި މިންވަރު ވަނީ ދެގުނައަށް އިތުރުވެފައެވެ. އަދި "ސިންގު" އަދި "ކޯރ" ބޭނުންކުރި ނިސްބަތް ފަސްގުނައަށް އިތުރުވެފައިވާއިރު، އިނގިރޭސިވިލާތުގެ ގަދީމީ އާއިލީ ނަމެއް ކަމަށްވާ "ޖޯންސް" ބޭނުންކުރި މިންވަރު ވަނީ 43 އިންސައްތައަށް ދަށްވެފައެވެ. މީގެ އިތުރުން "ސްމިތު" ކިޔާ ކުދިންގެ އަދަދު 7,276 އިން 4,102 އަށް ވަނީ މަދުވެފައެވެ.
އިނގިރޭސިވިލާތުގެ އިޖުތިމާއީ އަދި ސަގާފީ މާހައުލަށް އަންނަމުންދާ ބަދަލުތައް ހާމަކޮށްދޭ މި ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ތެރޭގައި ކުދިންނަށް 23,400 އަށްވުރެ ގިނަ ތަފާތު އާއިލީ ނަންތައް ވަނީ ރެކޯޑުކުރެވިފައެވެ. މިއީ މީގެ 30 އަހަރު ކުރިއާ އަޅައިބަލާއިރު އިތުރުވުމެކެވެ. އޭރު ރެކޯޑުކުރެވިފައިވަނީ 21,600 އަށްވުރެ ގިނަ ނަމެވެ. ވޭތުވެދިޔަ އަހަރު އެއްހާހަށްވުރެ ގިނަ ކުދިންނަށް ދީފައިވަނީ އެންމެ 23 ތަފާތު އާއިލީ ނަމެވެ. ނަމަވެސް 1996 ވަނަ އަހަރު އެފަދަ ނަންތަކުގެ އަދަދު އުޅުނީ 57 ގައެވެ.
މި ތަފާސްހިސާބުތަކުން އިތުރަށް ހާމަވިގޮތުގައި، އިންގްލޭންޑް އަދި ވޭލްސްގައި ފިރިހެން ކުދިންނަށް ދޭ ނަންތަކުގެ ތެރެއިން "މުޙައްމަދު" މި ނަން ވަނީ ވިދިވިދިގެން ތިންވަނަ އަހަރަށް އެންމެ މަގުބޫލު ނަމުގެ ގޮތުގައި ހިމެނިފައެވެ. އެގޮތުން 2025 ވަނަ އަހަރު އެކަނިވެސް 5,957 ފިރިހެން ކުއްޖަކަށް "މުޙައްމަދު" ނަން ދީފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.




