ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޫ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިސްލާމްއާބާދުގައި ރިއާސީ ގަނޑުވަރު އައިވާނޭ ސަދްރުގައި، އިއްޔެ ހަވީރުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެދެކެނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ފަސްޓް ލޭޑީ އަސީފާ ބުއްޓޫ ޒަރްދާރީއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ ދިވެހި ވަފުދަށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމުން އުފާކުރައްވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޕާކިސްތާނުން ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ޢާންމު ޞިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތަށް ހޭލުންތެރިކުރުމަށާއި ޕޯލިއޯ ނައްތާލުމަށް އަސީފާ ބުއްޓޫ ޒަރްދާރީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވާފައެވެ.
އަސީފާ ބުއްޓޫ ޒަރްދާރީއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޝަހީދު ބޭނަޒީރު ބުއްޓޫއާއި މިހާރުގެ ރައީސް އާސިފް ޢަލީ ޒަރްދާރީގެ ދަރިކަނބަލުންނެވެ.
އެކަމަނާއަކީ، ޤައުމީ ފެންވަރުގައި އިޖުތިމާޢީ އަދުލުވެރިކަމާއި އާންމު ޚިދުމަތްކުރެއްވުމައި އުޅުއްވާ ބޭކަނބަލެކެވެ. އަދި އަސީފ ބުއްޓޫ ޒަރުދާރީއަކީ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، ތަޢުލީމު ކުރިއެރުވުމާއި، އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްޞަކޮށް އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމާއި، ޓީބީ އާ ދެކޮޅަށް މަސައްކަތްކުރުމުގައި އެކަމަނާ އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއާއި އަސީފާގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މައްޗަށެވެ. އެގޮތުން، ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޞިއްޙީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ބާރުވެރިކުރުވުމުގައި ދެ ޤައުމުގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ.





