އިންޑިއާއިން 2030 ވަނަ އަހަރުގެ ނިޔަލަށް 1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމުގެ ގޮތުން، އެ ގައުމުގެ ޑޭޓާ ސެންޓަރުތަކުގެ ނެޓްވޯކް ފުޅާކުރުމުގެ މަޝްރޫއެއް ފަށައިފިއެވެ. ޑިޖިޓަލް ފައިސާގެ މުއާމަލާތްތަކާއި، އީ-ކޮމާސް، ކްލައުޑް ޚިދުމަތްތައް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާ ކުރިއަރަމުންދާއިރު، ޑޭޓާ ސެންޓަރުތަކަކީ ގައުމީ އިގްތިސާދީ ކުރިއެރުމުގެ މައިގަނޑު ވަސީލަތް ކަމުގައި ވަނީ ބަދަލުވެފައެވެ.
އިންޑިއާގެ ޓެކްނޮލޮޖީ ދާއިރާގެ ޚަރަދުތައް 2026 ވަނަ އަހަރު 176.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ޑޭޓާ ސެންޓަރުތަކުގެ ގާބިލުކަން އިތުރުކުރުމަށް ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް އެ ގައުމަށް ފޯރުކޮށްދެމުންނެވެ. މިހާރު ހިނގަމުންދާ 2026 ވަނަ މާލީ އަހަރުގެ ތެރޭގައި އެ ގައުމުގެ އައިޓީ އަދި ބިޒްނަސް ޚިދުމަތްތަކުގެ މާކެޓް 69 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ސޮފްޓްވެއާ އުފެއްދުމުގެ ދާއިރާ 2030 ގެ ނިޔަލަށް 100 ބިލިއަން ޑޮލަރަށްވުރެ ކުރިއަރައިގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.
- މިހާރު އިންޑިއާގައި އޮޕަރޭޓްކުރާ 271 ޑޭޓާ ސެންޓަރު ހުރއެވެ.
- ޑޭޓާ ސެންޓަރުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަމަކީ 1.57 އާއި 1.79 ގިގަވޮޓް އާދެމެދުގެ މިންވަރެކެވެ.
- ކައުންސިލް އޮން އެނާޖީ، އެންވަޔަރަންމަންޓް އެންޑް ވޯޓާ (ސީއީއީޑަބްލިއު) އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ގާބިލުކަން ދެގުނައަށް އިތުރުވެ، 2030 އާ ހަމައަށްދާއިރު 4.5 ޖީޑަބްލިއު އާއި 6.5 ޖީޑަބްލިއުއާ ދެމެދުގެ މިންވަރަކަށް ފުޅާވެގެންދާނެއެވެ.
- މުމްބާއީއަކީ އެ ގައުމުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރުގެ ހަބެވެ.
- މުމްބާއީގެ އިތުރުން ޗެންނާއި، ނިއުދިއްލީ-އެންސީއާރު، ބެންގަލޫރު، ހައިދަރުއާބާދު އަދި ކޮލްކަތާ ހިމެނޭހެން ހަ ސަރަހައްދަކުން އިންޑިއާގެ ޑޭޓާ ސެންޓަރުތަކުގެ ތިންބައިކުޅަ ދެބައި ހިއްސާކުރެއެވެ.
ދުނިޔޭގެ މުޅި ޑޭޓާ އިންޑިއާގައި ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ގޫގުލް، އެމަޒޯން އަދި މައިކްރޯސޮފްޓް ފަދަ ކުންފުނިތަކުން ދަނީ އިންޑިއާގައި ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ގޫގުލްއިން ވަނީ ވިސާކަޕަޓްނަމްގައި 1 ޖީޑަބްލިއުގެ ޑޭޓާ ސެންޓަރު ހަބެއް ގާއިމުކުރުމަށް 15 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އިއުލާނުކޮށްފައެވެ.
މިއީ އެމެރިކާއިން ބޭރުގައި ގޫގުލްއިން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މީގެ އިތުރުން ރިލަޔަންސް އިންޑަސްޓްރީޒްއިން އާންދުރަ ޕްރަދޭޝްގައި އޭއައި ސެންޓަރެއް ހެދުމަށް 11.4 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާއިރު، އަދާނީ ގްރޫޕުން ކުރިއަށް އޮތް ދިހައަހަރު ތެރޭގައި އިއާދަކުރެވިނިވި ހަކަތައާއެކު ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް 100 ބިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ރާވާފައެވެ.
އޯޕަންއޭއައި އާ ގުޅިގެން އޭއައި ކޮމްޕިއުޓިން ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު، އޭއައި އާއި ޑިޖިޓަލް އުމްރާނީ ތަރައްގީއަށް ކުރިއަށް އޮތް އަހަރުތަކުގައި 200 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިންޑިއާއަށް ލިބޭނެ ކަމަށް ބެލެވެއެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން 2026 ވަނަ އަހަރުގެ ނިޔަލަށް ކްލައުޑް ދާއިރާއިން އެކަނިވެސް 14 މިލިއަން ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އިންޑިއާ ސަރުކާރުން ވަނީ އިންޑިއާގައި ގާއިމުކުރާ ޑޭޓާ ސެންޓަރުތައް މެދުވެރިކޮށް ކްލައުޑް ޚިދުމަތް ދޭ ބޭރުގެ ކުންފުނިތަކަށް 2047 ވަނަ އަހަރާ ހަމައަށް ޓެކްސް އިނާޔަތްތަކެއް ދިނުމަށް ހުށަހަޅާފައެވެ. އަދި 2023 ވަނަ އަހަރު އަމަލުކުރާ ޑިޖިޓަލް ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން އެކްޓުގެ ދަށުން ޑޭޓާ ރައްކާތެރިކުރުމުގެ ގާނޫނީ އިންގިލާބީ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
މީގެ އިތުރުން ބިއުރޯ އޮފް އިންޑިއަން ސްޓޭންޑަރޑްސްއިން ވަނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓާއި ފެން ބޭނުންކުރުމުގެ ބައިނަލްއަގުވާމީ ސްޓޭންޑަރޑްތައް ޑޭޓާ ސެންޓަރުތަކަށް ކަނޑައަޅާފައެވެ.




