ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ހިންގި އާންމު ހަރަކާތްކަށްފަހު، އެ ގައުމުގެ ސިޔާސީ އަދި ސަލާމަތީ މަސްރަހު ހަމައަކަށް އަޅުވައި އަމަންއާމާންކަން ގާއިމުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ގައުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އާންމުންގެ އިތުބާރު ކެނޑެމުންދާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން ނެރުނު ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތކުރާ ޖަމްއިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ސަޕޯޓް ސޮސައިޓީ (އެޗްއާރުއެސްއެސް) އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މި އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިންގި ސިޔާސީ ހަމަނުޖެހުންތަކުގެ 183 ހާދިސާއެއްގައި 17 މީހުން މަރުވެ، 1،227 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، ހަވަރު އެއްވެ އަމިއްލައަށް ކުށްވެރިންނަށް އަދަބުދިނުމުގެ ހާދިސާތައް ވަނީ 98 އިން 137 އަށް އިތުރު ވެފައެވެ.
އިން އޯ ސާލިޝް ކެންދުރާ ޖަމްއިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިފަދަ ހަމަނުޖެހުންތަކުގައި
- މަރުވި މީހުންގެ އަދަދު 2023 ވަނަ އަހަރު 51 ގައި
- 2024 ގައި 128
- 2025 ވަނަ އަހަރު 197 އަށް
- ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ މީހުން މެރުމުގެ މައްސަލަތައް 2023 ގެ 3،023 އިން 2025 ގައި ވަނީ 3،786 އަށް އިތުރުވެފައެވެ.
ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ޝޭޚް ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން، އާންމުންގެ ނުރުހުން މުޅިން އަމާޒުވީ ފުލުހުންގެ މުއައްސަސާއަށެވެ. އެގޮތުން ގައުމުގައި ހުރި 639 ފުލުސް ސްޓޭޝަނުގެ ތެރެއިން 450 ސްޓޭޝަނަކަށް ހަމަލާދީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލުމުގެ ސަބަބުން ޚިދުމަތް ހުއްޓުނެވެ. އަދި ފުލުހުންގެ މަގާމުތަކުގެ 30 އިންސައްތަ ވަގުތީ ގޮތުން ހުސްވިއެވެ.
ޝޭޚް ހަސީނާގެ އަވާމީ ލީގު ސަރުކާރުގެ 15 އަހަރުގެ ދިގު ވެރިކަމުގައި ފުލުހުންގެ މުއައްސަސާ ބޭނުންކޮށްފައިވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ. 2024 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން އިދިކޮޅު 10،000 އެކްޓިވިސްޓުން ހައްޔަރުކޮށް، ސިޔާސީ ނުފޫޒުން ދައުވާކުރުމާއި، ވަގަށް ނެގުމުގެ 708 މައްސަލައެއްގައި ފުލުހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ސަބަބުން ފުލުހުންގެ އިދާރާއަކީ ފަންނީ މުއައްސަސާއެއްގެ ބަދަލުގައި ސަރުކާރުގެ ސިޔާސީ އެޖެންޑާ ހިންގާ ވަސީލަތަކަށް ވަނީ ބަދަލުވެފައެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ސަރުކާރާ ހަވާލުވި ނަމަވެސް، ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އާންމުންގެ 52 އިންސައްތަ މީހުން ފުލުހުންގެ މަސައްކަތާމެދު ނުރުހުން ފާޅުކޮށްފައިވާއިރު، މިއީ ބަންގްލަދޭޝްގެ ދައުލަތުގެ މުއައްސަސާއަކަށް އާންމުންގެ އެންމެ މަދު ންއިތުބާރު ލިބުނު ފަހަރެވެ.
ސަލާމަތީ ހާލަތު އިތުރަށް ގޯސް ވާން ދިމާވި އަނެއް ސަބަބަކީ، ކުރީގެ ސަރުކާރު ވެއްޓުމާއެކު އެކި ސަރަހައްދުތަކުގެ އިގްތިސާދީ އަދި ސިޔާސީ ނުފޫޒު ހޯދުމަށް ސިޔާސީ ޖަމާއަތްތަކުގެ މެދުގައި އުފެދުނު ވާދަވެރިކަމެވެ. ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިންގި 183 ހަމަނުޖެހުމުގެ ތެރެއިން 69 ހާދިސާއަކީ ބީއެންޕީގެ އެތެރޭގެ ކުރިމަތިލުންތަކެވެ. އަދި 92 ހާދިސާއަކީ ބީއެންޕީއާއި އެހެން ސިޔާސީ ޕާޓީތަކާ ދެމެދު ހިންގި ހަމަނުޖެހުންތަކެވެ.




