ލާއޯސްގައި ޗައިނާގެ އާ އަސްކަރީ ވައިގެ މަރުކަޒެއް ގާއިމުކޮށްފި

ޗައިނާގެ ބައިނަލްއަގުވާމީ ނުފޫޒާއި އަސްކަރީ ގާބިލުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ގައުމުން ބޭރުގައި އެ ގައުމުގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ލާއޯސްގައި ގުޅިގެން ހިންގާ އާ ވައިގެ ސިފައިންގެ މަރުކަޒެއް ގާއިމުކޮށްފިއެވެ. ބެއިޖިންގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިއީ ލާއޯސްގެ ވެރިރަށް ވިއެންޓިއާން ކައިރީގައި އޮންނަ ބާން ކެއުން އެއާޕޯޓުގައި ދެ ގައުމު ގުޅިގެން ގާއިމުކުރި ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދޭ އަސްކަރީ މަރުކަޒެކެވެ.

އެ އެއާޕޯޓުގެ 2,000 މީޓަރުގެ ރަންވޭއާއި، ޓެކްސީވޭގެ އިތުރުން 22 ބޯޓު  ބޭއްވޭނެ އެޕްރަންއެއް ވަނީ ހަދާފައެވެ. އަދި އެ މަރުކަޒުގައި ޗައިނާއާއި ޕާކިސްތާނު ގުޅިގެން އުފައްދާފައިވާ ކޭ-8 މަރުކާގެ އަށް ލައިޓް އެޓޭކް ޖެޓާއި، އަސްކަރީ 24 އުޅަނދެއް ވަނީ ފާހަގަކުރެވިފައެވެ.

ޗައިނާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ މި މަރުކަޒަކީ ހަމައެކަނި ލާއޯސްގެ ވައިގެ ސިފައިން ތަމްރީނުކުރުމަށާއި، ދެ ގައުމުގެ ސިފައިންގެ ގުޅުން ބަދަހިކޮށް ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ގާއިމުކުރި ތަނެއް ކަމަށެވެ.

މިއީ ޗައިނާއިން ގައުމުން ބޭރުގައި އަސްކަރީ ފުޓްޕްރިންޓް ފުޅާކުރުމަށް ގެންގުޅޭ މައިގަނޑު ސްޓްރެޓެޖީގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ. ޗައިނާއިން އެންމެ ފުރަތަމަ ގައުމުން ބޭރުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރީ 2017 ވަނަ އަހަރު އެފްރިކާގެ މުލީގަިއ އޮންނަ ޖިބޫޓީގައެވެ.

ރެޑްސީއަށް ވަދެވޭ ބާބުލްމަންދަބު ކަނޑުއޮޅި ކައިރީގައި އޮންނަ އެ މަރުކަޒަކީ ހަމައެކަނި ލޮޖިސްޓިކްސް މަރުކަޒެއް ކަމަށް ބެއިޖިންއިން ބުނެއެވެ. މީގެ އިތުރުން ކެމްބޯޑިއާގެ ރީމް ނަވަލް ބޭސް މަރާމާތުކޮށް، އެ ތަނުގެ ވަކި ބައެއް ޗައިނާގެ ސިފައިންނަށް ޚާއްސަ ގޮތެއްގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ހޯދާފައެވެ.

ލާއޯސްގައި ގާއިމްކޮށްފައިވާ ވައިގެ މަރުކަޒުގެ ސަބަބުން ޗައިނާގެ އަސްކަރީ ބާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، ލާއޯސްގެ އިރުމަތީގައި އޮންނަ ވިއެޓްނާމަށް ޗައިނާއިން ފަސޭހައިން ވާސިލު ވެވޭނެއެވެ. ވިއެޓްނާމަކީ ޗައިނާއާއެކު އިގްތިސާދީ ބޮޑު ގުޅުމެއް އޮތް ނަމަވެސް، ކަނޑުގެ ސަރަހައްދީ އިމުގައި ޚިލާފުތަކެއް އޮތް ގައުމެކެވެ.

ދެވަނަ ކަމަކީ، މީގެ ކުރިން ޗައިނާއިން ގައުމުން  ބޭރުގައި ގާއިމުކުރި މަރުކަޒުތަކަކީ ކަނޑުގެ ސިފައިންނަށް ޚާއްސަ ތަންތަނެވެ. ލާއޯސްގެ މަރުކަޒާއެކު ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުގައި ޗައިނާގެ ވައިގެ ސިފައިންގެ ބާރު ފުރަތަމަ ފަހަރަށް ގާއިމުވެގެން ދާނެއެވެ. ލާއޯސްއަކީ ކަނޑާ ގުޅިފައި ނުވާ ގައުމެއް ނަމަވެސް، އެ ގައުމުގެ ޖިއޯގްރަފީ އޮތް ގޮތުން ދެކުނު ޗައިނާ ކަނޑު ބަލަހައްޓައި އޭޝިއާގެ އެހިސާބުގައި ހަރަކާތްތައް މޮނީޓަރުކުރުމަށް ޗައިނާއަށް ބޮޑު ފުރުސަތެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މިއީ ހުޅަނގުގެ ގައުމުތަކުން އަސްކަރީ މަރުކަޒުތައް ހަދާ އުސޫލާ ޚިލާފަށް ޗައިނާއިން ގެންގުޅެނީ، އައު މޮޑެލެކެވެ. ޗައިނާގެ މަރުކަޒުތަކަށް ސީދާ އަސްކަރީ މަރުކަޒެއްގެ ނަން ނުދެއެވެ. ނަމަވެސް މިއީ ގުޅިގެން ދޭ ތަމްރީނުތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކުގެ ނަމުގައި ޗައިނާއިން ހިންގާ ތަންތަނެވެ. މީގެ ސަބަބުން ސިޔާސީ އަދި ޑިޕްލޮމެޓިކް ފިއްތުންތަކުން ސަލާމަތްވެ އަސްކަރީ ފައިދާ ޗައިނާއަށް ލިބެއެވެ.

ހިއްސާ ކުރައްވާ!