ޗައިނާގެ ފުރަތަމަ އޭއައި ފިލްމު ސިނަމާތަކަށް ނެރުނު ނަމަވެސް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއެއް

ފުރަތަމަ މުޅިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފީޗާ ފިލްމު ޗައިނާގެ ސިނަމާތަކުގައި ދެއްކުމަށް ހުކުރު ދުވަހު ޢާންމުކޮށް ނެރުނު ނަމަވެސް، އާންމުންގެ ތަރުހީބު ނުލިބުމުގެ ސަބަބުން ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެއެވެ. "ސަންޝިންގްޑުއީ: ފިއުޗާ ޕާސްޓް" ނަމަކަށް ކިޔާ މި ސައިންސް ފިކްޝަން ފިލްމަކީ އެ ގައުމުގެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ސިނާއަތަށް ކުރިމަތިވި ބޮޑު އިމްތިހާނެކެވެ.

ޓިކެޓް ވިއްކާ ޕްލެޓްފޯމެއް ކަމަށްވާ މާއޯޔާންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ފިލްމު ދެއްކުމަށް 10,000 އަށްވުރެ ގިނަ ޝޯ ތާވަލުކުރެވުނު ނަމަވެސް، ފިލްމު ނެރުމުގެ ކުރިން ޓިކެޓް ވިއްކައިގެން ލިބިފައިވަނީ އެންމެ 65,000 ޔުއާން (9,700 އެމެރިކާ ޑޮލަރު) އެވެ. އަދި މުޅި ފިލްމަށް ބޮކްސް އޮފީހުން ލިބޭނެ ކަމަށް ލަފާކުރެވެނީ 100,000 ޔުއާންއަށް ވުރެ މަދު އަދަދެކެވެ. މިއީ ފިލްމު އުފެއްދުމަށް ހޭދަވި ޚަރަދާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.

މި ފިލްމު އުފެއްދި ބޯނާ ފިލްމު ގްރޫޕްގެ ސީއީއޯ ޖިއާންގް ދެފޫ ވިދާޅުވީ، އާންމުންގެ ތަރުހީބު ކުޑަވި ނަމަވެސް، މިއީ ސިނަމާގެ ދާއިރާއިން އާ އުސްމިންތަކަކަށް ވާސިލުވުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. "އަޅުގަނޑުމެންނަކީ މިކަން އެންމެ ފުރަތަމަ ތަޖުރިބާކުރި، އަދި ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ އެންމެ ފުރަތަމަ ހޯދައި، ބެލުންތެރިންގެ ކުރިމައްޗަށް ނުކުމެ އިމްތިހާނުވި ފަރާތް،" ޗައިނާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ޔޫލީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

ބޯނާ ފިލްމު ގްރޫޕުން ހާމަކުރި ގޮތުގައި، 10 މިލިއަން ޔުއާން (1.5 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ޚަރަދުކޮށްގެން އުފެއްދި މި ފިލްމުގެ މަސައްކަތުގައި 100 އެއްހާ މީހުން ދެ އަހަރަށް ވުރެ ގިނަ ދުވަހު އުޅުނެވެ. ނަމަވެސް، މި ފިލްމުގެ ފެންވަރާމެދު ބެލުންތެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ފިލްމުގެ ހިލޭ ދެއްކި ޝޯއެއް ބެލުމަށްފަހު އައިރިސް ޕެންގް ނަމަކަށް ކިޔާ ބެލުންތެރިއަކު ބުނީ، ފިލްމުގެ ފެންވަރު ހުރި ގޮތުން ފައިސާ ދީގެން ޓިކެޓް ގަންނަން ބޭނުންނުވާ ކަމަށެވެ. އަދި އޭއައި އިން އުފައްދާ ފިލްމުތައް ހޮލީވުޑްގެ "އަވާޓާ" ފަދަ ފިލްމުތަކުގެ ފެންވަރަށް ގާތް ނުކުރެވޭނަމަ، އަގުދީގެން ބެލުމުގެ ޚިޔާލެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

މިނިވަން އޭއައި ޑައިރެކްޓަރެއް ކަމަށްވާ ޜަންގް ޖުން ބުނީ، ހަމައެކަނި އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފިލްމަކަށް ވީތީވެ، ބެލުންތެރިން އަމިއްލައަށް ފައިސާ ދީފައި ޓިކެޓް ނުގަންނާނެ ކަމަށެވެ. ޗައިނާގެ މީސް މީޑިއާ ޕްލެޓްފޯމް ވީބޯގައިވެސް ގިނަ ބަޔަކު ވަނީ ސިނަމާތަކުގައި ފައިސާ ދައްކައިގެން އޭއައި ފިލްމު ބެލުމާ ދެކޮޅަށް ޚިޔާލު ފާޅުކޮށްފައެވެ.

ޗައިނާގައި އޭއައި ވީޑިއޯތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ދުއިން (ޗައިނާގެ ޓިކްޓޮކް) ގައި އެކަނިވެސް ނިމުނު ސެޕްޓެމްބަރު މަހު އޭއައި ކުރު ފިލްމުތަކަށް 200 ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. ނަމަވެސް ސިނަމާގެ ރޭހުގައި އެކަން ތަފާތެވެ.

އޭއައިގެ ކުރިއެރުމާއެކު ހޮލީވުޑްގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން އެމެރިކާގައި "ގޯޑްސް ޑޯންޓް ގިވް ގިފްޓްސް" ނަމަކަށް ކިޔާ އޭއައި ފިލްމެއް ޑިސެމްބަރު 4 ގައި ނެރުމަށް ތައްޔާރުވަމުންދާއިރު، ވާޗުއަލް އޭއައި އެކްޓަރެއް ކަމަށްވާ ޓިލީ ނޯވުޑްވެސް ކުރިއަށް އޮތް ފިލްމަކުން ފެނިގެންދާނެއެވެ.

ހިއްސާ ކުރައްވާ!