އެމެރިކާ ދޫކޮށް އިންޑިއާ ދަރިވަރުން ކިޔަވަން ޖަރުމަނަށް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ތެރެއިން އިންޑިއާގެ ރައްޔިތުންނާއި ދަރިވަރުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ޖަރުމަނުވިލާތް ހަމަޖެހި، އެ ގައުމުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ އިންޑިއާ ދަރިވަރުންގެ އަދަދު 70,000 އަށް އަރައިފިއެވެ.

ޖަރުމަނުވިލާތުގައި ހުންނަވާ އިންޑިއާގެ ސަފީރު އަޖީތު ވިނާޔަކް ގުޕްތޭ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ޖަރުމަނުގައި ދިރިއުޅޭ އިންޑިއާ މީހުންގެ އަދަދު ވަރަށް ހަލުވިކަމާއެކު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މިހާރު 332,000 އަށްވުރެ ގިނަ އިންޑިއާ ރައްޔިތުން އެ ގައުމުގައި ދިރިއުޅެމުންދާއިރު، ޖަރުމަނުގެ ރައްޔިތުކަން ހޯދާފައިވާ އިންޑިއާ ނަސްލުގެ 70,000 މީހުން އުޅެއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކަނިވެސް އަހަރަކު 60,000 އަށްވުރެ ގިނަ އިންޑިއާ މީހުން ޖަރުމަނަށް ބަދަލުވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

  • 2014 ވަނަ އަހަރު ޖަރުމަނުގައި އުޅުނީ އިންޑިއާގެ 50,000 މީހުންނެވެ.
  • ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މި އަދަދު ވަނީ އިތުރުވެފައެވެ.
  • މީގެ ހަ އަހަރު ކުރިން ޖަރުމަންގައި 25,000 އިންޑިއާ ދަރިވަރުން
  • 2024 ވަނަ އަހަރު 50,000
  • 2026ގައި 70,000 އަށް އިތުރު ވެފައި.

ޖަރުމަނަކީ އިންޑިއާ ދަރިވަރުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާންޖެހުނު މުހިންމު ސަބަބުތަކުގެ ތެރޭގައި، އެ ގައުމުގެ ސަރުކާރުގެ ޔުނިވަސިޓީތަކުން ކިޔަވައިދޭ ތަފާތު ކޯސްތަކާއި ކޯސްތަކުގެ ފީ ކުޑަވުން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ޓްރަމްޕްގެ ވިދސާ ހަރުކަށި ކުރުމުގެ ސިޔާސަތާ ހެދިވެސް ގިނަ ބަޔަކު ވަނީ ޖަރުމަނަށް ކިޔެވުން ބަދަލުކޮށްފައެވެ.

އެގޮތުން، ބައެއް ސްޓޭޓް ޔުނިވަސިޓީތަކުގައި ސެމެސްޓަރަކަށް ދައްކަންޖެހެނީ އެންމެ 750 ޔޫރޯ (ނުވަތަ އަހަރަކު 1,500 ޔޫރޯ) އެވެ. މީގެއިތުރުން ކިޔަވަމުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުމާއި، ޖަރުމަނުގެ އާބާދީގެ އެވްރެޖް އުމުރަކީ 45 އަހަރު ކަމަށްވުމުން، ވަޒީފާގެ މައިދާން ގައި ޒުވާން އިންޑިއާ ކުދިންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވުން ހިމެނެއެވެ.

އިންޑިއާއާއި ޖަރުމަންގެ އިގްތިސާދީ ގުޅުމަށް ބަލާއިރު، ޖަރުމަނަކީ އިންޑިއާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރާ ގައުމެކެވެ.

  • އިންޑިއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖަރުމަނުން އިންޑިއާގައި 15 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައި ވެއެވެ.
  • ޖަރުމަނުގެ ހިސާބުތަކުން އެ އަދަދު 28 ބިލިއަން ޑޮލަރަށް އަރައެވެ.
  • ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖަރުމަނުގެ ކުންފުނިތަކުން އިންޑިއާގައި 7.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރުމަށް ނިންމާފައިވާކަން ސަފީރު ހާމަކުރެއްވިއެވެ.

ޖަރުމަނުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ރިސާޗަރުން ބުނާ ގޮތުގައި، އެ ގައުމުން ދޭ ރިސާޗް ފަންޑިންގްއާއި ތައުލީމީ ފެންވަރުގެ ސަބަބުން ދާއިރާއިން ކުރިއަށް ދިއުމަށް ބޮޑެތި ފުރުސަތުތަކެއް ލިބެއެވެ. އެހެންނަމަވެސް، އިންޑިއާގައި ރިސާޗް ކުރުމަށް ހުރި ގޮންޖެހުންތަކާއި، ވަސީލަތްތައް މަދުވުމުގެ ސަބަބުން ގިނަ ދަރިވަރުން ބޭރު ގައުމުތަކުގައި ތިބެން މަޖުބޫރުވާ ކަމަށް އެ ދަރިވަރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!