އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ހައްދުފަހަނައެޅި ގްރޫޕްތަކުން ޕާކިސްތާނަށް ހަމަލާދޭ ކަމަށް ބުނެ ޕާކިސްތާނުން ކުރަމުންދާ ތުހުމަތުތަކަކީ އަސާސެއް ނެތް އިލްޒާމުތަކެއް ކަމަށް ބުނެ، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އެ ތުހުމަތުތައް ދޮގުކޮށްފިއެވެ. އަދި ޕާކިސްތާނުގެ ދާޚިލީ ސަލާމަތީ މައްސަލަތައް ހައްލުކުރުމަށްޓަކައި އެހެން ގައުމުތަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު މަޝްވަރާގެ އުސޫލު އިޚްތިޔާރުކުރުމަށް އަފްޣާނިސްތާނުން ވަނީ ޕާކިސްތާނަށް ގޮވާލާފައެވެ.
އަފްޣާނިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލްޤައްހާރު ބަލަޚީ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، 2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި 1,119 އާންމުން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، ރީހެބިލިޓޭޝަން ސެންޓަރަކަށް ދިން ހަމަލާއެއްގައިވެސް އެތައް ސަތޭކަ މީހުން މަރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަލަޚީ ވިދާޅުވި ގޮތުގައި، ޕާކިސްތާނުން އަސާސެއް ނެތް ތުހުމަތުތައް ކުރުމުގެ ބަދަލުގައި، އެ ގައުމުގެ އަމިއްލަ ރައްޔިތުންނާއެކު ޒިންމާދާރުކަމާއެކު މަޝްވަރާކޮށް، އަފްޣާނިސްތާނާއެކު ޙަޤީޤީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ސަލާމަތީ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހެއެވެ. ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަނީ ގޯސްވެފައެވެ.
ވޭތުވެދިޔަ މަހުވެސް ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ ކުނާރު އަދި ޕަކްތިކާ ޕްރޮވިންސަށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ ތިން މީހަކު މަރުވެ، އިތުރު މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ޕާކިސްތާނުން ގެންގުޅޭ އަސްކަރީ ސްޓްރެޓެޖީ ގެ ދަށުން ދޭ ހަމަލާތަކެއް ކަމަށް ބުނި ކަމުގައި ވިޔަސް، މީގެ ސަބަބުން އާންމުންގެ ފުރާނައަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މީގެއިތުރުން، އަފްޣާނިސްތާނުގެ މައި ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މީސް މީޑިއާ ގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އަފްޣާނިސްތާނާ ދެކޮޅަށް ދައްކަވާ ވާހަކަފުޅުތަކަކީ އެ ގައުމުގެ ދާޚިލީ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ނާކާމިޔާބީތައް ފޮރުވުމަށްޓަކައި ދައްކަވާ ވާހަކަފުޅުތަކެއް ކަމަށެވެ. އަދި ޕާކިސްތާނުގެ މާހައުލު ގައި އޮތް ޚިލާފް ތަކާއި ސަލާމަތީ ގޮންޖެހުންތަކުގެ އިލްޒާމު އަފްޣާނިސްތާނުގެ ބޮލުގައި އަޅުވައިގެން މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށާއި، މިއީ މުޅި ސަރަހައްދީ މަސްރަހަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް މުޖާހިދު ވިދާޅުވިއެވެ.





