ބަންގްލަދޭޝްގައި 6 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ޖަޕާނުން އަމާޒުހިފައިފި

ކުރިއަށްއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ އިގްތިސާދަށް ޖަޕާނުގެ އަމިއްލަ ކުންފުނިތަކުން 1 ޓްރިލިއަން ޔެން (6.34 ބިލިއަން އެމެރިކާ ޑޮލަރު) އިންވެސްޓްކުރުމުގެ އަމާޒެއް ކަނޑައަޅައި، ދެ ގައުމުގެ މެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އާ އުސްމިންތަކަކަށް ގެންދިއުމަށް އެއްބަސްވެއްޖެއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިއޯ ގައި ބޭއްވި ބައްދަލުވުމަށް ފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަޙްމާން އާއި ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކާއިޗީ އާންމުކުރެއްވި ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ބަންގްލަދޭޝްގައި 2 ލައްކަ އާ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. ބޮޑުވަޒީރު ތަކާއިޗީ ވަނީ ބަންގްލަދޭޝްއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ތާރިގްގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައި، ޖަޕާނުގެ ކުންފުނިތަކުން އެ ގައުމުގައި އިންވެސްޓްކުރުމަށް އޮތް ޝައުގުވެރިކަން މަރުހަބާއާއެކު ބަލައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ދެ ލީޑަރުން ވަނީ އުފެއްދުންތެރިކަމާއި، ކާބޯތަކެއްޗާއި ދަނޑުވެރިކަން، އައިސީޓީ އަދި ބޭސްއުފައްދާ ސިނާއަތްތަކުގައި ދެމެހެއްޓެނިވި ސަޕްލައި ޗޭންތަކެއް ގާއިމުކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރައްވާފައެވެ. އަދި ޑިޖިޓަލް ބަދަލުވުންތަކަށް މަގުފަހިކުރުމަށާއި، އައިސީޓީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، ދެ ގައުމުގެ މެދުގައި ވެފައިވާ "ޖަޕާން-ބަންގްލަދޭޝް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމަންޓް" (އީޕީއޭ) ސޮއިކުރުމަށް މަރުހަބާ ކިޔައި، އެ އެއްބަސްވުމަށް އަވަސް މުއްދަތެއްގެ ތެރޭގައި އަމަލުކުރަންެއެކު ފެށުމަށް ދެ ގައުމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ޚާއްސަ އިގްތިސާދީ އިސްނެގުން ކަމަށްވާ "ބޭ އޮފް ބެންގޯލް އިންޑަސްޓްރިއަލް ގްރޯތް ބެލްޓް" (ބިގް-ބީ) ވަނީ "ބިގް-ބީ ފޯ ޝެއަރޑް ޕްރޮސްޕެރިޓީ" ގެ ނަމަށް އަޕްގްރޭޑްކުރުމަށް ނިންމާފައެވެ. ދުނިޔޭގެ މަސްރަހު އަށް އަންނަމުންދާ އަވަސް ބަދަލުތަކާއި، ސަޕްލައި ޗޭނަށް ހުރި ނުރައްކާތަކުގެ އިތުރުން ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުން ރައްކާތެރިވުމަށްޓަކައި، މި އިސްނެގުމުގެ ދަށުން ހަކަތައާއި، ފުން ކަނޑުގެ ބަނދަރުތަކާއި، ސިނާއީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

ހިއްސާ ކުރައްވާ!