އީރާން ހަނގުރާމައަށް އެމެރިކާ ކުރި ޚަރަދު 47 ބިލިއަން ޑޮލަރަށް

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް އެމެރިކާ ކުރަމުންދާ ޚަރަދު 47 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންގެ އަންދާސާ ތަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ. މިއީ މިއަހަރުގެ ޖުލައި މަހު އަންދާސާ ކުރި 37.5 ބިލިއަން ޑޮލަރާ އަޅާބަލާއިރު 25 އިންސައްތައަށްވުރެ ބޮޑު އިތުރުވުމެކެވެ.

އޮކްޓޯބަރު މަހުގެ މެދަކާ ހަމައަށް ހަދާފައިވާ މި ހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ޚަރަދުތަކުގެ އެންމެ ބޮޑު ބަޔެއް ހިއްސާކުރަނީ ބޭނުންކުރާ ހަތިޔާރާއި އުންޑަ އަލުން ހޯދުމަށް ކުރަންޖެހޭ ޚަރަދުތަކެވެ. އެގޮތުން ހަތިޔާރު އުފެއްދުމަށާއި ބަދަލުކުރުމަށް 29 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. މިއީ ހަނގުރާމައަށް ކުރި މުޅި ޚަރަދުގެ 60 އިންސައްތައަށްވުރެ މަތީ ނިސްބަތެކެވެ. މީގެއިތުރުން، ހަނގުރާމައިގެ މައިދާން ގައި އަސްކަރީ ވަސީލަތްތަކަށް އީރާނުން ދިން ގެއްލުމުގެ އަގު 6 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ދެއެވެ.

2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދޭންފެށި ހަމަލާ ތަކާއެކު ފެށި މި ހަނގުރާމައިގައި އެމެރިކާގެ 50,000 އަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތެކްވަމުންނެވެ.

ހިއްސާ ކުރައްވާ!