މަގުމައްޗަށާއި އާންމު ތަންތަނަށް ގަވާއިދާ ޚިލާފަށް ކުނި އަޅާ މައްސަލަ ހައްލުކުރުމަށްޓަކައި، އާރްޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދުރާލާ އިންޒާރުދޭ ޚާއްސަ ކެމެރާ ސިސްޓަމެއް އިންޑިއާގެ މުންބާއީ ސިޓީގައި ޕައިލަޓް އުސޫލުން ބޭނުންކުރަން ފަށައިފިއެވެ.
މުންބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން އިސްނަގައިގެން ހިންގާ މި މަޝްރޫއުގެ ފުރަތަމަ ޔުނިޓް ހަރުކޮށްފައިވަނީ މުންބާއީގެ މަހީމް ސަރަހައްދުގައެވެ. މިއީ އާންމުކޮށް ގިނަ އަދަދަކަށް ކުނި އަޅައިގެން ކިލަނބުވެ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ.
މި އޭއައި ކެމެރާ ސިސްޓަމް ފަރުމާކޮށްފައިވަނީ ކުނި އުކާލުމުގެ ނިޔަތުގައި އެ ސަރަހައްދަށް އަންނަ މީހުންގެ ހަރަކާތްތައް ދެނެގަނެވޭ ގޮތަށެވެ. އެގޮތުން މީހަކު ކުނި ކޮތަޅެއް ހިފައިގެން އެ ސަރަހައްދަށް ކައިރިވާތަން ކެމެރާއަށް ފެނުމާއެކު، ސިސްޓަމާ ގުޅާފައިވާ ލައުޑްސްޕީކަރު މެދުވެރިކޮށް ވަގުތުން ވަގުތަށް އަޑުން އިންޒާރު ދޭންފަށައެވެ. މި އިންޒާރުގައި ސަރަހައްދު ސާފުކޮށް ބެހެއްޓުމަށާއި، މަގުމައްޗަށް ކުނި ނޭޅުމަށް އިލްތިމާސްކުރެއެވެ. އަދި ގަވާއިދާ ޚިލާފަށް ކުނި އަޅައިފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެކަން ހަނދާންކޮށްދެއެވެ.
މީސް މީޑިއާ ގައި އާންމުވެފައިވާ ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި މީހަކު ފެހިކުލައިގެ ޕްލާސްޓިކް ކޮތަޅެއް ހިފައިގެން ބިންމަތީގައި ބަހައްޓަން އުޅުމުން، އޭއައި ސިސްޓަމުން އެ މީހާގެ ހަރަކާތްތައް ޓްރެކްކޮށް ވަގުތުން އަޑުން އިންޒާރުދޭން ފަށައެވެ.
މުންބާއީގައި އާންމުކޮށް ކުނި އަޅައިގެން ތަޣައްޔަރުވާ 286 ސަރަހައްދެއް ބީއެމްސީން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ސަރަހައްދުތައް ހުރީ މާހިމްގައެވެ. އެއީ 28 ސަރަހައްދެވެ.
މީގެ ކުރިން ބީއެމްސީން ވަނީ މީގެ 130 އަށްވުރެ ގިނަ ސަރަހައްދުގައި އާދައިގެ ސީސީޓީވީ ކެމެރާ ހަރުކޮށް، ސަވޭލަންސް ވަރުގަދަކޮށްގެންނާއި، ކުނި އުކާލުމުގެ ނިޒާމު ހަރުދަނާކޮށްގެން 100 އަށްވުރެ ގިނަ ސަރަހައްދަށް ކުނި އަޅާ މައްސަލައަށް ހައްލު ހޯދައިދީފައެވެ.
ނަމަވެސް، މި އޭއައި ކެމެރާ ސިސްޓަމުން ސީދާ އޮޓޮމެޓިކުން ޖޫރިމަނާ ނޯޓިސް ދޫނުކުރާނެއެވެ. ގަވާއިދާ ޚިލާފްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅުު އެޅުމަށްޓަކައި މުނިސިޕަލްޓީގެ މުވައްޒަފުން އެ ތަނުގައި ހަރަކާތްތެރިވާންޖެހެއެވެ. ބީއެމްސީގެ އޮފިޝަލުން ބުނާ ގޮތުގައި، މުންބާއީގެ އެހެން ސަރަހައްދުތަކަށް މި ފެންވަރުގެ ކެމެރާތައް ފުޅާކުރުމުގެ ކުރިން، މި ޕައިލަޓް މަޝްރޫއުގެ ކާމިޔާބީއާއި ނަތީޖާއަށް ވަރަށް ކައިރިން ބަލައި ދިރާސާކުރާނެއެވެ.






