ޔަމަނުގެ ހޫޘީ ޖަމާއަތުން މިސްރަށް އަމާޒުކޮށް ދެމުންދާ އިންޒާރުތަކާއި ބިރުތައް މިސްރުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު މުޞްޠަފާ ބަކްރީ ކުށްވެރިކުރައްވައި، ގާހިރާއަށް ދެވޭ އެއްވެސް ހަމަލާއަކަށް ފަސްޖެހުމެއްނެތް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.
ސަދާ އަލްބަލަދު ޓީވީން ފޮނުވި "ހަގީގަތްތަކާއި ސިއްރުތައް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބަކްރީ ވަނީ ހޫޘީންގެ އިސް މަސްއޫލުވެރިއަކަށް ރައްދު ދެއްވައި، މިސްރަކީ ބޭރުގެ އެއްވެސް ބާރެއްގެ ނުފޫޒުގެ ދަށުން ނިންމުންތައް ނިންމާ ގައުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ހިތްވަރާއެކު މިސްރަށް މިސައިލް ހަމަލާއެއް ދިނުމަށް ހޫޘީން ގަސްދުކުރާނަމަ، އެ ފަރާތްތަކުގެ އަތް ބުރިކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބަކްރީ ތަކުރާރުކޮށް ފާހަގަކުރެއްވި ގޮތުގައި މިސްރުން އަމަލުކުރަނީ ސީދާ ގައުމީ ސަލާމަތާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން އަމިއްލަ މިނިވަން ނިންމުންތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ސިޔާދަތަށާއި ރައްކާތެރިކަމަށް ކުރިމަތިވާ އެއްވެސް ބިރެއް މިސްރުން ގަބޫލެއް ނުކުރާނެއެވެ.
މިސްރުން ސޫދީ އަރަބިއްޔާއަށް ސާބިތުކަމާއެކު ދެމުންދާ އެއްބާރުލުމަކީ މިސްރުގެ އަމިއްލަ މާލީ އަދި ސަލާމަތީ މަސްލަހަތުތަކާވެސް ގުޅިފައިވާ ކަމެއް ކަމަށް ބަކްރީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަނޑުގެ މުހިންމު މަގެއް ކަމަށްވާ ބާބުލްމަންދަބް ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުން ހިމެނެއެވެ. އެހެންކަމުން ރިޔާޟާއެކު އޮތް ބަދަހި ކޯޑިނޭޝަން އިތުރަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ހޫޘީން ދެމުންދާ ހަމަލާތަކާއި ޔަމަން ބައިބައިކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކަކީ މުޅި ސަރަހައްދީ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލާނެ ކަންކަން ކަމަށް އޭނާ ސިފަކުރެއްވިއެވެ.






