ޗައިނާގެ ޝަންހާއީ ސަހަރުގައި ގާއިމުކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު އެއް އުމްރާނީ އީޖާދު ކަމަށްވާ، ނަންޕޫ ބްރިޖުގެ ރޭގަނޑުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މި ވީޑިއޯގައި ފެންނަނީ ބަރިބަރިއަށް ބިނާކޮށްފައިވާ ބްރިޖުގެ ރޭގަނޑުގެ މަންޒަރެކެވެ. މި ވީޑިއޯއާއެކު އާންމުންގެ މެދުގައި އުފެދުނު ސުވާލުތަކަށް ޖަވާބުދެމުން މީސްމީޑިއާ ޕްލެޓްފޯމްތަކުން ވަނީ މިއީ ޗައިނާގެ ޝަންހާއީގެ ހުވަނގުޕޫ ކޯރު ހުރަސްކޮށް އަޅާފައިވާ ނަންޕޫ ބްރިޖުކަން ކަށަވަރުކޮށްދީފައެވެ.
މި ބްރިޖަކީ ޝަންހާއީގެ ތާރީޚީ ޕުކްސީ ސަރަހައްދާއި ޒަމާނީ ޕުޑޮންގް އާ ޑިސްޓްރިކްޓް ގުޅުވައިދޭ، ކޭބަލް-ސްޓޭޑް ފާލަމެކެވެ. މުޅި ބްރިޖުގެ ދިގުމިނުގައި ގާތގަނޑަކަށް 8,346 އާއި 8,359 މީޓަރާ ދެމެދުގެ މިނެއް ހުންނައިރު، މައި ސްޕޭންގެ ދިގުމިނަކީ 423 މީޓަރެވެ. މި ބްރިޖުގެ މަސައްކަތް 1988 ޑިސެމްބަރު މަހު ފަށައި، 1991 ގައި ނިންމާލާފައިވެއެވެ.
ބްރިޖުގެ އެންމެ ޚާއްސަ އަދި އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ އެ ތަނުގެ ސްޕައިރަލް ރޭމްޕްގެ ސަބަބުންނެވެ. ހުވަނގުޕޫ ކޯރުގައި ދަތުރުކުރާ ބޮޑެތި ބޯޓުތަކަށް ޖާގަދޭ ގޮތަށް ގާތގަނޑަކަށް 46 މީޓަރުގެ އުސްމިނެއް ބޭނުންވާއިރު، ބިމުގެ ޖާގަ ދަތިވުމުގެ ސަބަބުން އާދައިގެ ދިގު މަގެއް ހެދުން އޮތީ އުދަގޫ ކަމަކަށް ވެފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޖިނޭރުން ވަނީ ގާތގަނޑަކަށް 180 މީޓަރުގެ ދެ ބުރިއަށް އޮޅިފައިވާ ޑަބަލް-ސްޕައިރަލް ޑިޒައިނެއް ތަރައްގީކޮށްފައެވެ.
މި ސްޕައިރަލް ރޭމްޕްގެ ސަބަބުން އުޅަނދުތައް ދަތުރުކުރާއިރު ދެ ފަހަރަށް ފުރިހަމައަށް ބުރެއް ޖަހައިގެން މައްޗަށް އަރަންޖެހެއެވެ.
ގިނަސް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން މިއީ ބްރިޖަކަށް އަރަން އޮންނަ މިފަދަ އެންމެ ބޮޑު ސްޕައިރަލް ނިޒާމެވެ.
ރޭގަނޑުގެ ވަގުތުތަކުގައި މި ބްރިޖުން ދަތުރުކުރާ އުޅަނދުތަކުގެ ބައްތިތަކުގެ އަލިން އުފެދޭ ލައިޓް ޓްރެއިލްތަކުގެ ސަބަބުން މިއީ ފޮޓޯގްރާފަރުންނާއި ވީޑިއޯ އުފައްދާ ފަރާތްތަކުގެ މެދުގައި މަގުބޫލު މައިދާން އެކެވެ.
ޝަންހާއީ ސަހަރުގެ އިގްތިސާދީ ކުރިއެރުމާއި، ޒަމާނީ ބަދަލުތަކުގެ ތެރެއިން މިއީ މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. ބްރިޖު ހުޅުވުމުގެ ކުރިން ޕުކްސީ އާއި ޕުޑޮންގާ ދެމެދު ދަތުރުކުރަމުންދިޔައީ ފެރީގައެވެ. ނަމަވެސް މި ބްރިޖު ގާއިމުކުރެވުމާއެކު ޕުޑޮންގް ސަރަހައްދު ބައިނަލްއަގުވާމީ މާލީ އަދި ވިޔަފާރީގެ މައި މަރުކަޒަކަށް ބަދަލުވެގެންދިޔައެވެ.
މިހާރުވެސް މި ބްރިޖުގެ އުމްރާނީ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ މެދުތެރޭގައި ވެސް ޕުޑޮންގް ފަރާތުގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބައެއް މަސައްކަތްތައް ކޮށްފައިވެއެވެ.







