އެމެރިކާގެ މިޑްޓަރމް އިންތިޚާބު: މެގަ ޑޯނަރުންގެ ބިޔަ ހޭދަތަކާއި ޓެކްނޯލޮޖީ އަދި ކްރިޕްޓޯ ކުންފުނިތަކުގެ ނުފޫޒު ބޮޑު

އެމެރިކާގެ ކޮންގްރެސްގެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ މިޑްޓަރމް އިންތިޚާބުގެ ކެމްޕޭންތަކަށް ކުރާ މާލީ ހޭދަ ތާރީޚުގައިވެސް މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ މިންވަރަކަށް މައްޗަށް ގޮސް، އިންތިޚާބުގެ މުޅި ސިޔާސީ ކުލަވަރު ބަދަލުވެއްޖެއެވެ. ވޯޓުލުން ކައިރިވަމުންދާއިރު، އެންމެ ބޮޑު މާލީ އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު މެގަ ޑޯނަރުންނާއި ޓެކްނޯލޮޖީ އަދި ކްރިޕްޓޯކަރަންސީގެ ބޮޑެތި ކުންފުނިތަކުން ދަނީ އެމެރިކާގެ ސިޔާސީ މައިދާން ކޮންޓްރޯލްކުރުމަށްޓަކައި ބިލިއަނުން ޑޮލަރު އޮއްސަމުންނެވެ.

އޮކްޓޯބަރު މަހުގެ މެދާ ހަމައަށް ހިންގާފައިވާ ފައިސާގެ މުއާމަލާތަށް ބަލައި އެއްކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު:

  • އެންމެ ކުރީގައި ތިބި 20 މައިގަނޑު ޑޯނަރުންގެ ޖުމްލަ ހޭދަ ވަނީ 2 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
  • މިއީ މި އިންތިޚާބީ ބުރުގައި ކުރާ ކެމްޕޭން އިސްތިހާރުކުރުމުގެ ހޭދައިގެ މުޅި ޚަރަދުގެ ގާތްގަނޑަކަށް 15 އިންސައްތައެވެ.
  • މި ހޭދައިގެ  ބޮޑު ބައެއް ހިއްސާކުރަނީ ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ ޓެކްނޯލޮޖީގެ މަޝްހޫރު ކުންފުނިތަކުގެ ވެރިންނާއި ވިޔަފާރިވެރިންނެވެ.
  • އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ގަވާއިދުތަކާއި ކްރިޕްޓޯކަރަންސީގެ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ޓެކްނޯލޮޖީ ދާއިރާގެ އިސްވެރިން ދަނީ ޓްރަމްޕްގެ ޕާޓީއަށް ބޮޑެތި މާލީ ވަސީލަތްތައް ފަހިކޮށް ދެމުންނެވެ.

މި ހޭދަތަކުގެ އެންމެ ކުރީގައި އުޅުއްވަނީ:

  1. މަޝްހޫރު ވިޔަފާރިވެރިޔާ އިލޮން މާސްކެވެ. އޭނާ އެކަނިވެސް 445.6 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ. އޭގެ ތެރެއިން 200 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވަނީ ޓެކްސަސްގެ ސެނެޓް އިންތިޚާބުގައި ޕެކްސްޓަންއަށް ތާއީދުކުރުމަށެވެ.
  2. ރިޗަޑް އެންޑް އެލިޒަބަތު ޔުއިހްލީން ވަނީ 150 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.
  3. ސިލިކަން ވެލީގެ ވެންޗަރ ކެޕިޓަލިސްޓުން ކަމަށްވާ މާކް އެންޑްރެސިން އާއި ބެން ހޮރޮވިޓްސް ވަނީ 116.4 މިލިއަން ޑޮލަރު ޚަރަދު ކޯށްފައެވެ.
  4. ހެޖް ފަންޑު އިންވެސްޓަރު ޖެފް ޔާސް ވަނީ 110.4 މިލިއަން ޑޮލަރު ދީފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންވެސް ބޮޑެތި މާލީ ހޭދަތަކެއް ކުރަމުން ދެއެވެ.

  1. ޖޯޖް އެންޑް އަލެގްޒެންޑަރ ސޮރޮސްގެ ފަރާތުން 103.4 މިލިއަން ޑޮލަރު ވަނީ ކެމްޕޭންތަކަށް ފޯރުކޮށްދީފައެވެ.
  2. މަޝްހޫރު ބިލިއަނަރު މައިކް ބްލޫމްބަރގް ވަނީ ޑިމޮކްރެޓުންގެ ހައުސް ކެމްޕޭންތަކަށް 84.8 މިލިއަން ޑޮލަރު ޚަރަދުކުރައްވާފައެވެ.
  3. ރިޕްލް ލެބްސް އާއި ކްރިސް ލާސަންގެ ފަރާތުން 73.1 މިލިއަން ޑޮލަރު ވަނީ ކްރިޕްޓޯ އަދި ތިމާވެށީގެ ސިޔާސަތުތަކަށް އަމާޒުކޮށް ހޭދަކޮށްފައެވެ.

މި ޑޯނަރުންގެ އިތުރުން، އަމިއްލަ މީހުންގެ ނަންތައް ހާމަނުކޮށް ސިޔާސީ ޕާޓީތަކަށް އެހީތެރިވެދޭ "ޑާކް މަނީ" ނޮން-ޕްރޮފިޓް ޖަމްޢިއްޔާތައް ކަމަށްވާ "ވަން ނޭޝަން" (137.9 މިލިއަން ޑޮލަރު) އާއި "މަޖޯރިޓީ ފޯވަޑް" (104 މިލިއަން ޑޮލަރު) ފަދަ ޖަމްޢިއްޔާތައް މެދުވެރިކޮށް ސެނެޓާއި ހައުސްގެ ކެންޑިޑޭޓުންނަށް ސަތޭކަ މިލިއަނުން ޑޮލަރު ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!