ވިލާތުގެ ބޮޑެތި ސުޕަމާކެޓުތަކުގެ އައިސްއަލަމާރިތަކަށް ސައިބަރ ހަމަލާތަކެއްދީ، ކާބޯތަކެތި ހަލާކުކޮށްލައިފި

ސުވިޑަން، ބެލްޖިއަމް، ލަގްޒެމްބާގް އަދި އެސްޓޯނިއާގެ ބޮޑެތި ސުޕަމާކެޓުތަކެއްގެ ފްރީޒަރުތަކާއި އައިސްއަލަމާރިތަކުގެ ކޮންޓްރޯލް ސައިބަރ ހަމަލާތަކެއް މެދުވެރިކޮށް އަތުލައި، އެ ތަންތަނުގައި ހުރި ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުކޮށްލައިފިއެވެ. މިއީ ފާއިތުވި އޮކްޓޯބަރު މަހު ފްރާންސުގެ ސުޕަމާކެޓުތަކަށް އަމާޒުކޮށް ދިން މިފަދަ ހަމަލާތަކަކަށްފަހު، ވިލާތުގެ އިގްތިސާދީ އަދި ވިޔަފާރި މައިދާން ގައި ހިންގި ދެވަނަ ބޮޑު ސައިބަރ އޮޕަރޭޝަނެކެވެ.

ސުވިޑަންގެ މަޝްހޫރު ސުޕަމާކެޓު ޗެއިން "އައި.ސީ.އޭ ގްރޫޕް" ގެ ތަރުޖަމާނު ގުސްޓާފް ނިލްސަން ވިދާޅުވި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ދިން މި ހަމަލާގެ ސަބަބުން އެ ކުންފުނީގެ ގިނަ ފިހާރަތަކެއްގެ ފިނިކުރާ ނިޒާމުތަކަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. ސުވިޑަންގެ ސިއޯބޯގައި ހުންނަ އައި.ސީ.އޭ ފިހާރައިން މީސް މީޑިއާ ގައި ހާމަކުރި ގޮތުގައި، ހެކަރުން ވަނީ އެ ތަނުގެ އައިސްއަލަމާރިތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް މަތިކޮށްފައެވެ. މީގެ ސަބަބުން، އައިސްއަލަމާރިތަކުގައި ހުރި ތަކެތި ހަލާކުވެ، އުކާލަންޖެހުނު ކަމަށް އެ ފިހާރައިން ބުނެއެވެ. ސުވިޑަންގެ "ކޫޕް" ޗެއިންގެ ފިހާރަތަކަށްވެސް މި މައްސަލަ ކުރިމަތިވިކަން ވަނީ ކަށަވަރުވެފައެވެ.

ބެލްޖިއަމް އާއި ލަގްޒެމްބާގްގައި ހިންގާ "ޑެލްހޭޒް" ސުޕަމާކެޓު ޗެއިންގެ ތަރުޖަމާނު ސާރާ ޑެ މީސްޓަރ ވިދާޅުވީ، އައި.ޓީ މައްސަލައެއްގެ ސަބަބުން ތާޒާ ކާބޯތަކެއްޗާއި ގަނޑުކޮށްފައިވާ އުފެއްދުންތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒުތަކުގެ ހަރަކާތްތައް އާދައިގެ މަތިން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބެލްޖިއަމްގެ "ކާރްފޫރް" ސުޕަމާކެޓުގެ 700 ފިހާރައިގެ ތެރެއިން 15 ފިހާރައަކަށް މި ސައިބަރ ހަމަލާގެ އަސަރުކޮށްފައިވާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެސްޓޯނިއާގައި ފިނިކުރާ ޓެކްނޮލޮޖީ އުފައްދާ "ކިޓްމަން ކޯލްޑްޓެކް" ގެ ސީ.އީ.އޯ ޖާން މުޓްސޯ ވިދާޅުވީ، ކްލައިަންޓެއްގެ ސިސްޓަމަށް ހެކަރުން ވަދެ ފިނިހޫނުމިން މަތިކުރި ނަމަވެސް، މަދު މިނެޓުކޮޅެއްގެ ތެރޭގައި އެކަން ދެނެގަނެ، ބޮޑު ގެއްލުމަކުން ސަލާމަތްވެވިފައިވާ ކަމަށެވެ. ސައިބަރ ސެކިއުރިޓީ ކަންކަން ދިރާސާކުރާ މާހިރުން ފާހަގަކުރާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޑެންމާކުގެ "ޑެންފޮސް" އަދި އެމެރިކާގެ "ކޯޕްލޭންޑް" ކުންފުނިން އުފައްދާފައިވާ، ސެކިއުރިޓީ އަޕްޑޭޓްތައް މެދުކެނޑިފައިވާ ދުވަސްވީ ކޮންޓްރޯލް ސިސްޓަމްތަކަށެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ މެދުތެރޭގައި ފްރާންސުގެ 700 ވަރަކަށް ސުޕަމާކެޓަށް މިފަދަ ހަމަލާތަކެއް ދީފައިވާއިރު، އެ ގައުމުގެ މާލީ ވަޒީރު ރޯލަންޑް ލެސްކިއުރް ވަނީ މިއީ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ސިފައިންނާއި ޤާނޫނީ މުއައްސަސާތަކުންނާއި، ވިލާތުގެ ސައިބަރ ސެކިއުރިޓީ އެޖެންސީތަކުން ވަނީ މި ހަމަލާތަކުގެ ތަހުގީގު ވަރުގަދަކޮށް، ވިޔަފާރިތަކުގެ ސައިބަރ ދިފާއީ ނިޒާމުތައް ހަރުދަނާކުރުމަށް އިރުޝާދު ދީފައެވެ.

ހިއްސާ ކުރައްވާ!