މިސްރުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް "ޒަމާލިކް" ގަތުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ފެތުރިފައިވާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް އެކުވެރި އަރަބި ޢިމާރާތުގެ މަޝްހޫރު ވިޔަފާރިވެރިއާ ޚަލަފް އަލްޙަބްތޫރު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާ ގައި އޭނާގެ ރަސްމީ އެކައުންޓްތައް މެދުވެރިކޮށް ހޯމަ ދުވަހު އާންމުކުރެއްވި ރަސްމީ ބަޔާނެއްގައި އަލްޙަބްތޫރު ވިދާޅުވީ، ޒަމާލިކް ކްލަބް ގަތުމުގެ ޝައުގުވެރިކަން އޭނާގެ ހުރި ކަމަށް ބުނެ ޚަބަރުތައް ފެތުރެން ދިމާވި ގޮތާމެދު އަޖައިބުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ވާހަކައަކީ ޙަޤީޤަތާ ގުޅުންހުރި ވާހަކަތަކެއް ނޫން ކަމަށާއި، ކްލަބް ގަތުމަށް ނުވަތަ އިންވެސްޓްކުރުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަހަރެން އެފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވާނެ، އަދި އެފަދަ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވެފައެއްވެސް ނުވާނެ. ފައިސާގެ އަދަދުތަކާއި އެއްބަސްވުންތަކާ ގުޅޭގޮތުން ޝާއިޢުކުރަމުންދާ އެންމެހައި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް،" އަލްޙަބްތޫރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އިމާރާތުގެ މި މަހުޖަނު އިތުރަށް ވިދާޅުވީ، ޒަމާލިކް ކްލަބާއި އެ ކްލަބުގެ ސަޕޯޓަރުންނަށް އޭނާގެ ހިތުގައި ބޮޑު ގަދަރަކާއި އިޙްތިރާމެއް އޮންނަ ކަމަށާއި، މިސްރުގެ ކުޅިވަރާއި ޒުވާނުންނަށް އެހީތެރިވުމަކީ އަބަދުވެސް އިސްކަންދެއްވާ ކަމެއް ކަމަށެވެ. މީގެ ކުރިންވެސް މިސްރުގެ ޤައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕްގައި ވާދަކުރުމުން އެ ޓީމަށް ޚާއްސަ އިނާމުތަކެއް ދެއްވާފައިވާނެކަން އޭނާ ހަނދާންކޮށްދެއްވިއެވެ. ނަމަވެސް ކުޅިވަރަށް އެހީތެރިވުމާއި، ކްލަބްތަކުގައި އިންވެސްޓްކުރުމަކީ ދެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޅިވަރުގެ ދާއިރާގައި އަހަރެންގެ އެއްވެސް އިންވެސްޓްމަންޓެއް ނުހުންނާނެ. އަދި ކުޅިވަރު ކްލަބްތައް ހިންގައި ކުރިއަރުވައި ތަރައްޤީކުރުމުގެ ތަޖުރިބާ އަހަރެންގެ ކިބައިގާ ހުރި ކަމަކަށް ދައުވާއެއްވެސް ނުކުރަން. އެފަދަ ދާއިރާއަކަށް ވަނުމުގެ އެއްވެސް ސްޓްރެޓެޖީ އެއް ނުވަތަ ޕްލޭނެއް އަހަރެންގެ ނެތް،" އަލްޙަބްތޫރު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާގެ ނަމާއި އިންވެސްޓްމަންޓްތަކާ ގުޅުވައިގެން ޚަބަރުތައް ފެތުރުމުގެ ކުރިން މައުލޫމާތުގެ ތެދުކަން ކަށަވަރުކުރުމަށް ނޫސްވެރިންނަށާއި މީޑިއާއަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
އަލްޙަބްތޫރު ޒަމާލިކް ކްލަބް ގަންނަން އުޅޭކަމުގެ ވާހަކަތައް އަލުން ފެންމަތިވެފައި މިވަނީ، އެ ކްލަބުގެ ފުޓްބޯޅަ ކުންފުނީގެ ހިއްސާއެއް ގަތުމަށް 3 ބިލިއަން މިސްރު ޕައުންޑުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ބުނެ މީގެ މަސްތަކެއް ކުރިން ރިޕޯޓުތައް ފެތުރިފައިވަނިކޮށެވެ. މިއީ ފާއިތުވި ޖުލައި މަހު ކްލަބުގެ ކުރީގެ ރައީސް މުރުތަޟާ މަންޞޫރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ފެށުނު ބަހުސެކެވެ. ނަމަވެސް އެ ދަނޑިވަޅުގައިވެސް ޒަމާލިކްގެ ބޯޑު މެންބަރަކު ވަނީ އެފަދަ ރަސްމީ ހުށަހެޅުމެއް ނުވަތަ މަޝްވަރާއެއް ހިންގާފައިވާކަން އެނގިފައި ނުވާ ކަމަށް ބުނެފައެވެ.
ޒަމާލިކް ކްލަބަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި، ކްލަބުގެ ފުޓްބޯޅަ ހަރަކާތްތައް ހިންގުމަށް ޚާއްސަ ކުންފުންޏެއް އުފައްދައި، އިންވެސްޓަރުންނަށް ހިއްސާ ވިއްކުމުގެ މަސައްކަތް އެ ކްލަބުން ދަނީ ކުރަމުންނެވެ. އެ ކްލަބުގެ މީޑިއާ ސިސްޓަމްގެ ޑިރެކްޓަރު މާހިރު ޣަރީބު ވިދާޅުވީ، މިއީ ކްލަބުގެ މިލްކިއްޔާތާއި ވަސީލަތްތައް ވިއްކާލުމުގެ މަޝްރޫޢެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ފުޓްބޯޅަ ހަރަކާތްތަކާ ގުޅޭ ޙައްޤުތަކާއި އާމްދަނީއާ ގުޅޭ ކަމެއް ކަމަށެވެ. އަދި "ޒަމާލިކްއަކީ ވިއްކާލާނެ އެއްޗެއް ނޫން" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.






