އެމެރިކާއާއި ވިލާތު އަދި ޖަޕާނުގެ މަޝްހޫރު ކުންފުނިތަކުން ދުނިޔޭގެ ސިއްހީ ދާއިރާގައި ހިފަހައްޓަމުން އައި ނުފޫޒާ ދެކޮޅަށް، ޗައިނާގެ ސިއްހީ އާލާތްތައް އުފައްދާ ކުންފުނިތަކުން ބައިނަލްއަޤުވާމީ ބާޒާރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އެ ދާއިރާގެ ވާދަވެރިކަން އިތުރުކުރަން ފަށައިފިއެވެ.
ދުނިޔޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން މީގެ ކުރިން އާންމުކޮށް ބޭނުންކުރަމުންދިޔައީ އެމެރިކާގެ ޖީ.އީ، އަދި ޖަރުމަނުގެ ސީމެންސް އަދި ނެދަލޭންޑްސްގެ ފިލިޕްސް ފަދަ ހުޅަނގުގެ މަޝްހޫރު ކުންފުނިތަކުގެ މެޝިންތަކެވެ. ނަމަވެސް، މިހާރު ގިނަ ހޮސްޕިޓަލްތަކަކުން ދަނީ ޗައިނާގެ ޝަންހާއީއަށް ނިސްބަތްވާ "ޔުނައިޓެޑް އިމޭޖިންގ ހެލްތުކެއަރ" ފަދަ ކުންފުނިތަކުގެ ޒަމާނީ ސީ.ޓީ ސްކޭނަރުތައް ބޭނުންކުރަން ފަށަމުންނެވެ. އާދައިގެ މެޝިންތަކުން މުޅި ހަށިގަނޑު ސްކޭންކުރުމަށް 20 މިނެޓު ނަގާއިރު، ޗައިނާގެ މި އައު މެޝިންތަކުން އެންމެ ފަސް މިނެޓު ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށްދެއެވެ.
ޗައިނާގެ ސިއްހީ އުފެއްދުންތަކުގެ ދާއިރާއަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބިގެންދިޔައީ ޗައިނާ ސަރުކާރުން ގެންގުޅޭ ޚާއްސަ ސިޔާސަތުތަކުގެ ސަބަބުންނެވެ. އެގޮތުން، ޗައިނާގެ އެތެރޭގެ ހޮސްޕިޓަލްތަކުން ޤައުމީ އުފެއްދުންތައް ބޭނުންކުރުން މަޖުބޫރުކުރުމާއި، ސިނާއީ ސްޓްރެޓެޖީ ތަކަށް ސަރުކާރުން ދިން އެހީތެރިކަން ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި އަހަރު އެކަނިވެސް ސިއްހީ އާލާތްތައް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކޮށްގެން ޗައިނާއަށް ވަނީ 24 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.
މި ކުރިއެރުންތަކާއެކުވެސް، ބައިނަލްއަޤުވާމީ މައިދާން ގައި އިތުބާރު ހޯދުމަކީ ޗައިނާގެ ކުންފުނިތަކަށް އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ހޮންކޮންގުގެ ހޮސްޕިޓަލެއްގެ ސީ.އީ.އޯ ނިކެއި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "އަޅުގަނޑުމެން މުޅިން ހުޅަނގުގެ އުފެއްދުންތައް ދޫކޮށްލަނީއެކޭ ނޫން، ނަމަވެސް ބޭނުންކުރާ ސާމާނުގެ ވައްތަރުތައް ސިންދަފާތުކޮށް ފުޅާކުރަނީ" ކަމަށެވެ.
ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހު ގައި އެމެރިކާއާއި ޗައިނާއާ ދެމެދު ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ސިއްހީ ޓެކްނޮލޮޖީގެ ދާއިރާއިން ޗައިނާއިން ހޯދަމުންދާ މި ކާމިޔާބީއަކީ އެމެރިކާއާއި ވިލާތުގެ ސިނާއީ ބާރުވެރިކަމަށް ކުރިމަތިވި އައު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރެވެއެެވެ.







