Photo by: NAU
Photo by: NAU

އެޗް.ޕީ އިން އުފެއްދުންތެރިކަން އަލުން ޗައިނާއަށް ބަދަލުކުރަން ފަށައިފި

ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުގެ، ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދިއުމުގެ ސަބަބުން، އެ ކުންފުނިތަކުގެ އުފެއްދުންތެރިކަމުގެ ބައެއް މަސައްކަތްތައް އަލުން ޗައިނާއަށް ބަދަލުކުރަން ފަށައިފިއެވެ. މީގެ ތެރޭގައި އެމެރިކާގެ މަޝްހޫރު އެޗް.ޕީ ކުންފުނިވެސް ހިމެނެއެވެ.

އެޗް.ޕީ އިން މީގެ ކުރިން ނިންމާފައިވަނީ "ޗައިނާ+1″ ސްޓްރެޓެޖީ ގެ ދަށުން އެ ކުންފުނީގެ އުފެއްދުންތެރިކަމުގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑު ބައެއް ޗައިނާ އިން ބޭރަށް ބަދަލުކުރުމަށެވެ. ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން މެމޮރީ އަދި ސްޓޯރޭޖް ޗިޕްތަކުގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން ކުރިމަތިވި މާލީ ފިއްތުންތަކުން އަރައިގަތުމަށް، އެޗް.ޕީ އިން ދަނީ އުފެއްދުންތެރިކަމުގެ ބައެއް މަރުހަލާތައް އަލުން ޗައިނާއަށް ބަދަލުކުރަމުންނެވެ.

ހުޅަނގުގެ ޤައުމުތަކުން ވިޔަފާރީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ކުންފުނިތަކުން އަލުން ޗައިނާއަށް ބަދަލުވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ. ސިނާއީ ދާއިރާގެ މުހައްލިލަކު ފާހަގަކުރެއްވި ގޮތުގައި، "ޗައިނާގެ ސަޕްލައި ޗެއިންގައި އަދިވެސް އެހެން ޤައުމުތަކަށް ނުލިބޭ ފަދަ ޚާއްސަ ކުރިއެރުންތަކާއި ފަސޭހަތަކެއް އެބަހުރިއެވެ."

އެޕަލް ފަދަ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ވަނީ ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ނިއުދިއްލީ އާއެކު ގުޅުން ބަދަހިކޮށް، އިންޑިއާގައި ބަދަލު ސަޕްލައި ޗެއިންތައް ޤާއިމުކުރުމަށް މަސައްކަތްކޮށްފައެވެ. އިންޑިއާ ސަރުކާރުންވެސް ވަނީ ހައި-ޓެކް އުފެއްދުންތެރިކަން އެ ޤައުމަށް ދަމައިގަތުމަށް ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް، ބްލޫމްބާގްގެ ކޮލަމިސްޓަކު ފާހަގަކުރި ގޮތުގައި، ޗައިނާގެ ޤާބިލުކަމާ އެއްވަރުކުރުމުގެ ނިޔަތުގައި ސަޕްލަޔަރުންނަށް ބޮޑެތި ސަބްސިޑީތައް ދިނުމަކީ ވިޔަފާރީގެ މައިދާން ގައި ކާމިޔާބު ލިބޭނެ ސްޓްރެޓެޖީ އެއް ނޫނެވެ.

ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހު ގައި އެމެރިކާއާއި ޗައިނާއާ ދެމެދު ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ އުފެއްދުންތެރިކަމުގެ ޚަރަދު ކުޑަކުރުމަށް އައު އުސޫލުތައް ހޯދަމުންނެވެ.

ހިއްސާ ކުރައްވާ!