އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ސްޓޭޓުގެ އުތުރުގައިވާ ބްލޫވޯޓަރ ސަރަހައްދުގައި ދިރިއުޅޭ މުސްކުޅި މީހެއްގެ ގޭދޮށަށް ބޮޑު "އީމޫ" ދޫންޏެއް އައިސް، ފާއިތުވި ނުވަ މަސްދުވަހު އޭނާއަށް ބިރު ދައްކަމުންދާ މައްސަލައެއް މީޑިއާ ގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
އުމުރުން ދުވަސްވީ މާލް ރިޗަރޑްސް ނަމަކަށް ކިޔާ މި މީހާ ބުނި ގޮތުގައި، "އެރިކް" ގެ ނަމުން ނަންދީފައިވާ މި ދޫނި ކޮންމެ ދުވަހަކު ހެނދުނު 6 ޖެހުމުގެ ކުރިން އޭނާގެ ގޭގެ ދޮރުމައްޗަށް އައިސް މަޑުކޮށްގެން އިނދެއެވެ. އަދި ގޭގެ ދޮރާށި ބަންދުކޮށްފައި ހުރިނަމަވެސް، އެ ދޫނި ގޯތިތެރެއަށް ވަދެ، އޭނާ ކުރާ ކޮންމެ ކަމަކަށް ފާރަވެރިވެ ފަހަތުން ހިނގައި ހަދައެވެ. މީގެ އިތުރުން މުޅި ދުވަހު އަޑުގަދަކޮށް ގޭގެ ގަރާޖާއި މަގުމައްޗަށް ނަޖިސް ބޭރުކުރާ ކަމަށް އޭނާ ބުނެއެވެ.
އީމޫއަކީ އިސްކޮޅުން ބޮޑު، ވަރުގަދަ ފަޔަކާއި ތޫނު ނިޔަފަތިތަކެއް ލިބިގެންވާ ދޫންޏެކެވެ. އެ ސޮރުގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެތީ ރިޗަރޑްސް ވަނީ ކަންބޮޑުވުން ހާމަކޮށްފައެވެ. މި މައްސަލަ ހައްލުކުރުމަށް އޭނާ ވަނީ ސިޓީ ކައުންސިލަށާއި ތިމާވެއްޓާ ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. ނަމަވެސް، ސަރުކާރުގެ އިދާރާތަކުން ބުނެފައިވަނީ އެ ދޫނީގެ ފަރާތުން އާންމުންނަށް ސީދާ ނުރައްކަލެއް ކުރިމަތިވާ ފަދަ އަމަލެއް ފެނިފައިނުވާތީ، އެ ދޫނި އެތަނުން ފައްސާލުމަށް ފިޔަވަޅެއް އަދި ނާޅާނެ ކަމަށެވެ.
ބްލޫވޯޓަރ ސަރަހައްދުގެ މީސް މީޑިއާ ގައި މި ދޫނި ވަރަށް މަގުބޫލެވެ. އެ ހިސާބުގެ ގިނަ މީހުން އެ ދޫނީގެ ފޮޓޯތައް ހިއްސާކުރި ނަމަވެސް، ބައެއް އާއިލާތަކުން ވަނީ ކުދިން ބަސްހުއްޓިއަށް ދާ ގަޑީގައި ދޫނި ކައިރިވުމުން ބިރުން އުޅެންޖެހޭ ކަމަށް ބުނެފައެވެ. ޖާނަވާރުންނާ ބެހޭ މާހިރުން ބުނާ ގޮތުގައި، މި ދޫނި ކުޑައިރު ގެންގުޅެފައިވަނީ ގޭގައި ގެންގުޅޭ ދޫންޏެއްގެ ގޮތުގައި ކަމަށް ބެލެވޭތީ، އިންސާނުންނާ އެސޮރުގެ ގުޅުން ބޮޑީއެވެ.






