ކަރާޗީ ކައިރީގައިވާ ޖަޒީރާއެއްގައި ލަޝްކަރީ ތައްޔިބާގެ ހަނގުރާމަވެރިން އޮޕަރޭޝަންތަކަށް ތަމްރީނުވަނީ

ޕާކިސްތާނުގެ ކަރާޗީއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ޗާރނާ ޖަޒީރާގައި، ލަޝްކަރޭ ތައްޔިބާގެ ހަނގުރާމަވެރިން ފަތުރުވެރިންގެ ގޮތުގައި ތިބެގެން ކަނޑުމަތީގެ ޚާއްސަ އޮޕަރޭޝަންތަކަށް ތަމްރީނުވަމުންދާ ކަމުގެ މައުލޫމާތު މީޑިއާއިން ހާމަކޮށްފިއެވެ.

އިންޓެލިޖެންސް އިދާރާތަކާ ހަވާލާދީ ހާމަކުރި ގޮތުގައި، ޑައިވިންގ އާއި ފަތުރުވެރިކަމުގެ ހަރަކާތްތަކަށް މަޝްހޫރު މި ޖަޒީރާގައި ލަޝްކަރުގެ "ދަޢުވާ މެރީން ވިންގް" އަދި "ޞަދާއޭ ހުއްރިއްޔަތު" ގްރޫޕުގެ ހަނގުރާމަވެރިން އަންނަނީ ސުކޫބާ ޑައިވިންގ އާއި، ކަނޑުއަޑީގެ ހަމަލާތަކާއި، އަދި ކަނޑުމަތީގެ އެހެނިހެން ހަރަކާތްތަކަށް ތަމްރީނުވަމުންނެވެ. މި ތަމްރީނުތައް ހިންގުމުގައި އެހީތެރިވަނީ ލަޝްކަރުގެ ފްރަންޓް ޖަމާޢަތެއް ކަމަށްވާ ޕާކިސްތާން މަރުކަޒީ މުސްލިމް ލީގު ގެ މެންބަރުންނެވެ.

2008 ވަނަ އަހަރު މުމްބާއީއަށް ދިން ނުރައްކާތެރި ހަމަލާގައި ބައިވބެރިވާ ލަޝްކަރުން އެ ސިޓީއަށް އެތެރެވީ ކަނޑުމަގުން ނެވެ. ލަޝްކަރުން ވަނީ އެއަށްފަހު ކަނޑުމަތީގެ ހަނގުރާމަވެރިންގެ ކުޑަ ގްރޫޕެއް ބަލަހައްޓަމުން ފގޮސްފައެވެ. ނަމަވެސް ފަހަކަށް އައިސް، ކަނޑުމަގުން ބޮޑެތި ހަމަލާތަކެއް ދިނުމަށް އެ ޖަމާޢަތުން އަންނަނީ ސްޓްރެޓެޖީ ބަދަލުކޮށް، ތަމްރީނުތައް ވަރުގަދަކުރަމުންނެވެ. އިންޑިއާގެ ސެކިއުރިޓީ އެޖެންސީތަކުން ވަނީ މި މައްސަލައިގައި ފާރަވެރިވެ، ކަނޑުމަގުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރުވެފައިވާ ކަން ހާމަކޮށްފައެވެ.

އިންޑިއާގެ ކައުންޓަރ އިންޓެލިޖެންސް ކަޝްމީރު\އިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޒުވާނުން ހަރުކަށި ފިކުރަށް ލަންބުވައި، ލަޝްކަރަށް މީހުން ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކާ ގުޅިގެން ޖައްމޫ އާއި ކަޝްމީރުގެ 6 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. މި ސާޗް އޮޕަރޭޝަންތަކުގައި ޑިޖިޓަލް ވަސީލަތްތަކާއި މުހިންމު ލިޔެކިޔުންތަކެއް ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހިއްސާ ކުރައްވާ!