ޢަބްދުއްސައްޔިދު ވެވަޑައިގެންނެވި ވައުދުތައް ތަންފީޒުކުރެއްވޭނީ ކިހާވަރަކަށް؟ 

ޢަބްދުއްސައްޔިދު ސެނެޓުގެ ދައުރު ފައްޓަވާނީ 3 ޖަނަވަރީ 2027 ގައެވެ. މަގާމާ ހަވާލުވެވަޑައިގަންނަވާ ހިސާބުން ފެށިގެން، ބިލްތައް ހުށަހެޅުމާއި، ބަޖެޓަށާއި މަގާމުތަކަށް އައްޔަންކުރާ މީހުންނަށް ވޯޓުދިނުމާއި، އަދި ސެނެޓުގެ ކޮމިޓީތަކުގައި ބައިވެރިވުމުގެ ބާރު އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ.

ޢަބްދުއްސައްޔިދުގެ ކެމްޕޭން ވައުދުތަކުގެ އެންމެ ކުރީގައިވަނީ އެންމެނަށް ބޭސްފަރުވާ ހަމަޖައްސާ "މެޑިކޭއާ ފޯ އޯލް" މަޝްރޫއެވެ. މިއީ ކުރިން އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަވެފައިވާ ސަރުކާރުގެ ސިއްހީ އިންޝޫރަންސް "މެޑިކޭއާ" ފުޅާކޮށް، އެމެރިކާގެ އެންމެހައި ރައްޔިތުން އޭގެ ތެރޭގައި ހިމެނުމުގެ މަޝްރޫއެކެވެ.

އޭނާގެ ކެމްޕޭން މެނިފެސްޓޯގައިވާ ގޮތުން، މި އާ ނިޒާމުގެ ތެރެއިން ދަތުގެ ފަރުވާއާއި، ލޮލުގެ ފަރުވާއާއި، އަދި އަޑުއެހުމުގެ ފަރުވާ ހިމެނޭހެން ކޮންމެހެން ބޭނުންވާ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި މީގެ ތެރޭގައި އިންޝޫރަންސް ޕްރީމިއަމްތަކާއި، ކޯ-ޕޭމަންޓްތައް، ނުވަތަ ބަލިމީހާ އަމިއްލައަށް ދައްކަންޖެހޭ ޚަރަދުތައް މީހާއަށް ބުރައަކަށް ވެގެން ނުވާނެއެވެ.

އޭގެ އިތުރުން، ސިއްހީ ފަރުވާއާ ގުޅޭ ދަރަނިތައް މާފުކުރުމަށާއި، ބޭހަށް ސަރުކާރުން ދޭ އެހީ ފުޅާކުރުމަށާއި، އަދި ޓްރަމްޕްގެ ސަރުކާރުން "މެޑިކޭޑް" އާއި ސިއްހީ އިންޝޫރަންސްގެ އެހީތަކުން އުނިކުރި ފައިސާ އަނބުރާ އިއާދަކުރުމަށް އޭނާ ވައުދުވިއެވެ.

އަދި ބޭހުގެ އަގުތަކާއި އިންޝޫރަންސް ކަވަރޭޖުގެ ޝަރުތުތައް ކަނޑައެޅުމަށް ކުންފުނިތަކާއި، ހޮސްޕިޓަލްތަކާއި، ބޭސްފިހާރަތަކާއި، އިންޝޫރަންސް ކުންފުނިތަކާއެކު މެދުވެރިންގެ ގޮތުގައި ވާހަކަދައްކާ ބޭހުގެ ކަންކަން މެނޭޖްކުރާ މެދުވެރިން ތިބުމުގެ ވިޔަފާރި މޮޑެލް ނައްތާލުމުގެ ހުށަހެޅުމެއްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ޢަބްދުއްސައްޔިދު ދެކެވަޑައިގަންނަވާ ގޮތުގައި މި ނިޒާމުގެ ސަބަބުން ބަލިމީހުންގެ އަތުން ނުޙައްޤުން އިތުރު ޚަރަދުތަކެއް ހަސްފަތާލުތަކުން ނަގައެވެ. އަދި އޭގެ ބަދަލުގައި ދެފުށް ފެންނަ ސާފު ނިޒާމެއް ގާއިމުކުރުމަށާއި، ސަރުކާރުގެ ދާއިރާ މެދުވެރިކޮށް މުހިންމު ބައެއް ބޭސްތައް އުފެއްދުމަށް އޭނާ ހުށަހަޅުއްވައެވެ.

މި މަޝްރޫއު ތަންފީޒުކުރުމަށްޓަކައި އާ ގާނޫނުތައް ހަދަން ޖެހޭނެއެވެ. އެކަންކަމަށް ފައިސާ ލިބޭނެ ގޮތްތައް ހޯދުމަށް ވަސީލަތްތައް ކަނޑައަޅަން ޖެހެއެވެ.

ކޮންގްރެސްގެ މެޖޯރިޓީ ތާއީދު ވެސް ބޭނުންވާނެއެވެ، އަދި ސެނެޓުގެ އިޖުރާއީ ގަވާއިދުތަކާ ވެސް ކުރިމަތިލާންޖެހޭނެ އެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އާންމު ގާނޫނުތަކުގެ ބަހުސް ނިންމާލުމަށް އާންމުކޮށް 60 ސެނެޓަރުންގެ ތާއީދު ބޭނުންވާ ގަވާއިދެވެ.

މިހާރު މާހައުލު އޮތްގޮތުން އަބުުދުއްސައްޔިދަށް މިފަދަ ތާއީދެއް ލިބޭނެއެވެ.

ބޭހުގެ އަގުތަކުގެ މައްސަލައިގައި، ވާދަވެރިކަން އިތުރުކުރުމުގެ ގާނޫނުތަކަށް ތާއީދުކުރުމާއި، ބޭސް ކުންފުނިތަކާއެކު ވާހަކަދެއްކުމަށް ސަރުކާރަށް އޮންނަ ބާރު ފުޅާކުރުމާއި، ނުވަތަ ގެދޮރުވެރިކަމާއި ސިއްހީ ރައްކާތެރިކަމަށް ދޭ އެހީތައް އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަކީ އޭނާ ކުރައްވާނެ ކަމެކެވެ. ނަމަވެސް ބޭހުގެ އަގުތައް ތިރިކުރުމަށް ސީދާ އަމުރެއް ނެރުން ނުވަތަ އެންގުމުގެ ބާރެއް އޭނާއަކަށް ނުލިބޭނެއެވެ.

އޭނާގެ މެނިފެސްޓޯގެ މި ކަންކަމަށް ބޭނުންވާ ފައސާ ހަމަޖެއްސުން ގުޅިފައިވަނީ ބޭރު ގައުމުތަކަށް ކުރާ ޚަރަދުތަކާމެދު އޭނާގެ ގެންގުޅުއްވާ ވިސްނުމާއެވެ.

އިސްރާއީލުގެ ސިފައިންނަށް އެމެރިކާއިން ފައިސާ ދޭ ދިނުމަށް އޭނާ ތަކުރާރުކޮށް ފާޑުވިދާޅުވެ އެވެ. އަދި އޭނާ ވަނީ އެފައިސާ އިސްރާއީލަށް ދިނުމަށް ވުރެން ބޮޑަށް އެމެރިކާގެ އެތެރޭގެ އާންމު ޚިދުމަތްތަކަށް އެފައިސ ާހޭދަ ކުރުމަށް ގޮވާލައްވާފައެވެ.

އެހެންކަމުން، ޢަބްދުއްސައްޔިދާއި އެހެނިހެން ޢަރަބި، މުސްލިމް އަދި ޕްރޮގްރެސިވް ކެންޑިޑޭޓުން ކޮންގްރެސްއަށް އިންތިޚާބުވުމުން އެމެރިކާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް ފަހި ވެގެން ދާނެއެވެ. ނަމަވެސް އަމިއްލައަށް އެބޭފުޅުންގެ ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރެއް ނުލިބޭނެއެވެ.

މި އިންތިޚާބުގެ އެންމެ ބޮޑު ކާމިޔާބީއަކީ ގާނޫނުހެދުމާއި، މާލީ ކަންކަމާއި، އަދި ގާނޫނު ހަދާ މަޖިލީހުގެ ފާރަވެރިވުމުގެ ބާރު އިދިކޮ:ު ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީއަކަށް ބަދަލުވެގެން ދިއުމެވެ.

މީގެ ސަބަބުން ޓްރަމްޕްގެ ސަރުކާރުގެ ބާރުތައް ހަނިކޮށް، ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ބޮޑު ވެގެން ދާނެއެވެ.

ހިއްސާ ކުރައްވާ!