އެންވީޑިއާގެ ސީއީއޯ ޗައިނާގެ ޖާސޫސަކާ ލޯބީގެ ގޮތުން ގުޅުނު ކަމަށް ސީއައިއޭ އިން ތުހުމަތުކޮށްފި

ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެންވީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޖެންސަން ހުއާންގް، ޗައިނާގެ ސްޓޭޓް ސެކިއުރިޓީ މިނިސްޓްރީގެ ޖާސޫސެއްގެ ގޮތުގައި އެމެރިކާގެ އިންޓެލިޖެންސް އިން ތުހުމަތުކުރާ އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާއާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފިއެވެ.

ފިނި ހަނގުރާމައިގެ ޒަމާނުގެ ސިޔާސަތުތަކާ އެއްގޮތަށް ޓެކްނޮލޮޖީގެ މައިދާނުގައި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްބުނެ އެމެރިކާގެ ސިފައިންނާއި އިންޓެލިޖެންސް އިދާރާތަކުން ތައްޔާރުކޮށްފައިވާ މި މެމޯތަކުގައިވާ ގޮތުން، ޖެންސަން ހުއާންގް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސިންގަޕޫރުގައި ހުންނަ "މެގަސްޕީޑް" ކުންފުނީގެ އިސް އޮފިސަރެއް ކަމަށްވާ އެލިސް ހުއާންގް އަދި ހުއާންގް ލޭގެ ނަމުންވެސް މަޝްހޫރު މީހަކާ އެވެ. މި ދެމީހުންގެ މެދުގައި އެއްވެސް ތިމާގެކަމެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ފިނޭންޝަލް ޓައިމްސް އާއި ނިއުޔޯކް ޓައިމްސްގެ ރިޕޯޓުތައް ބިނާކޮށްފައިވަނީ ސިއްރު އިންޓެލިޖެންސް މައުލޫމާތާއި ސަވައިލެންސް ރިޕޯޓުތަކަށް އަހުލުވެރި ނަން ހާމަނުކުރާ މަސްދަރުތަކެއްގެ މައްޗަށެވެ. އެމެރިކާގެ އިންޓެލިޖެންސް އިން ތުހުމަތުކުރާ ގޮތުގައި އެލިސް ހުއާންގް ވަނީ ޗައިނާއަށް ބޭނުންވާ ސެމީކޮންޑަކްޓަރ އަދި އާޓިފިޝަލް އިންޓެލޮޖެންސްގެ މުހިންމު މައުލޫމާތުތަކެއް ހޯދުމުގެ ބޭނުމުގައި ޖެންސަން ހުއާންގާ ގާތްގުޅުމެއް އުފައްދާފައެވެ.

މި މައްސަލައާ ގުޅިގެން އެންވީޑިއާ ކުންފުނިން ބުނެފައިވަނީ، ޖެންސަން ހުއާންގާއި އެލިސް ހުއާންގާ ދެމެދު އޮތް ކަމަށް ބުނާ ލޯބީގެ ގުޅުމަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި، އެއީ ކުންފުނީގެ ކަސްޓަމަރަކާއެކު އޮތް އާންމު ވިޔަފާރީގެ ބައްދަލުވުންތަކެއް ކަމަށެވެ. އަދި މެގަސްޕީޑް ކުންފުނި މެދުވެރިކޮށް ޗައިނާއަށް ޗިޕްތައް ލީކުކޮށްލާފައިވާ ކަމަށް ކުރެވުނު ތުހުމަތުތައް ކުރިންވެސް ބަލައި، އެއީ ޙަޤީޤަތާ ޚިލާފު ކަންކަން ކަމަށް ސާބިތުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަަށް އިންޓެލިޖެންސް ފަރާތްތަކުން ބްރީފްކޮށްފައިވި ނަމަވެސް، ޖެންސަން ހުއާންގްގެ މައްޗަށް އެއްވެސް ޖިނާއީ ތުހުމަތެއް ކޮށްފައި ނުވާ ކަމަށާއި، އޭނާ ހައްޔަރުކުރުމުގެ ނުވަތަ ރަސްމީ ތަޙުޤީޤެއް ހިންގުމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ވައިޓް ހައުސްއާއި ސީއައިއޭ އިން މި މައްސަލައާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ޗައިނާ ސަރުކާރުން ވަނީ މި ތުހުމަތުތަކަކީ އެމެރިކާއިން ޗައިނާ ބަދުނާމުކުރުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ބުނެ މުޅިން ދޮގުކޮށްފައެވެ.

ހިއްސާ ކުރައްވާ!