ސެނެޓަރ އައްސައްޔިދު "ޙަބީބީ" ސިޔާސީ އިއްތިހާދު އުފައްދަވައިފި

އެމެރިކާގެ ސެނެޓަށް މިޗިގަން ސްޓޭޓުން އިންތިޚާބުވެވަޑައިގަތް މުސްލިމް ސެނެޓަރު ޢަބްދުއްރަޙްމާން އައްސައްޔިދު، "ޙަބީބީ ޕެކް" ހަބީބީ ޕަބްލިކް އެފެއާޒް ކޮމިޓީގެ ނަމުގައި ޚާއްސަ ސިޔާސީ ކޮމިޓީއެއް އުފައްދަވައިފިއެވެ. މި ކޮމިޓީން އެންމެ ފުރަތަމަ މަސައްކަތް ކުރައްވާނީ، އެމެރިކާގެ ސިއްހަތާ ބެހޭ ނާގާބިލު ވަޒީރު ރޮބަޓް އެފް ކެނެޑީ ޖޫނިއަރގެ މައްސަލަތަކެއް ބެލުމެވެ.

އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވި ލިޔެކިޔުންތަކާ ހަވާލާދީ "ދަ ހިލް" ނޫހުން ރިޕޯޓުކުރި ގޮތުގައި، މިއީ ސެނެޓަރު އައްސައްޔިދުގެ ކެމްޕޭން އޮފީހާ ވަކިން ހިންގާނެ މިނިވަން ލީޑަރޝިޕް ކޮމިޓީއެކެވެ. މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޑިމޮކްރެޓިކް ޕާޓީގައު އުޅޭ ޚިޔާލު އެއްގޮތް އެކުވެރި ސިޔާސީ ފަރާތްތަކަށް ފަންޑު ހޯދައިދިނުމާއި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ޑިމޮކްރެޓިކް ޕާޓީގެ ސްޓްރެޓެޖީއަށް ނުފޫޒު ފޯރުވުމެވެ.

ޢަރަބި ބަހުން ތަކުރާރުކޮށް އޭނާ ބޭނުންކުރާ "ޙަބީބީ" މި ނަން މި ކޮމިޓީއަށް ދެއްވީ، މުސްލިމުންނާއި ހަތުރުވެރި ޓްރަމްޕާއި އެނާގެ ނާއިބް ވެންސް އަދި ރޮބަޓް ކެނެޑީފަދަ ތަންދޮރު ނުދަންނަ ވާދަވެރިންގެ ނަފްރަތުގެ ވާހަކަތަކަށް ރައްދުދެއް ވުމިުގެ ގޮތުންނެވެ. އަދި މިއީ އާންމުންގެ ވިންދު ދަންނަ ސިޔާސީ ހަރަކާތެއް ބިނާކުރެއްވުމުގެ މަގުސަދުގައި އޭނާ އުފައްދަވާ ކޮމިޓީއެކެވެ.

އެމެރިކާގެ ޒަޔަނިސްޓުން ވެސް ވަނީ އެމީހުންގެ އައުވާނުންނާއެކު އެމެރިކާގެ ސިޔާސަތަށް ނުފޫޒު ފޯރުވުމަށް އެމެރިކަން އިސްރާއީލީ ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އުފައްދާފައެވެ. މިއީ އިންތިޚާބުގައި ކެންޑިޑޭޓުންނަށް މިލިއަނުން ހޭދަ ކުރާ ބައެކެވެ. މިމީހުން ވަނީ ޓްރަމްޕްގެ ކެމްޕޭނަށް 200 މިލިއަނަށް ވުރެން ގިނައިން ހޭދަ ކޮށްފައެވެ.

ނަމަވެސް ޒަޔަނިސްޓުންނާ ދެކޮޅުވެރި ގޮތަކަށް މިއިންތިޚާބުގެ ނަތީޖާތައް ލިބުމުން ޔަހޫދީންގެ އައިޕެކް ވަނީ ބޮނދައިފައެވެ. އެހެން ފަހަރު ފަހަރު އެމީޙުން ސަޕޯޓު ކުރާ ކެންޑިޑޭޓުންނަށް މަރުހަބާ ލިޔައެވެ. ނަމަވެސް މި ފަހަރު އެފަދަ އެއްވެސް ކަމެއް ފެނި ފައެއް ނުވެއެވެ.

އައިޕެކް އިން ސަޕޯޓު ލިބިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭން އެމީހުންގެ ފައިސާ ކުރިމަގުގައި ލިބި ނުގަންނާނެ ކަމަށް މިހާތަނަށް ބުނެފައި ވަނީ އެންމެ އަންހެން ކެންޑިޑޭޭޓެކެވެ.

އަނެއްކޮޅުން ޑިމޮކްރެޓިކް ޕާޓީގެ ޖެފްރީ ހަކީމްވެސް އައިޕެކްއިން އިންތިޚާބުގެ ތެރޭގައި ފައިސާ ހޯދާފައިވާ ކަމުގެ މައުލޫމާތު ތިލަވުމާއެކު އޭނާ ހައުސްގެ މެޖޯރިޖީ ލީޑަރުކަމުން ދުރުކުރުމަށް މީހުން ދަނީ ގޮވާލަމުންނެވެ.

ކެމްޕޭން ދުވަސްވަރު އެމެރިކާގެ ނާލާއިގް ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖުމްހޫރީ ޕާޓީގެ އިސް ފަރާތްތަކުން ވަނީ އައްސައްޔިދަށް މަލާމާތް ކޮށް އޭނާގެ އިސްލާމީ ޝަޚުސިއްޔަތަށް އަމާޒުކޮށް، އޭނާއަކީ "ޖިހާދީއެއް" ކަމަށް ސިފަކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

ނަމަވެސް، އިސްރާއީލަށް ދޭ އަސްކަރީ އެހީ ދިނުމާ ދެކޮޅަށް ވަކާލާތު ކުރެއްވި އައްސައްޔިދު ވަނީ ސެނެޓުގެ ގޮނޑި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފައެވެ.

"ސީއެންއެން" އަށް ދެއްވި އިންޓަވިއުއެއްގައި އައްސައްޔިދު ވިދާޅުވީ، ކެނެޑީގެ ވުޒާރާއިން ސިއްހީ ރައްކާތެރިކަމުގެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާ ކަމަށެވެ. އެގޮތުން، އެމެރިކާގެ ސީޑީސީގެ ލެބޯޓްރީތަކުގެ މުއައްސަސާގެ މުވައްޒަފުންގެ އަދަދު 11 އިން 3 އަށް ދަށްކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ ނިޒާމުތައް ބަލިކަށިކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މެކްސިކޯއިން އެތެރެކުރި ތަރުކާރީގެ ޒަރީޢާއިން ފެތުރުނު ބައްޔެއްގެ ސަބަބުން މީޝިގަން ސްޓޭޓުން 15،000 އަށްވުރެ ގިނަ މީހުން ބަލިވެ، 370 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށް، ދެ މީހަކު ވަނީ މަރުވެފައެވެ.

މި މައްސަލައާ ގުޅިގެން ވަޒީރު ކެނެޑީ ވިދާޅުވީ، ބަލި ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މުވައްޒަފުން މަދުކުރީ އިސްރާފު ކުޑަކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އައްސައްޔިދު ވިދާޅުވީ، މިއީ އެމެރިކާގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމެއް ކަމަށާއި ކެނެޑީގެ ނާގާބިލުކަމާ ހެދި ދިމާވި ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!